އެމްޑީޕީގެ ދުވެލި ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާކަމަށާއި، އެމްޑިޕީގެ ހިންގުމުގެ ދުވެލި މިއަދު މިއޮތީ ޕާޓީގެ ސައިޒުގައި ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށްފަހު ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ރޭ ށ. މިލަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުނެނެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިއީ ޕާޓީގެ މެމްބަރުންނަށް ހައްގުވާ މިންވަރު ނޫންކަމަށެވެ.
"ކުދިކުދި ސިކުނޑިތަކެއްގައި ފިތުނައިގެ ތެރޭގައި ތާށިވެފައި ތިބެންޖެހޭ ޕާޓީއެއް ނޫން މީކީ. އެއަށްވުރެ މާބޮޑު ޕާޓީއެއް އިނގޭތޯ މިއީ. މިޕާޓީއަކީ ކޮންމެ މީހަކަށް ޖާގައޮތް ޕާޓިއެއް. ވަކި ގެއަކަށް ނިސްބަތްވެގެން މިޕާޓީގައި ނޫޅެވުމުގެ ފުރުސަތު އެއީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން. ޒުވާނަކަށް ވީތީ މި ޕާޓީން ޖާގަ ނުލިބުމަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަމެއް ނޫން. އަންހެނަކަށް ވީތީ މިޕާޓިގައި އަންހެނުންގެ އަޑު އުފުލުނަ ނުދިނުމަކީ އަޅުގަނޑުމެން ބަލަގަންނާނެ ކަމެއް ނޫން" މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވިއެވެ.
އަނިޔާވެރިކަމަކީ ރައްޔިތުންނަށް އާންމު އަދި ހައްގު އެއްޗެއްގެ ގޮތުގައި މީގެ ކުރިން އޮތް ދުވަސްތަކެއްވެސް ދެކެފައިވާކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެމްޑިޕީއަކީ ރާއްޖޭގެ ރައްޔިތުންނަށް މިނިވަންކަމާއި އިންސާފު ގެނެސްދިން ޕާޓިކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ރައްޔިތުން ޚިޔާލުފާޅުކޮށް، ހައްގު ހޯދުމަށް ވަކާލާތު ކުރުމަށް ފުރުސަތު ދެއްވާފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ޕާޓީގެ ހުރިހާ މެމްބަރުން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން ފާހަގަކުރައްވާ، އެމްޑިޕީއަކީ ކޮންމެ މެމްބަރަކަށްވެސް ޖާގަ އޮންނަ ޕާޓިއެއްކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގައި ހުރިހާ އުމުރެއްގެ، ހުރިހާ ޖިންސެއްގެ މެމްބަރުންނަށްވެސް ޖާގަ އޮންނާނެކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ކަންހިނގަމުންދާ ގޮތަށް ބަލާނަމަ އެފަރާތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާ، ސިޔާސަތުތައް ބިނާކުރުމުގައި އެފަރާތްތަކުގެ އަޑު އެންމެ ރަނގަޅަށް އަހަމުންދާތަން ނުފެންނަކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ މަގާމުތަކަށް އަންހެން ބޭފުޅުން ނެރުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް ކުރުމަކީ ފައްޔާޒުގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ހައްދަވާނެކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސްކަމަށް ކުރިމަތިލައްވާ އަންހެން ކެންޑިޑޭޓުވެސް ރަސްމީކޮށް އިއުލާނުކޮށްފައެވެ. މި މަގާމަށް ކުރިމަތިލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.