Ad

ރައީސް ނަޝީދުގެ ސިޔާސީ ތަރި އޮށްސުނީތަ!

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މޭމަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން ފާސްކޮށްފިއެވެ. ކުރިން މި އިންތިޙާބު ބާއްވަން ނިންމާފައި އޮތީ އަންނަ މަހުގެ 16 ވަނަދުވަހުއެވެ. އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު ރޯދަ މަހާއި ދިމާވާތީ އެ އިންތިހާބު ފަސްކުރުމަށް ޤައުމީ މަޖިލީހަށް ހުށައެޅީ އެޕާޓީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދެވެ. މި ހުށެއެޅުމަށް ތާއީދުކުރީ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުއެވެ.

ރޭގެ ޤައުމީ މަޖްލީހުގައި 115 މެމްބަރުން ބައިވެރިވި އިރު އިންތިހާބު ފަސްކުރަން 100 މެމްބަރުން ވަނީ ވޯޓްދީފައެވެ. ފަސްކުރަން ނުފެންނަކަމަށް ވޯޓްދިނީ 15 މެމްބަރުންނެވެ.

ރޭ ބޭއްވި ޤައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެ ބަހުގެ ހަމަލާތައް ވަނީ ބަދަލުކޮށްފައެވެ. ޖަލްސާ ހޫނުވެ މެމްބަރުން ބަހުގެ ހަމަލާތައް ދޭން ދެށީ އިންތިހާބު ފަސްކުރަން އުޅެނީ އިންތިހާބަށް ނުފޫޒު ފޯރުވާ، ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އަޒިމު ތުހުމަތުކުރައްވާ ވާހަކަދެއްކެވުމުންނެވެ. ޗެއަރޕާސަންކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އިންތިހާބު ފަސްކުރުމަށް ތާއިދުކުރެއްވި ނަމަވެސް އޭނާއާ ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރުން އިމްތިޔާޒު ފަހުމީ އެކަމަށް ދެކޮޅު ހައްދަވައެވެ. އިންތިގެ ހުށައެޅުމަކީ މިހާރު ތާވަލުކޮށްފައިވާ ދުވަހު އިންތިހާބު ބޭއްވުން ނޫނީ ރޯދައިގެ ކުރިޔަށް އަވަސްކުރުމެވެ.

ރޭގެ ބައްދަވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އޭނާ ހުންނެވީ ސަރުކާރާއި އެކުކަމަށާއި އަންނަ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކާމިޔާބުކޮށްދެއްވަން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ސަރުކާރު ހިންގަން މަޖިލީހުގެ ތެރެއިން ހުރަސް އަޅުއްވަމުން ގެންދަވާ މަންޒަރު ފެންނަކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

އިންތިހާބު ފަސްކުރުމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވަމުން އިންތިއަށް ތާއީދުކުރައްވާ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވީ ރޯދަ މަހާއި ދިމާވުމަކީ އިންތިހާބު ފަސްކުރަންޖެހޭ ކަމެއް ނޫންކަމަށެވެ. އަދި އެއީ އެމްޑީޕީގެ ސިޔާސަތާއި ބީރައްޓެހި ޕާޓީގެ ވިސްނުމާއި ދެކޮޅު ހުތުރުކަމެއްކަމަށް އީވާ ވިދާޅުވިއެވެ.

ޤައުމީ މަޖްލީހުގައި 115 މެމްބަރުން ބައިވެރިވި އިރު އިންތިހާބު ފަސްކުރަން 100 މެމްބަރުން ވޯޓްދިނެވެ. މި 100 ވޯޓަކީ ރައީސް ސޯލިހަށް އެމްޑީޕީގައި މިއަދު އޮތް ސާފު ތާއީދު ކަމަށް ގިނަ ބަޔަކު ދެކެއެވެ. އިންތިޚާބު ފަސްކުރަން ނުފެންނަކަމަށް ވޯޓްދިން 15 މެމްބަރުންނަކީ އެމްޑީޕީގައި ރައީސް ނަޝީދަށް މިހާރު ތާއީދު އޮތް މިންވަރެވެ.

ރައީސް ނަޝީދުގެ ސިޔާސީ ތަރި އޮށްސިއްޖެ ކަމަށް ހުދު އެމްޑީޕީގެ ބައެއް މެމްބަރުން ބުނަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ޤައުމީ މަޖިލީހުގައި މިނެގުނު ވޯޓުގެ ސަބަބުން ރައީސް ނަޝީދުގެ މިހާރުގެ ސައިޒު ވަރަށް ސާފެވެ. އެމްޑީޕީގައި ރައީސް ނަޝީދަށް މިހާރު ތާއީދެއް ނެތެވެ.

މިހާރު ރައީސް ނަޝީދު އަރިހުން ފެންނަނީ ރައީސް ޔާމީނާއި ދެކޮޅަށް ރައީސް މައުމޫނު ނިކުމެވަޑައިގަތުމުން ފެނުނު ކަހަލަ މަންޒަރެކެވެ. އަރިހުގައި ސާބިތުވެ ތިއްބެވީ ގާތް މަދު ބޭފުޅުންކޮޅަކާއި އާއިލާގެ ބައެއް ބޭފުޅުންނެވެ. ރައީސް ޔާމީނަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވުމުން ރައީސް މައުމޫނުގެ އާއިލާވެސް ދެބައިވިއެވެ. ހަމައެގޮތަށް ރައީސް ނަޝީދުގެ އާއިލާވެސް ދެބައިވެފައިވާ ކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ. މިހުރިހާ ކަމަކަށް ރިއާޔަތްކޮށް ބައެއް ރައްޔިތުން ބުނަމުން އަންނަނީ ރައީސް ނަޝީދުގެ ސިޔާސީ ތަރި އޮށްސުނީ ކަމަށެވެ. ރައީސް ނަޝީދުގެ ސިޔާސީ ތަރި ހަމަ އޮށްސުނީތޯއެވެ. މިއީ މިއަދު ސުވާލުކޮށް އަދި ދިރާސާކޮށްލަން ވަރަށް ރަނގަޅު މަޢުޟޫޢުއެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ރައީސް ނަޝީދު (އަންނި) އަކީ އަދިވެސް މިރާއްޖޭގައި ސިޔާސީ ގޮތުން އެންމެ ހަމަލާރައްދުވާ ފަރާތް. ވެރިކަމުގައި އިބޫހުއްޓަސް އަދި އިބޫއަށްތާއީދުކުރާ ގިނަމީހުން ޕާޓީގެ މަގާމުތަކަށް އަޔަސް އިދިކޮޅުން އަދިވެސް ފައިޓުކުރަނީ ނަޝީދު އާ. ނަޝީދު ނޫނީ މިގޮތަށް ސިޔާސީ މީހެއް މިރާއްޖޭގައި އަދިވެސް ނެތް. ރައީސްކަމުގެ މަޤާމް ގެއްލޭ ހިސާބުން އިބޫއަކީ އާދައިގެ ރައްޔިތަކަށްވާނެ ކަމީ ޝައްކެތް ހުރި ކަމެއްނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *