Ad

ސީޕްލޭން އައު ޓަރމިނަލް އަންނަ މަހު ހުޅުވަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ ސީޕްލޭން ޓަރމިނަލް އަންނަ މޭއިމަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ހުޅުވުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ތައްޔާރުވާންފަށައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢަކީ ރާއްޖޭގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢެވެ.

ރާއްޖޭގެ އިޤްތިޞާދާ ސީދާގޮތުން ގުޅިފައިވާ ރާއްޖޭގެ މައި އެއަރޕޯޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. އެގޮތުން އެއަރޕޯޓްގައި ތަރައްޤީކުރާ އައު ސީޕްލޭން ޓަރމިނަލްއަކީ މީގެތެރެއިން ކުރިއަށްދާ އެއްބައެވެ. މީގެ ކުރިން ސީޕްލޭން ޓަރމިނަލް ހުޅުވަން ހަމަޖެއްސީ މިމަހުގެ މެދުތެރޭގައެވެ. އެހެންނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ އަންނަ މޭއި މަހުގެ 15 ވަނަ ދުވަހު ސީޕްލޭން ޓަރމިނަލް ބޭނުންކުރަން ފަށަން ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ވީއައިއޭގެ އައު ރަންވޭ ބޭނުންކުރަން ނުފެށި ލަސްވަނީ މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލްގެ ސަބަބުން ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. ސަބަބަކީ ބައިނަލްއަޤުވާމީ އޭވިއޭޝަން ސްޓޭންޑަޑަށް ބަލާއިރު އައު ރަންވޭއާއި ވަކި ދުރުމިނެއް ހިމެނޭ ސަރަޙައްދުގައި ޢިމާރާތް ފަދަ ތަންތަން ހުރުމަކީ މަނާކަމެކެވެ. އެ މިންގަނޑުން ބަލާއިރު މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓަރމިނަލްގެ ޢިމާރާތް ހިމެނެނީ އައު ރަންވޭގެ އޭރިއާގެ ތެރޭގައި ކަމަށްވާތީ އައު ރަންވޭ ބޭނުންކުރަން ފެށޭނީ މިސަރަޙައްދު ހުސްވުމުން ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އައު ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފެށުމަށް އެމްއޭސީއެލްއިން ރާވާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ވަނީ އައު ރަންވޭ ޓެކްސީ ވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ. އެމްއޭސީއެލްއިން ވިދާޅުވީ މީގެކުރިން ގަޑިއިރަކު 8 ބޯޓަށް ޖެއްސުނު ނަމަވެސް މިބަދަލާއެކު ގަޑިއަކު 16 ފްލައިޓް ޖައްސާ ގަޑިއިރެއްގެ ތެރޭގައި ރަންވޭ ހުސްކުރެވޭނެ ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ބިލިއަން ޑޮލަރުގެ މިމަޝްރޫޢުގެ ދަށުން ވީވީއައިޕީ ލައުންޖަކާއި ސީޕްލޭން ޓަރމިނަލްއާއި 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭއެއްވަނީ ތަރައްޤީކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *