ވިލިމާލޭގެ ކުރިއެރުމާއި ތަރައްޤީއަށް އަދި އެދާއިރާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށް މާލޭ ސިޓީ ކައުންސިލުން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު އެދާއިރާގެ ރައްޔިތުންނަށް މާލޭ ސިޓީގެ މޭޔަރ ޑޮކްޓަރ މުޙައްމަދު މުއިއްޒު ހިއްސާ ކުރައްވާފިއެވެ.
މިކަން ކުރެއްވީ މާލެ ސިޓީ ކައުންސިލުން ބާއްވާ އަވަށު ބައްދަލުވުންތަކުގެ ތެރެއިން ރޭ މުހިއްޔިއްދީން ސްކޫލުގައި ބޭއްވުނު ވިލިމާލެ ދާއިރާގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އެދާއިރާގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާއި މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ރައްޔިތުންނާއި ވަނީ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި އިސްލާމިކް ބޭންކްގެ އޭޓީއެމްގެ ޚިދުމަތް ދިނުމާއި މިސްކިތްތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރުމާއި މާރުކޭޓް ޤާއިމް ކުރުން ހިމެނެއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލުގެ އަމާޒަކީ ވީހާވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުން ކަމަށެވެ.
މި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އިތުރުން ބައެއް ކައުންސިލަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކުރިއަށް އޮތް ރަމަޟާން މަހަށްފަހު ރަސްމީ ޖަލްސާ ނޫންގޮތަށް ވަށް މޭޒުތަށް ބަހައްޓައިގެން ރައްޔިތުންގެ ބައްދަލުވުންތަށް ކުރިއަށް ގެންދާނެ ކަމުގައިވެސް މޭޔަރު ވިދާޅުވިއެވެ. މި ބައްދަލުވުންތަށް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހަކު އެއްފަހަރުއެވެ.