Ad

މާލެ ރައްޔިތުންނަށް ގޯތި ދޭން ޖެހޭނީ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ގޯތި ދޭގޮތަށް ހިލޭ: މޭޔަރ މުއިއްޒު

  • ހުޅުމާލެ ފޭސް-1 ހިމެނޭ ގޮތަށް މިހާރުވެސް 4000 ގޯތި މާލެ ރައްޔިތުންނަށް ދެވޭނެ.

މާލެ ރައްޔިތުންނަށް ގޯތި ދޭން ޖެހޭނީ އެހެން ރަށްރަށުގެ ރައްޔިތުންނަށް ވެސް ގޯތި ދޭގޮތަށް ހިލޭ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ދިވެހި ޗެނަލްގެ “ހަވާސާ” ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

"އެހެން ރަށްތަކުގައި ހަމަ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައިވާ ބިން ހިއްކާފައި، އެބިން ހިއްކަން ދިޔަ އަގު އަނބުރާ ހޯދާކަށެއް ވިއްކަނީކީ ނޫން ގޯތި. ހަމަ ހިލޭ ދެނީ. އެކަމަކު މާލޭގެ ބިމުން މާލޭގެ ރައްޔިތުންނަށް ހިލޭ ބިން ލިބޭ ގޮތަކަށް ނޫން މިއޮންނަނީކީ" މޭޔަރ މުއިއްޒުގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވިދާޅުވިއެވެ.

މޭޔަރ ވިދާޅުވީ މާލޭގެ އިހުތިސާސްގެ ތެރެއިން ބިން ހިއްކާފިއްޔާ އެއަގު އަނބުރާ ހޯދަން ސަރުކާރުން ބޭނުންވާ ކަމަށާއި މިގޮތް ދެކޮޅު ނުޖެހޭ ކަމަށާއި އަދި ދެކޮޅު ޖެހޭނެ އެއްވެސް ހަމައެއް ނެތް ކަމަށް މާލޭ ސިޓީގެ މޭޔަރ މުއިއްޒު ވިދާޅުވިއެވެ.

"މާލެ އިހުތިސާސް ތެރޭގައި ބިން ހިއްކާފިއްޔާ އެއަށް އަގު ހޯދަން ޖެހިއްޖެ. އެކަމަކު އެހެން ރަށެއްގެ އިހުތިސާސް ތެރޭގައި ހިއްކާ ބިން ހިލޭ ދޭން ޖެހޭ. އެހެންވީމަ މިކަން އެބަޖެހޭ ނޫންތޯ ސަރުކާރުން ރައްޔިތުންނަށް ކިޔާދޭން. މިހެން ވާންޖެހޭ ސަބަބެއް. މާލޭގެ ރައްޔިތުން ވެއްޖެއްޔާ އަގު ދައްކަން ޖެހޭ ސަބަބެއް އޮންނަން ޖެހޭނެ" މޭޔަރ މުއިއްޒު ވިދާޅުވިއެވެ.

ހަމަހަމަކަން ޤާއިމް ކުރެވިއްޖެ ނަމަ އެކަން އަންޑަސްޓޭންޑް ވާނެ ކަމަށް އިޝާރާތް ކުރައްވަމުން މޭޔަރ ވިދާޅުވީ "އެހެންނެއް ނޫން، އެހަމަ ހަމަކަން އޮވެއްޖެއްޔާމު ދެއްކޭނެ ވާހަކަ އެބަހުރި. އޮވެއްޖެއްޔާމު ދެއްކޭނެ ވާހަކައަކީ، ފައިސާއޭ މިޚަރަދު ކުރަނި، އެފައިސާ އިޤުތިސާދީ ނަޒަރަކުން ބަލާއިފިއްޔާ ރިކަވަރ ކުރެވެން ޖެހޭނެ. ރިކަވަރ ކުރެވޭނީ ކޮންމެވެސް އަދަދަކަށް ފައިސާ ހޯދައިގެން. އެ އާރގިއުމެންޓް އެޕްލައިވާން ޖެހޭނެޔޭ ހަމަހަމަ ގޮތެއްގައި" މިފަދައިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *