Ad

ފަރުވާއަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭސްފަރުވާއަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.

ތައިރޮޑް ފަރުވާއަށް ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަމަހުގެ 23 ދުވަހުއެވެ. އަދި އޮޕަރޭޝަން ކުރެއްވީ މިދިޔަމަހު 25 ވަނަ ދުވަހުއެވެ. ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް އެމަނިކުފާނުގެ ބާރުތަކާއި މަސްޢޫލިއްޔަތުތައް ކުޑަ ވަގުތުކޮޅަކަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ހަވާލުކުރެއްވިއެވެ. ނަމަވެސް 3 ގަޑިއިރާއި 30 މިނެޓް ފަހުން ރައީސް ވަނީ އަލުން އެމަނިކުފާނުގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތްކަން ހާމަކުރެއްވުމާއެކު އެތައްބަޔަކު ވަނީ އެމަނިކުފާނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކޮށް ހެޔޮ އެދުން ފާޅުކޮށްފައެވެ. އޭގެތެރޭގައި ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރި ބޭބޭފުޅުންނާއި ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި ޢާއްމު ރައްޔިތުންގެ އެތައްބަޔަކު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *