Ad

ފެލިވަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ޅ.ފެލިވަރުގެ މަސްކާރުޚާނާ އަޕްގްރޭޑްކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢު ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްލަވާލައްވައިފިއެވެ.

ފެލިވަރުގައި މަހުގެ އުފެއްދުންތައް ބަންދުކުރާ އިތުރު ކާރުޚާނާއާއެކު، އެތަނުގެ ކެޕޭސިޓީ އިތުރުކުރުމަށް ސަރުކާރުން ދަނީ އެރަށުގައި ބިޔަ މަޝްރޫޢެއް ހިންގަވަމުންނެވެ. މިމަޝްރޫޢު ކުރިއަށްދާގޮތް ރައީސް ވަނީ ބައްލަވާލައްވާފައެވެ. އަދި މިމަޝްރޫޢު ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސް އޮޅުންފިލުއްވެވިއެވެ.

ފެލިވަރު އަޕްގްރޭޑްކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން އެރަށުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ނުވަތަ ފިނި ކޮށާރަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދުކުރެވޭނެ ކާރުޚާނާއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ބްރައިން ފްރީޒިންގ ފެސިލިޓީއާއި، ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، ފިޝްމީލް ޕްލާންޓަކާއި އެހެނިހެން ވަޞީލަތްތައްވެސް ފެލިވަރުގައި ޤާއިމުކުރާނެއެވެ.

މީގެ އިތުރުން އެ ފެސިލިޓީތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް 3 މެގަވޯޓްގެ ކަރަންޓް އިތުރުކުރުމާއި، މަސް ކިރާ މަގަތުފާލަމެއް ތަރައްޤީކުރުންވެސް ހިމެނެއެވެ. މިއާއެކު އެއްފަހަރާ 3 ދޯންޏަށް މަސް ކިރުވަން ފާލަމަށް ކައިރިކުރެވޭނެކަމަށް މިފްކޯއިން މަޢުލޫމާތު ދެއެވެ.

ސަރުކާރުން ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެރަށުގެ ބިން ހިއްކައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުވެސް އަންނަނީ ހިންގަމުންނެވެ. ބަނދަރު ބޮޑުކޮށް ބިން ހިއްކާ ސަރަހައްދަސްވެސް ރައީސް ވަނީ ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައެވެ.

ފެލިވަރު ބަނދަރަކީ ރާއްޖޭގެ މުޅި މަސްވެރިކަމުގެ ސިނާޢަތަށް މުހިންމު ބަނދަރެކެވެ. މިބަނދަރު ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 113.39 މިލިއަން ރުފިޔާއަށެވެ.

ރާއްޖޭގައި ހުރި އެންމެ ވަރުގަދަ އެއް ބަނދަރަށް ފެލިވަރު ބަނދަރު ހެދުމަށްޓަކައި ފެލިވަރުގައި 6 ހެކްޓަރުގެ ބިން ހިއްކައި ދެލައްކަ ނަވާވީސް ހާހަސް އަކަމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 220 މީޓަރުގެ އެއްގަމު ތޮއްޓަކާއި 148 މީޓަރުގެ ބޭރު ތޮއްޓެއްގެ އިތުރުން 270 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

އަހަރެއްގެ ތެރޭގައި އެމްޓީސީސީއިން މިމަސއްކަތް ނިންމާލުމަށް ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތުން މަސްވެރިންނަށާއި، މިފްކޯއަށާއި މުޅި ޤައުމުގެ އިޤްތިސާދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ. އަދި މަސްވެރިން ބާނާ މަސް، ދަތިކަމަކާ ނުލައި ކިރޭނެ މަގު ފަހިކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ވިސްނުންފުޅު ތަންފީޒްކުރުމަށް ވަރަށް ބޮޑު ބާރަކަށް މިމަޝްރޫޢުވެގެންދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *