Ad

ސޯލިހުގެ ވެރިކަން ވައްޓާލާން ބަޔަކު އުޅޭކަމަށް ޝަރީފް ވިދާޅުވުމުން އީވާ ކޯފާވެއްޖެ!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލަން މަޖިލިސް ތެރޭން ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމަށް މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވުމުން، މަޖިލިހުގެ ނާއިބް ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ ކޯފާ އިސްކުރައްވާ މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީ އިން ލިބިވަޑައިގަންނަވާ ބާރުތައް ބޭނުން ކުރެއްވުމުގައި ހަމަހަމަ ކަމުން އިއްކިބާވަމުން އަންނަ ކަމަށް ބާޔާން ކުރައްވާ، އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވަރަށް ހޫނު ގަދަވެގެން ދިޔައެވެ.

އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލަ މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައި ވަނީ ވެރިކަން ހިންގުމަށް ޤާނޫނު އަސާސީން ރައީސުލްޖުމުހޫރިއްޔާއަށް ލިބިދޭ ބާރުތައް ބޭނުން ކުރުމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށެވެ. ޚާއްސަކޮށް އިންތިޚާބްތަކާއި ދިމާކޮށް މީހުން ވަޒީފާއިން ވަކިކުރުމާޢި ވަޒީފާއަށް އައްޔަނު ކުރުމުގައި ހަމަހަމަކަން ގެއްލިފައިވާކަމަށް ވަހީދު ވިދާޅުވިއެވެ. އަދި އަންނަ އޭޕްރީލް 16 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް ބައެއް މީހުން ވަޒީފާއިން ވަކިކޮށް، އަދި އާ މީހުން ވަޒީފާއަށް އައްޔަނު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. މިކަމުގައިވެސް އިންސާފާއި ހަމަހަމަކަން ގެއްލިފައިވާކަމަށް ވަހީދު ވިދާޅުވިއެވެ.

މަރަދޫ ދާއިރާގެ މެމްބަރ ޝަރީފްގެ ވާހަކައިގައި ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާގެ ވާޖިބުތަކާއި މަސްޢޫލިއްޔަތު އަދާކުރުމަށްޓަކާ މީހުން ވަޒީފާއިން ވަކިކުރުމާއި އައްޔަނު ކުރުމަކީ ރައީސުލްޖުމޫހރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެއް ކަމަށެވެ. ރައީސް މައުމޫނުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރި ފަދައިން، ވެރިކަން ކުރާ ޕާޓީން މިހާރު ރާވައިގެން ރައީސް ސޯލިހުގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި ވެރިކަންކުރާ ޕާޓީގެ ބައެއް ބޭފުޅުން އިދިކޮޅު ޕާޓީއެއް ގޮތަށް މަސައްކަތް ކުރަމުން އަންނަތަން ފެންނަ ކަމަށްވެސް ޝަރީފް ވިދަޅުވިއެވެ.

ޝަރީފުގެ ވާހަކައަށް ވަރަށް ހޫނުކޮށް އީވާ ރައްދު ދެއްވިއެވެ. އީވާ ވިދާޅުވީ ވަޒީފާތަކުން މީހުން އެގޮތަށް ވަކިނުކުރެވޭނެކަމަށެވެ. އަދި އެޕްރީލް އިންތިޚާބާއި ދިމާކޮށް މިގޮތަށް ޢަމަލުކުރާ ނަމަ 2023 ހޯދާނީ ކިހިނެއްތޯ ސުވާލުކުރެއްވިއެވެ. އީވާ ވިދާޅުވީ އިމްތިޔާޒު ފަހުމީމެން ފަދަ ބޭފުޅުން ހިތްވަރާއިއެކު އެދުވަހު މަސައްކަތް ނުކުރި ނަމަ މިއަދު މިވެރިކަމެއް ނާންނާނެ ކަމަށެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ ވަމުންއަންނަ ކަމެއް ނުވާކަމެއް ގޮތަށް ހަދާފަ ވާހަކަ ދެއްކުމަށްވުރެ ވަކިން ނުބައިކަމެއް ނޯންނާނެ ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާލޭ ސިޓީ ކައުންސިލް ގެއްލުނީވެސް ޚިޔާނާތުގެ މައްސަލަތަށް ނުބެލުމާއި ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ނުހޯދުނީމަ ކަމަށެވެ.

ވެލިދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޢަބްދުﷲ ޝަފީޤު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ އިންސާފާއި ހަމަހަމަކަން ޤާއިމް ކުރާނެ ކަމަށް ވައުދުވަމުން ކަމަށެވެ. ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް މީހުން ވަޒީފާތަކުން ވަކިކުރުމަކީ އަބަދުވެސް އެމްޑީޕީ އިން ފާޑުކިޔަމުން އަންނަ ކަމެއް ކަމަށާއި މިއަދުވެސް އެކަން އެގޮތަށް ހިނގާ ނަމަ އެވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ. އަދި މަޖިލިސްގެ ތަޅުމާއި ހަމައަށް މިމައްސަލަ މިއައީ އެމްޑީޕީގެ ޕީޖީ ގްރޫޕާއި ޤައުމީ މަޖިލީހުގައިވެސް ބަހުސްކޮށް އެއްވެސް ހައްލެއް ނުލިބުނީމަ ކަމަށް މުޙައްމަދު ޢަބްދުﷲ ޝަފީޤު ވިދާޅުވިއެވެ.

މިބަހުސް ކުރިއަށްދިޔައިރު އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަު ނަޝީދު ރިޔާސަތުގައި އިންނެވި ހިނިފުޅުވަޑުވާށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *