މޯލްޑިވްސް މީޑިޔާ ކޮންޕެނީގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ކެމެރާ ކުރިމަތީގައި ދަގަނޑުބުރިއަކުން އަމަލާދީ ޒަހަމްކޮށްލި މައްސަލައިގެ ހުކުމް ކުރުން މާދަމައަށް ތާވަލްކޮށްފި އެވެ.
ޖޭއެސްސީގައި ދަށުކޯޓުތައް ތަމްސީލް ކުރައްވާ ލާމް އަތޮޅު އިސް މެޖިސްޓްރޭޓް އަލީ ސަރީފް ބައްލަވާ މައްސަލާގައި ހުކުމް ކުރުން ވަނީ މާދަމާ މެންދުރު 12.30 ގައި ފޮނަދޫ ކޯޓުގައި ތާވަލްކޮށްފައެވެ. މިދިޔަ އާދީއްތަ ދުވަހާއި އަންގާރަ ދުވަހު ވެސް ވަނީ މި މައްސަލަ ހުކުމް ކުރުމަށް ތާވަލްކޮށް ކެންސަލްކޮށްފަ އެވެ.
މިހާރު އަމިއްލަ ވިޔަފާރީގައި އުޅުއްވާ މަސްއޫދަށް ހަމަލާދިން މައްސަލާގައި ދައުވާ އުފުލާފައިވާ ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމް ސަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވެސް ހައިކޯޓުގެ އަމުރަކާއި ހިލާފަށް ފޮނަދޫ ކޯޓުން އޭނާ ދޫކޮށްލުމުން ހައިކޯޓުގެ އަމުރަކަށެވެ. މި މީހާއަކީ ލާމް އަތޮޅުގައި އޮންނަ މަސްއޫދު ކާރުގައި ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ.
މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކުރައްވާ މަސްއޫދަށް ހަމަލާދިން ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމްގެ މައްޗައް ދައުލަތުން ދައުވާ އުފުލާފައި ވަނީ ޤާނޫނު ނަންބަރު 17/2010 ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) އާއި އެ މާއްދާގެ (ށ) ދަށުންނެވެ. މި ކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާއި ދެމެދަށް ޖަލަށްލުމެވެ.
ޕީޖީ އޮފީހުން އެމީހާގެ މައްޗައް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އޯގަސްޓް ތިން ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫ އަމީނީމަގުން އެ ރޭ މަސްއޫދު އަނބިކަބަލުން ގޮވައިގެން ދުއްވާފައި ދަނިކޮށް އެހެން ސައިކަލެއްގައި އަހުމަދު ސަމީމް އައިސް މަސްއޫދު ދުއްވަން ހުރި ސައިކަލާ ހަމަކޮށް ދަގަނޑު ބުރިއަކުން މަސްއޫދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.