މިނިސްޓަރ އަބްދުﷲ ޝާހިދު/ ފޮޓޯ: ފޮރިން މިނިސްޓްރީ
މިނިސްޓަރ އަބްދުﷲ ޝާހިދު/ ފޮޓޯ: ފޮރިން މިނިސްޓްރީ

ޢަބްދުﷲ ޝާހިދު: ފަނޑުކޮށް ނުލެވުނު އަލިގަދަ ތަރިއެއް

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެ ވަޑައިގަތުމުގެ މާކުރިއްސުރެ ރާއްޖޭގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ ހިޔަނީގެ ހަރަކާތްތަކަށް ސިޔާސީ ވާދަވެރިންގެ އެޖެންޓުންނާއި ބައެއް މީޑިޔާތަކުން ސިއްރާއި ފާޅުގައި ގެންދިޔައީ ފާރަލަމުންނެވެ. އެމަނިކުފާނުގެ މާޒީ އާއި އަދާއި މާދަމާގެ ކަންކަން ކިލަނބުކޮށްލާނެ ކޮމެވެސް ނުކަސިޔާރު ކަމެއް އަތުޖެހޭތޯ އެވެ. އަމިއްލައަށް އުފަންކުރުވި ދޮގު ވާހަކަތަކާއި ކުރެހި ތަސްވީރުތަކުން އެމަނިކުފާނުގެ ވިދުމަށް ފަނޑުކަމެއް ނުގެނެވިގެންނެވެ.

ބައެއް މީޑިޔާތަކާއި ސޯޝަލް މީޑިޔާތަކުގެ ފޯރަމްތަކާއި ސިޔާސީ ބައެއް ބަހުސްތަކަށް ބަލާއިރުވެސް، ހަގީގަތާ ކަނޑައެޅިގެން ޚިލާފު ވާހަކަތަކުގެ މައްޗަށް ބިނާކޮށްފައިވާ ލިއުންތަކާއި ވާހަކަތައް އޮނަރަބަލް ޝާހިދުއަށް އަމާޒުވެފައި އެބަހުއްޓެވެ. ކުޑަ މިސާލަކަށް ޖެހިލާއިރު، މި ސަރުކާރުގެ ވަޒީރުކަމުގެ ހުވާކުރެއްވުމުގެ މާކުރިން އެމަނިކުފާނުގެ މިލްކުވެރިކަމުގައިވާ ބައެއް މުދަލަކީ ޚިޔާނާތާއި ފަސާދައިގެ ފައިސާއިން ހޯދާފައިވާ ތަކެތިކަން އާންމުންނަށް ދައްކަން ލިޔުން ލިޔެ، ބަސް ބުނެފައި އެބަހުއްޓެވެ. އެއީ ކަނޑައެޅިގެން ދޮގެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ފައިސާގެ އެންމެހާ މުޢާމަލާތްތައް ބައްޓަން ކުރެއްވުމަށެވެ. އެކަމުގެ ހެޔޮ ނަތީޖާ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން އެ އޮތީ ފެންނާށެވެ. އެ ރިޕޯޓު ނިކުތުމުގެ ކުރިން ބައެއް މީޑިޔާތަކާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުން ގެންދިޔައީ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ސިއްސައިގެން ދާވަރުގެ ބޮޑެތި ހިޔާނާތުގެ މައްސަލަތައް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ރިޕޯޓުގައި އެފަދަ އެއްވެސް ކަމެއް ނެތެވެ. މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ ސާފު އޭ ޕްލަސް ރިޕޯޓެކެވެ. މިކަމުން އެފަރާތްތަކަށް ލިބުނު ކުއްލި ސިހުމާއި ލަދުވެތިކަން ބޮޑުވުމުން، ދުވަސްކޮޅަކަށް ބަނޑު ދަމާލިއެވެ.

ރާއްޖޭގެ ފޮރިން ސާވިސް ޕްރޮފެޝަނަލްކޮށް، ހަރުދަނާކުރުމަށްޓަކައި ފުރަތަމަ ފަހަރަށް ފޮރިން ސާވިސްއާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަހުސް ފެށުމާއެކު އަނެއްކާވެސް އެމަނިކުފާނަށް ޒާތީ ހަމަލާތައް އަމާޒުވިއެވެ. އެމަނިކުފާނުގެ ނަފްސުގެ އަގު ވައްޓާލައި، ރައްޔިތުންގެ މެދުގައި އެމަނިކުފާނާމެދު ނުރަނގަޅު ތަސައްވުރެއް ގާއިމްކުރުމުގެ މަގުސަދު ގޮސް ގުޅެނީ އެމަނިކުފާނުގެ ހިންގުންތެރިކަމާއި ކާމިޔާބާއި ހުށިޔާރުކަމާއެވެ. އެކަންކަން ފަނޑުކޮށްލުމަކީ އެފަރާތްތަކުގެ މަގުސަދެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ހައިބަތަށް އުނިކަމެއް ނުގެނެވުނެވެ. ރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ފާސްވެ، ގާނޫނަކަށްވެސް ވެއްޖެއެވެ. އެކަމުން ވެސް އެކަނިކުފާނު ކުރި ހޯއްދެވީއެވެ.

މިވަގުތު ރާއްޖޭގައި ހުރި އެންމެ ހިންގުންތެރި، ސިޔާސީ ގޮތުން އެންމެ ތޫނުފިލި އަދި އިދާރީ ގޮތުންނާއި ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން ހެޔޮ ތަސައްވުރު ތަންފީޒުކުރުމުގައި އެންމެ ފަށުވި ސިޔާސީ ވެރިއަކީ އޮބަރަބަލް ޝާހިދު ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ޚާއްސަކޮށް އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމާއެކު މުޅި ދުނިޔެވެސް އެކަމަށް އެއްބަސްވެއެވެ.

ޝާހިދަކީ ވާދަވެރި ސިޔާސީ ފަރާތްތަކާއި އިދިކޮޅު މީޑިޔާތަކަށްވެސް ފަނޑުކޮށް ނުލެވުނު އަލިގަދަ ތަރިއެކެވެ. އެމަނިކުފާމެދު ދިވެހިންނާއި ދިވެހި ގައުމު ފަހުރުވެރިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *