Ad

ސާބިޔާގެ ވެރިރަށް ބެލްގްރޭޑް ގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރ ގައި ދިވެހިރާއްޖެ ބައިވެރިވެއްޖެ!

ސާބިޔާގެ ވެރިރަށް ބެލްގްރޭޑް ގައި، މާރިޗް 24 ން 27 އަށް ބޭއްވޭ "43 އިންޓަނޭޝަނަލް ޓޫރިޒަމް ފެއަރ – ސަޔަމް ޓޫރިޒްމާ 2022″ ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެއްޖެއެވެ. މިއީ ސާބިޔާގައި ބޭއްވޭ އެންމެ ބޮޑު ޓޫރިޒަމް ފެއަރ އެވެ. އަދި މިއީ މީގެ 43 ވަނަ ފެއަރއެވެ.

މި ފެއަރ ގައި ދިވެހިރާއްޖޭގެ ޑެލިގޭޝަންގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގަތީ ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޑެލިގޭޝަންގައި އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއް ސަމަދު، އެމްއެމްޕީއާރުސީ ގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ނީޝާ މުޙައްމަދު ޝާހިދު، ގެ އިތުރުން ޕްރައިވެޓް ސެކްޓަރގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސާބިޔާގެ ފެއަރ ގައި ދިވެހިރާއްޖޭ ތަމްޞީލު ކުރައްވަނީ، ސްލޮވޭނިޔާގައި ދިރިއުޅުއްވާ ދިވެހި ޒުވާނެއްކަމުގައިވާ އައިޝަތު ނުޒުހާއެވެ. ނުޒުހާއަކީ ސްލޮވޭނިޔާގައި ދިވެހިރާއްޖެ މާކެޓްކޮށް އިޝްތިހާރުކުރުމަށްޓަކައި، 'މޮއި މަލްދިވީ" (މައި މޯލްޑިވްސް) ގެ ނަމުގައި ކުންފުންޏެއް އުފައްދަވައިގެން، ރާއްޖޭގެ އިޝްތިހާރުކުރުމަށްޓަކައި މަޖައްލާ އެއްވެސް ނެރުއްވަމުންނެވެ.

ނުޒުހާ ވިދާޅުވީ، އެބޭފުޅާގެ މަޤްޞަދަކީ އަދި އުއްމީދަކީ، މުޅި ދެކުނު އިރުމަތީ ޔޫރަޕްގައި (ބަލްކަންސް ސަރަހައްދު) ދިވެހިރާއްޖެ މާކެޓްކޮށް، މި ޞަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކޮށް، އިޤްތިޞާދީ އެކިއެކި ހަރަކާތްތައް ދިވެހިރާއްޖެ އާއި މިސަރަހައްދުގެ ޤައުމުތަކާއިއެކު ކުރިއަށް ގެންދިޔުންކަމުގައެވެ.

އެމްއެމްޕީއާރުސީ އާއި އެމްއައިޓީޑީސީގެ އެހީތެރިކަން ލިބިގެން، ބެލްގަރޭޑް ފެއަރ ގައި ޤާއިމްކޮށްފައިވާ ދިވެހިރާއްޖޭގެ ސްޓޯލަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އާދެއެވެ.

މި ފެއަރ ގައި އެންމެ ގިނަ ބަޔަކު ކުރާ ސުވާލަކީ ސާބިޔާއިން އެންމެ ފަސޭހައިން ދިވެހިރާއްޖެއަށް ދެވޭނެ ގޮތުގެ ސުވާލުކަމަށާއި، މި ފެއަރއަށް ޒިޔާރަތްކުރާ މީހުންނަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެ އެންމެ ފަސޭހަ މަގުތަކާއި އަދި ރެޒޯޓްތަކާއި ގެސްޓްހައުސްތަކުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދެވިފައިވާކަމަށާއި، ދިވެހި ޒުވާނަކު، ޚާއްސަ ގޮތެއްގައި ދިވެހި އަންހެނަކު، ބަލްކަންސް ސަރަހައްދުގައި ދިވެހިރާއްޖެ މާކެޓްކުރުމަށް ކުރާ ބުރަ މަސައްކަތުގައި، އެމްއެމްޕީއާރުސީ އާއި އެމްއައިޓީޑީސީ ގެ ފަރާތުން ފޯރުކޮށްދެއްވި އެހީތެރިކަމަށް، މޮއި މަލްދިވީ ގެ މެނޭޖިން ޑިރެކްޓަރ ނުޒުހާ ޝުކުރު އަދާކުރެއްވިއެވެ.

މި ފެއަރ ގައި ބައިވެރިވި އެކިއެކި ޤައުމުތަކުގެ މަންދޫބުންނާއެކު، ފެއަރ ގެ ހަވާސާގައި، ތަފާތު ބައްދަލުވުންތައް އަންނަނީ ބާއްވަމުންނެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *