ދިވެހިރާއްޖޭގެ ސިޔާދަތާއި ސަޤާފީ މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ސަޤާފީ ސިޔާދަތާއި މިނިވަންކަމުގެ ފުރާނައަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، ޤައުމަށް އޮތް އެންމެ ރައްކާތެރި އައްޑަނައަކީ ސައްތަ އިންސައްތަ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.
މީގެ އިތުރުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އިސްލާންދީން ރާއްޖޭގެ އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށާއި، ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަކީ އަމާން، އިތުބާރު ބޮޑު މުޖުތަމަޢަކަށް ބަދަލުވެގެންދިޔަ ކަމަށެވެ.
އަދި މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢާއި އާއިލާތައް ހަލާކުކޮށްލާ ބޮޑު މުޞީބާތެއްކަމަށާއި، އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ އެފަދަ ނުރައްކާތަކުން ޤައުމު ސަލާމަތް ނުކުރެވޭނެ ކަމަށާއި، ބުއްދީގެ އިޞްލާޙާއެކު އުފެއްދުންތެރި، ޙިކްމަތްތެރި ޖީލެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.




