އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އިރުމަތީ ޤުދުސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާއަށް ޔަހޫދީން ދިން ޙަމަލާތަކުގައި 150އަށްވުރެ ގިނަ މުސްލިމުން ޒަޚަމުކޮށްލައި 300އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
ފަލަސްޠީނުގެ ރެޑު ކުރެސެންޓުން ބުނެފައިވާ ގޮތުގައި ޔަހޫދީ އިސްތިޢުމާރީ ފައުޖުތަކުން ޢަޤްޞާއަށް ޙަމަލާދީފައިވަނީ އެތައް ހާސް މުސްލިމުންނެއް ނަމާދަށް ޙާޒިރުވެފައިވަނިކޮށްކަމަށާއި ޒަޚަމުވި ގިނަ މީހުންނަށް ފަރުވާދިނުމަށް ހަސްފަތާލުތަކަށް ގެންގޮސްފައިވާކަމަށެވެ. އެ ގޮތުން ޔަހޫދީންވަނީ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިކަމާއެކު ރަބަރު އުންޑައާއި ކަރުނަގޭސް ބޭނުންކޮށްފައިވާކަމަށާއި އިސްތިޢުމަރީ ފައުޖުތަކުންވަނީ އަޤްޞާއަށް ވަދެ ހަމަނުޖެހުން ނަގާލައި މިސްކިތުގެ ޙުރުމަތް ކަނޑާލައިފައެވެ. އަދި ޒަޚަމުވި މީހުންނަށް ފަރުވާދިނުމަށް އެ ސަރަޙައްދަށް ދިޔަ އެންބިޔުލާންސްތަކަށްވެސް ޔަހޫދީން ހުރަސްއެޅިކަމަށް ރެޑު ކުރެސެންޓުން ބުނެފައިވެއެވެ.
މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކަނޑާލައި މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާ ހިންގުމަށްފަހު ޔަހޫދީ އިސްތިޢުމާރީ ފައުޖުތަކުން ބުނެފައިވަނީ ހަތިޔާރާއެކު އެ ސަރަޙައްދަށް ދާންޖެހުނީ ނަމާދަށްފަހު މިސްކިތުގެ އެތެރޭގައި ހަމަނުޖެހުން ހިންގަން ރާވައިގެން ތިބި ބައެއް ހުއްޓުވުމަށްކަމަށެވެ. ޔަހޫދީން ހިންގި ލާއިންސާނީ ޖަރީމާތަކާ ގުޅޭގޮތުން ފަލަސްޠީނުގެ ސަރުކާރުން ބުނެފައިވަނީ އެއީ ހަނގުރާމަ އިޢުލާނުކުރުންކަމަށާއި އެއީ އިސްތިޢުމާރީ ފައުޖުތަކުން ހިންގި ނުރައްކާތެރި ޢަމަލެއްކަމަށެވެ. އަދި މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކަނޑޭ އެއްވެސް ޢަމަލެއް ހިންގުމަށް ފަލަސްޠީނުގެ ރައްޔިތުން ޔަހޫދީންނަށް ޖާގަނުދޭނެކަމަށާއި ޔަހޫދީންގެ އަނިޔާވެރިކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށްވެސް ފަލަސްޠީނުގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނެފައިވަނީ ކޮންމެ އަގެއް ދައްކައިގެންވެސް ފަލަސްޠީނުގެ ރައްޔިތުން މަސްޖިދުލް އަޤްޞާ ޙިމާޔަތްކުރާނެކަމަށާއި މިސްކިތުގެ ޙުރުމަތް ކަނޑަން ޔަހޫދީންނަށް އެއްވެސް ޖާގައެއް ނުދޭނެކަމަށެވެ. އަދި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައާއި އިސްރާއީލުގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުން އެކަތިގަނޑަކަށްވެ މަސްޖިދުލް އަޤްޞާ ޙިމާޔަތްކުރުމަށްވެސް ޙަމާސުންވަނީ ގޮވާލައިފައެވެ. މިދިޔަ ރަމަޟާން މަހުގެ ތެރޭގައިވެސް މަސްޖިދުލް އަޤްޞާގައި ޔަހޫދީ އިސްތިޢުމާރީ ފައުޖުތަކުން ލާއިންސާނީ ޢަމަލުތައް ހިންގަން ފެށުމުން ޙަމާސުންވަނީ ޔަހޫދީ އާބާދީތަކަށް އެތައް ހާސް ރޮކެޓު ޙަމަލާއެއް ދީފައެވެ. އެއާއެކު ޔަހޫދީންވަނީ އެއްވެސް ޝަރުތަކައި ނުލައި ފަހަތަށް ޖެހި މަސްޖިދުލް އަޤްޞާގައި ހިންގަމުންދިޔަ ޖަރީމާތައް މެދުކަނޑާލައިފައެވެ.