Ad

އެތެރެހަށީގައި މަސްތުވާތަކެތި އެތެރެކުރިކަމުގައި ބުނެ ކުރި ދަޢުވާ ސާބިތެއްނުވި!

ފުރަގަސް ފަރާތުގައި މަސްތުވާތަކެތި ރައްކާކޮށްގެންކަމުގައި ބުނެ ކުރި ދަޢުވާ ސާބިތުނުވާކަމަށް ލ. ގަން މެޖިސްޓްރޭޓް ކޯޓުން ނިންމައިފިއެވެ. ދައުލަތުން އެދަޢުވާ އުފުލާފައިވަނީ 2019 ވަނަ އަހަރުކުރީ ކޮޅުގައެވެ. ދަޢުވާގެ ޝަރުޢީ މަރުޙަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުނުއިރު، ހުރިހާ ހެކިންގެ ހެކިންގެ ހެކިބަހުން ޖުމްލަކޮށް ފާހަގަވެފައިވަނީ، ދަޢުވާލިބޭ ފަރާތުގެ މައްޗަށް ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތެއް އެކަނިކަމަށާއި، އެމަޢުލޫމާތަކީވެސް މަސްތުވާތަކެތި އެތެރެކުރާކަމުގެ މަޢުލޫމާތު އެކަނިކަމެވެ. އެހެން ނަމަވެސް، ދަޢުވާލިބޭ ފަރާތުގެ އެތެރެހަށީގައި މަސްތުވާތަކެތި ހުރިކަމުގެ މަޢުލޫމާތު ދުރާލައި ފުލުހުންނަށް ލިބުނު އެއްވެސް ގޮތެއް ހެކިންގެ ހެކިބަހުގައި ބުނެދީފައިނުވެއެވެ.

މައްސަލާގެ ދިފާޢީ ވަކީލު ޝަޛީމު ވަޙީދު ވިދާޅުވީ، ދަޢުވާލިބޭ ފަރާތް ހައްޔަރުކޮށް ހެކި ހޯދުމާއި ހަމައަށް ފުލުހުން ޢަމަލުކުރީ ޤާނޫނާއި ޚިލާފަށެވެ. އެގޮތުން، އޭރު ފުލުހުން އަމަލުކުރަމުން އަންނަ ފުލުހުންނަށް ލިބިދިފައިވާ ޤާނޫނީ އެންމެހައި ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދުގައި ބުނާގޮތުން، މީހެއްގެ ހަށިގަނޑު އެކްސްރޭކޮށް، އެތެރެހަށީގައި ރައްކާކޮށްފައިވާ މަސްތުވާއެއްޗެއް ހޯދޭނީ، ގާތުން ބަލާފާސްކޮށްގެން، ޞިއްޙީ ދާއިރާގެ ލަފާގެ މަތިންކަމަށާއި، މިމައްސަލާގައި އެފަދަ އެއްވެސް ލަފައެއް ނުވަތަ ޑޮކްޓަރެއްގެ ހުއްދައެއްވެސް ފުލުހުން ހޯދާފައިނުވެއެވެ.

ދަޢުވާކުރެވިފައިވާ މަސްތުވާތަކެތީގެ ބަރުދަނާއި، މަސްތުވާތަކެތީގެ ރިޕޯޓުގައިވާ ޖުމްލަ ބަރުދަނާއިވެސް ދިމާނުވާކަމަށާއި، ދައުލަތުން އެކަމަށް އެއްވެސް ރައްދެއްދީފައިނުވާއިރު، ދަޢުވާކޮށްފައިވާ ބަރުދަނަށްވުރެ، މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާތަކެތީގެ ބަރުދަން އިތުރުވާންޖެހޭ ސަބަބެއް އެރިޕޯޓުންވެސް އެނގެންނެތްކަމުގައި ދިފާޢީ ވަކީލު ޝަޛީމު ވަޙީދު ފާހަގަކުރެއްވިއެވެ. އަދި، މީގެ އިތުރުން، ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓެއް ތައްޔާރުކޮށް ޝަރީޢަތަށް ހުށަހެޅިފައިނުވަނީ ކީއްވެތޯ ދިފާޢީ ވަކީލު ޝަޛީމު ވަޙީދު ކުރެއްވި ސުވާލަށްވެސް ދައުލަތުން ރައްދެއްދީފައިނުވެއެވެ. ދިފާޢީ ވަކީލު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކުގައި ދައުލަތުން ހުށަހަޅާ އަސާސީ އެއް ރިޕޯޓަކީ ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓުކަމަށާއި، މިމައްސަލާގައި އެރިޕޯޓު ހުށަހަޅާފައިނުވާއިރު، އެއީ ދަޢުވާގައި ބުނާ ޙާދިސާ ހިނގިކަމާމެދު ޝައްކު އުފެދޭކަމެކެވެ.

ދަޢުވާގައި ބުނާ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ސިލްސިލާ ވަނީ މެދުކެނޑިފައިކަމުގައި ދިފާޢީ ވަކީލު ޝަޛީމު ވަޙީދު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، މަސްތުވާތަކެތި ލެބޯޓަރީވަނުމަށްފަހު، ތަޙްލީލުކުރި މީހާ އާއި ހަމައަށް ވާޞިލުވިގޮތެއް އެނގެންނެތި، 10 ދުވަހުގެ މުއްދަތަށް ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުކެނޑިފައިވާކަމުގައި ދިފާޢީ ވަކީލު ވިދާޅުވިއިރު ސީނުން މަސްތުވާތަކެތި ސީލްކުރި ފަރާތުން ބުނެފައިވާ ގޮތުން، އެތަކެތި އެފަރާތުގެ ބެލުމުގެ ދަށުގައިހުރީ ކިހާ ދުވަހަކު ކިހިނެއްކަމެއް ބުނެދޭކަށް ނޭނގޭކަމަށެވެ.

ޖިނާޢީ ގިނަ މައްސަލަތަކުގައި ކުށް ސާބިތުނުވާކަމަށް ކޯޓުން ޙުކުމްކުރަނީ ތަޙްޤީޤުގައި ފުލުހުން ހަދާ ގޯސްތަކުގެ މައްޗަށެވެ. ޤާނޫނާއި ޚިލާފަށް ހެކި ހޯދުމާއި، ހެކި ހޯދުމަށްޓަކައި އޮންނަ އިޖުރާއާތާއި ޚިލާފަށް ހޯދާ ހެކި ޝަރީޢަތަށް ބަލައި ނުގަނެވޭނެކަމުގައި ބަޔާންކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *