ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލު ފުރަަތަމަ ލެގް ކާމިޔާބުކޮށް ސެމީފައިނަލާ ގާތަށް ލިވަޕޫލް ޖެހިލައިފިއެވެ.
ބެންފީކާގެ ޑްރަގާއޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗް ލިވަޕޫލުން ކާމިޔާބު ކުރީ 1-3 ލަނޑުންނެވެ. މެޗްގެ ފުރަތަމަ ގޯލް 17 ވަނަ މިނެޓްގައި ޖެހީ ޒުވާން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭއެވެ. މިއީ ޑިފެންޑަރު ރިބަޓްސަންގެ ކޯނަރަކުން ކޮނާޓޭ ބޮލުން ޖެހި ގޯލެކެވެ. މިއީ އޭނާ ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ގޯލެވެ. ލިވަޕޫލްގެ ދެ ވަނަ ލަނޑު 34 މިނިޓްގައި ޖެހީ މާނޭއެވެ. މިއީ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއަޒް ދިން ބޯޅައަކުން މާނޭ ޖެހި ލަނޑެކެވެ.
ދެ ވަނަ ހާފް ފަށައިގެން މާ ގިނައިރެއް ނުވަނީސް ބެންފީކާއިން ގޯލެއް ޖެހިއެވެ. މި ގޯލު ޖެހީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި އުރުގުއޭ ފޯވާޑް ޑާވިން ނޫނޭޒް އެވެ. މެޗްގެ ފަހު ގޯލް 87 ވަނަ މިނިޓްގައި ލިވަޕޫލަށް ޖަހައިދިނީ މި މެޗްގައި މޮޅު ކުޅުމެއް ދެއްކި ލުއިސް ޑިއާޒްއެވެ.
ލިވަޕޫލަށް އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގައި އެއް ގޯލުން ބަލިވެގެން ވެސް ސެމީގެ ފުރުސަތު ހޯދޭނެ އެވެ. ބެންފީކާ އަށް ސެމީ ފައިނަލްގެ ފުރުސަތު ލިބޭނީ ތިން ގޯލުން މޮޅުވެގެން ނޫނީ ދެ ގޯލުން މޮޅުވެ، މެޗު ޕެނަލްޓީން ކާމިޔާބު ކޮށްގެންނެވެ. ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެނެއް މެޗް ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީއެވެ. އެތްލެޓިކޯ މެޑްރިޑާ ވާދަކޮށް މި މެޗް ސިޓީން ކާމިޔާބުކުރީ 1-0 ލަނޑުންނެވެ.