Ad

ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުއްދަ ދިނުމަށް މަސްވެރިން ދެކޮޅު: ކަންނެލި ޔޫނިއަން

ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުދަ ދިނުމަށް މަސްވެރިން ދެކޮޅުކަމަށް ކަންނެލީގެ މަސްވެރިންގެ ހައްޤުގައި އަޑުއުފުލާ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

ބޮޑުކަންނެލީގެ ލޭނުގެ މަސްވެރިކަމާ ގުޅޭގޮތުން މަޝްވަރާކުރިކަން ހާމަކޮށް ފިޝަރީޒް މިނިސްޓްރީން ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖަކަށް ރައްދުދެމުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުއްދަ ދިނުމަށް މަސްވެރިން ދެކޮޅުކަމަށާއި މިކަމަށް ހުއްދަދީފި ނަމަ ޒަމާނުންސުރެ ދިވެހިން ކުރަމުން އައި މަސްވެރިކަމަށްވެސް ހުތުރު ކަމަށެވެ. އަދި ލޭނު މަސްވެރިކަމަށް ހުއްދަދީފިނަމަ ކަަންނެލި ކިލޯއަކަށް ލިބެމުން އަންނަ އަގު ބޮޑުތަނުން ދަށްވުމުގެ ބިރު ވަރަށް ބޮޑުކަމަށް ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑުކަންނެލީގެ ލޭނުގެ މަސްވެރިކަމަށް ހުއްދަދިނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ހުއްދަ ބާތިލްކޮށް ބޮޑުކަންނެލީގެ ލޭނުގެ މަސްވެރިކަން މަނާކޮށްފައެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއަކީ ކަންނެލީގެ މަސްވެރިންގެ ދިފާއުގައި އަޑުއުފުލާ ވަރަށް ހަރަކާތްތެރި ޖަމްއިއްޔާއެކެވެ. ކަންނެލި މަސްވެރިންގެ ހައްޤުގައި އެ ޖަމްއިއްޔާއިން އަންނަނީ އެތަށް މަސައްކަތެއް ކުރަމުންނެވެ. ނަތީޖާވެސް ވަރަށް ރަނގަޅެވެ. އެ ޖަމްއިއްޔާގެ މަސައްކަތުން ކަންނެލި ކިލޯއެއްގެ އަގު 100 ރުފިޔާއިން މަތިން 9 މަސް ދުވަހު ހިފެހެއްޓިއެވެ. އަދި މިހާރުވެސް ކަންނެލި ކިލޯއެއްގެ އަގު ހުރީ 85 ރުފިޔާއަށެވެ. މިއީ ކަންނެލީގެ އަގު ކޮންޓްރޯލް ކުރަން އެ ޔޫނިއަނުން ޑިމާންޑުކުރާ އެންމެ ދަށް އަގެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *