ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރު ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލްގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން މިއަދު ދައްކައި ޚަލާސްކުރި ނަމަވެސް މުދާ ލިބުމުގައި ދައްޗެއް ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މި ފައިސާ ދެއްކުމާއެކު، ވެސް ތެލާއި ކާޑުގެ ބާވަތްތަކާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ވަނީ ދީފައެވެ.
މި ފައިސާއަކީ 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ބަޖެޓް ސަޕޯޓުގެ ގޮތުގައި ނަގާފައިވާ ފެސިލިޓީއެއްގެ އެންމެ ފަހު އިންސްޓޯލްމަންޓެވެ. ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، މި ފެސިލިޓީގެ ތެރެއިން 50 މިލިއަން ޑޮލަރު މިއަހަރުގެ ޖެނުއަރީ މަހު ދައްކާފައިވާއިރު، އިތުރު 50 މިލިއަން ޑޮލަރު ވަނީ މޭ މަހުގެ 11 ވަނަ ދުވަހު ދައްކާފައެވެ. މިއަދު ދެއްކި ފައިސާއާއެކު، ޖުމްލަ 150 މިލިއަން ޑޮލަރުގެ މި ދަރަނި ވަނީ އެއްކޮށް އަދާކޮށް ނިމިފައެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވި ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮގަސްޓް 2026 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ.




