Ad

ކ.ވައްބިންފަރު ކައިރިން ވެލިނަގާ، އެ ސަރަހައްދުގެ އެންވެރިކަން ހަލާކުކޮށްލައިފި: ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން

ކ.ވައްބިންފަރު ކައިރިން ވެލިނަގާ، އެ ސަރަހައްދުގެ އެންވެރިކަން ހަލާކުކޮށްލައިފިކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކ.ވައްބިންފަރު ކައިރި އަކީ ޒަމާނުއްސުރެން ދިވެހި މަސްވެރިން ރޭގަނޑު އެންވެރިކަން ކުރުމުގައި މުހިއްމު ތަނެއްކަމަށާއި އީ.ޕީ.އޭއިން ހުއްދަދީ ވެލިނަގާ މުޅި އެ ހިސާބުގެ އެންވެރިކަން ހަލާކުކޮށްލައިފި ކަމަށެވެ. އަދި މަސްވެރިންނާއި ދޭތެރޭ ވިސްނާބަޔަކު މި ޤައުމުގައިނެތީތޯ އެ ޔޫނިއަނުން ވަނީ ސުވާލު އުފައްދާފައެވެ.

ކަންނެލި ޔޫނިއަނުން އާންމުކުރި ވީޑިއޯއެއްގައިވަނީ އެމްޓީސީސީގެ މަހާ ޖައްރާފު އެ ސަރަހައްދުން ވެލި ނަގަމުންދާ މަންޒަރެކެވެ. މިއާއެކު އެ ސަރަހައްދުގެ މޫދު ވަރަށް ބޮޑަށް ކިލަނބުވެފައިވާ މަންޒަރު ވީޑިއޯއިން ފެނެވެ.

އިރުވަރު ނޫހަށް މައުލޫމާތު ދެމުން ކަންނެލި ދޯންޏަކުން ބުނީ ކ.ވައްބިންފަރަކީ މާލެ އަތޮޅުން އެންމެ އެންވެރިކަން ރަނގަޅު އެއް ފަޅުކަމަށާއި އެސަރަހައްދުން ވެލި ނެގުމުގެ ސަބަބުން އެންވެރިކަން އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އަދި މަސްވެރިކަމާއި އެންވެރިކަން ހަލާކުނުކޮށް ރަށްރަށް ތަރައްޤީކުރެވޭނެ ކަމަށް އެ ދޯނީގެ ކެޔޮޅު ބުންޏެވެ. ކެޔޮޅު ބުނީ އެންވެރިކަން ރަނގަޅު ފަޅުފަޅު ފާހަގަކޮށް އެ ފަޅުފަޅު ހިމާޔަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އަބަދުވެސް މި ފެންނަނީ ކޮންމެސް ރިސޯޓެއްގެ ކައިރި ހިމާޔަތްކޮށްފަ އޮންނަތައް. އެއީ ކުރިން މަސްވެރިން އެންދެމި ތަންތަން. އެކަމަކު މިހާރު އެސަރަހައްދާ ގާތްވުންވެސް މަނާ. މަސްވެރިން އެންދެމި ކިތަންމެ ފަޅެއް ހިއްކާ އެންވެރިކަން ހަލާކުކޮށްފި. މިކަމާ އަޑުއުފުލާނެ ބަޔަކު ނެތް. ހަމަރަނގަޅަށް އެނގޭނެ އެން ހިފަނީ އެތެރެވަރިންކަން. އަދި އެންވެރިކަން ރަނގަޅު ފަޅުފަޅުވެސް އެނގޭނެ. އެކަމަކު ތަރައްޤީގެ ނަމުގައި އެންވެރިކަން މި ހަލާކު ކުރަނީ. ކީއްތޯވާނީ މަސްވެރިންނަށްޓަކައި މިފަދަ ސަރަހައްދުތައް ހިމާޔަތްކުރިއްޔާ." ކެޔޮޅު ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *