Ad

މީހުން ބިނާކުރުމަށް އޭޑީކޭގެ ތަސައްވުރަކީ އެހެން ދާއިރާތަކުންވެސް ބަލައިގަންނަންޖެހޭ ނަމޫނާއެއް" ނައިބު ރައީސް ފައިސަލް

އޭޑީކޭއިން ރާއްޖޭގެ ސިއްޙީ ދާއިރާއަށް ކޮށްދެއްވަމުންގެންދަވާ ޚިދުމަތްވެސް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ އޭޑީކޭގެ އަހަރީ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިން ސިއްހީ ދާއިރާގެ މަސައްކަތައް ނެރުމަށާއި ރާއްޖެއަށް ބޭނުންވާ އެކި ޚިދުމަތްތައް ގެނައުމަށް އޭޑީކޭ އިން ކުރަމުން އަންނަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ފައިސަލް ނަސީމް ވިދާޅުވީ ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާ އެކަމަށް ބޮޑު ހޭދައެއް ކުރިނަމަވެސް ބަދަލެއް އަންނާނީ ރައްޔިތުންގެ ވިސްނުމާ ހިސާބުން ބަދަލު ގެނެވިގެން ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ވަރަށް ގިނަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ބަލިތަކާއި ގުޅިގެން އުޅެންވީ ގޮތާމެދު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމް ހިންގާ އެކަމަށް ކިތަންމެ ބޮޑު ހޭދައެއް ކުރިނަމަވެސް ބަދަލެއް އަންނާނީ ރައްޔިތުންގެ ވިސްނުން މިކަމުގައި ބަދަލުކުރެވިގެންކަމަށެވެ. އެހެންކަމުން ބަލީގެ ކުރިއަށް ވިސްނާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އަވަސްވެގަންނަން ޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެއަހަރު ޚާއްސަކޮށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރުންވަނީ އުޅެންވީގޮތާއި ވިސްނަން ވީގޮތް ވަރަށް ބޮޑަށް ކިޔައިދީ ހޭލުންތެރިކުރުމުގައި ހޭދަކުރައްވާފައި. އެކަމަކު އިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަކާއި ފުއްޕާމޭގެ ބަލިތަކާއި ޚާއްސަކޮށް ކެންސަރު ފަދަ ބަލިތަކުން އަރައިގަނެވޭނީ ރައްޔިތުންގެ ވިސްނުން ބަދަލުކުރެވިގެން. ބަލިޖެހުމުން ފިޔަވަޅު އެޅުމުގެ ވިސްނުން ބަލިން ދުރާލާ ރައްކާތެރިވުމަށް އިސްކޮށްގެން." ނައިބު ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭގެ ސީއީއޯ އަޙްމަދު ނާޝިދު ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމަށް ބޮޑެތި ބަދަލުގެނައުމަށް އޭޑީކޭގެ ޓީމުން ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ކުރިއަށް އޮތް 9 ވަރަކަށް މަސްދުވަހުގެ ތެރޭގައި 10 މިލިއަން ޑޮލަރުގެ އެކި މަޝްރޫޢުތައް ހިންގުމަށް ނިންމާފައިވާކަމަށް ނާޝިދު ވިދާޅުވިއެވެ. އޭގެތެރޭގައި އެމްއާރްއައިގެ ޚިދުމަތާއި ޕެޓް ސްކޭނާއި ހައިޕަރބެރިކް ޗެމްބަރއާއި ފިޒިއޮތެރަޕީއާއި ފަރޓިލިޓީ ސެންޓަރާއި އެންޑޯސްކޮޕީ ސެންޓަރު ތަރައްޤީކޮށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ނާޝިދުވަނީ ފާހަގަކުރައްވާފައެވެ.

ހަމައެއާއެކު އިންސާނީ ވަޞީލަތް ކުރިއެރުވުމަށް ޝާފިޔާ އިންސްޓިޓިއުޓް އޮފް ހެލްތާއި ގުޅިގެން މަސައްކަތްކުރުމަށް ނިންމާފައިވާއިރު ބަލީގެ ކުރިއަށް ވިސްނުން އިސްކޮށް ރައްކާތެރިކަމަށް ފިޔަވަޅުއެޅުމަށްޓަކާ ހީޓް އާއި ގުޅިގެން އޭޑީކޭގައި ޖިމްގެ ޚިދުމަތް ތަޢާރަފްކުރުމަށްވެސް ނިންމާފައިވާކަމަށް ނާޝިދު ވިދާޅުވިއެވެ. މީގެއިތުރުން ޑޮކްޓަރަށް ދެއްކުމަށް ގިނަ ބަޔަކު އަތޮޅުތަކުން މާލެއަށް އަންނައިރު އެފަދަ ފަރާތްތަކަށް ބޭނުންވާފަދަ ބައިސްޓޭންޑަރ އެކޮމޮޑޭޝަން ބްލޮކެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިގޮތުން 21 ކޮޓަރި އެޅުމަށް ނިންމާފައިވާކަމަށް ނާޝިދު ވިދާޅުވިއެވެ.

އޭޑީކޭގެ 35 ވަނަ އަހަރީ ދުވަހުގެ މިހަފްލާގައި އެހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި މިނޫންވެސް ޚިދުމަތްތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތަކަށްވަނީ އެވޯޑްދީފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެވޯޑް ކަމަށްވާ އެމްޕްލޮއީ އޮފް ދަ އިޔަރ އެވޯޑް ޙާސިލުކޮށްފައިވަނީ އެތެރެ ހަށީގެ ޚާއްސަ ޑޮކްޓަރ، ޑރ.ނަޝީދާ ސައީދެވެ.

1987 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ވަރަށް އާދައިގެ ގޮތަކަށް އޭޑީކޭއިން ފެށި ސިއްޙީ ޚިދުމަތް މިހާރުވަނީ ވަރަށް ބޮޑަށް ފުޅާވެ ރާއްޖޭގެ ސިއްޙީ ނިޒާމުގެ މުހިއްމު ހިއްސާދާރަކަށްވެފައެވެ. ޚިދުމަތަށް 35 އަހަރުވެގެންދިޔައިރު އޭޑީކޭ ހޮސްޕިޓަލުގައި އެކި ޚިދުމަތްދިނުމުގައި 900 މުވައްޒަފުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *