ލާމް ފޮނަދޫގައި ' އޯޕަން އެކްސަސް ފައިބަރ ނެޓްވޯކެއް ' ގާއިމް ކުރުމުގެ ހުއްދަ ފޮނަދޫ ކައުންސިލުން ނުދިނުމުން މައްސަލަ އެލްޖީއޭ އަށް ހުށަހަޅައިފި އެވެ.
ރާއްޖޭގެ އެކިއެކި ރަށްތަކުގައި ފައިބަރ ނެޓްވޯކް ގާއިމްކޮށް ހިދުމަތް ދެމުންދާ އަމިއްލަ ކުއްފުންޏެއް ކަމަށްވާ ފަންބޮނޑި މޯލްޑިވްސް އިން އެލްޖީއޭއަށް ފޮނަދޫ ކައުންސިލާއި ދެކޮޅަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ވިޔަފާރި ކުރުމަކީ ކޮންމެ ދިވެހި ފަރުދަކަށް ވެސް ގާނޫން އަސާސީ ލިބިގެންވާ ހައްގެއް ކަމަށާއި އުސޫލެއް ހަމައެއް ނެތި ވިޔަފާރި ކުރުމުގެ ހައްގު އުނި ނުކުރެވޭނެ ކަމަށެވެ.
ފަންބޮނޑި މޯލްޑިވްސްގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން ފާތިމަތު އާސިޔާ ސޮއިކުރައްވާ އެލްޖީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ލާމް ފޮނަދޫ ކައުންސިލުން އެރަށުގައި 3 ފަރާތަކުން ފައިބަރ ނެޓްވޯކް ގާއިމްކޮށް ހިދުމަތް ދޭކަމަށް ބުނެފައި ވީނަމަވެސް އެރަށުގައި ފައިބަރ އޮޕްޓިކް ނެޓްވޯކެއް ގާއިމްކޮށް ހިދުމަތް ދެނީ ހަމަ އެކަނި ދިރާގުން އެކަނި ކަމަށެވެ.
އާސިޔާ ވިދާޅުވީ ކައުންސިލުން ބުނެފައިވާ ތިން ފަރާތުން އެރަށުގައި ފައިބަރ އޮޕްޓިކް އޯޕަން އެކްސެސް ނެޓްވޯކެއް މިހާތަނަށް ގާއިމް ނުވާކަމަށެވެ. އަދި އެއްފަރާތަކަށް ހުއްދަ ދިނުމަކީ އިތުރު ފަރާތަކަށް ހުއްދަ ނުދީ ހިފެހެއްޓޭނެ ގާނޫނީ ސަބަބެއް ނޫން ކަމަށެވެ.
" ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުގައި ބިނާކޮށްފައިވާ ފަދަ އިންފުރާސްޓްރަކްޗަރ އެއް ފޮނަދޫގަ ގާއިމް ކުރަން ކައުންސިލުން ހުރަސް އެޅުމަކީ ފޮނަދޫ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް. ކޮންމެ ފަރާތަކުން ވެސް މުޖުތަމައުގެ ތަރައްގީއަށް ކަމެއް ކުރުމަށް މަރުހަބާ ކިޔަންވާނެ ކަމަށް މިކުންފުނިން ދެކެނީ." އާސިޔާ ވިދާޅުވި އެވެ.
ރާއްޖޭގައި ފައިބަރ އޯޕަން އެކްސަސް ނެޓްވޯކެއް އެންމެ ފުރަތަމަ ގާއިމް ކޮށްފައިވަނީ ވެސް ފަންބޮނޑިން ވިލުފުށީގަ އެވެ. ފަންބޮނޑިން ފޮނަދޫގައި ގާއިމް ކުރުމަށް ހުށަހެޅި ނެޓްވޯކް އަގު ގާތްގަނޑަކަށް ފަސް މިލިޔަން ރުފިޔާއަށް އަރަ އެވެ. މިހާރުވެސް އެކުންފުނިން ގެންދަނީ ރާއްޖޭގެ އިތުރު ހަތް ރަށުގައި މިފަދަ ނެޓްވޯކްތަކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފައިބަރ އޯޕަން އެކްސަސް ނެޓްވޯކް އަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރާ އިންފްރާސްޓަކްޗަރ ނިޒާމް އެކެވެ. މިއީ އެންމެ ކަނެޓްޝަނަކުން އެތަކެއް ޓެކްނޮލޮޖީގެ ހިދުމަތްތަކެއް ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.
One Response
ފޮނަދޫ ކައުންސިލްގާ ތިބޭނީ އަމިއްލަ އެދުމުން ފޯވެފައި ތިބިބައެއް. ތީ ކައުންސިލުން ބޭރުކުރަން ޖެހޭ ބައިގަޑެއް