Ad

ވަޒީފާއާ ބެހޭ ޤާނޫނާ ހިލާފަށް މަަސައްކަތް ކުރުވާތީ ޕީއެސްއެމްގެ 150 މުވައްޒަފުން މައްސަލަ ހުށައަޅަނީ

ވަޒީފާއާ ބެހޭ ޤާނޫނާއި ހިލާފަށް މަަސައްކަތް ކުރުވާތީ ޕީއެސްއެމްގެ 150 މުވައްޒަފުން ވަޒީފާއާ ބެހޭ ޓްރަބިއުނަލަށް މައްސަލަ ހުށައަޅަން ނިންމައިފިއެވެ.

ޕީއެސްއެމްގެ މުވައްޒަފުންގެ ފަރާތުން މިމައްސަލައިގައި ވަޒީފާ ބެހޭ ޓްރެބިއުނަލްގައި ވަކާލާތު ކުރައްވާނީ 5 ވަކީލުން ހިމެނޭ ޓީމަކުންނެވެ. މި ޓީމުގައި މަޝްހޫރު ޤާނޫނީ ވަކީލު ޝަޒީމް ވަހީދާއި މާލެ އަތޮޅުގެ ކުރީގެ އިސް ގާޒީ އައިނާން އަލީ މުޙައްމަދުވެސް ހިމެނެއެވެ.

އިރުވަރުނޫހަށް މައުލޫމާތުދެއްވަމުން ވަކީލު ޝަޒީމު ވަހީދު ވިދާޅުވީ، ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މުސާރައާއި އިނާއަތްތައް ނުދޭ މައްސަލައިގައި ދައުލަތުގެ މީޑިއާގެ ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރާ 150 މުވައްޒަފަކު ވަޒީފާއާ ބެހޭ ޓްރަބިއުނަލަށްދާން ނިންމާ، އެކަން ވަކީލުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. މިމައްސަލަ ޓަރަބިއުނަލަށް ވައްދާނީ ކޮންމެ މުވައްޒަފެއްގެ މައްސަލަ ވަކިވަކިން ކަމަށް ވަކީލު ވިދާޅުވިއެވެ. ޝަޒީމް ވިދާޅުވީ، އަންނަ ހަފްތާގައި މިމައްސަލަ ޓަރައިބިއުނަލަށް ހުށައަޅުންވާނެ ކަމަށެވެ. މިމައްސަލަ ދިރާސާ ކުރަމުން ދިޔައިރު އެންމެ ބޮޑަށް ފާހަގަވި ކަމަކީ ޕީއެސްއެމުން މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ކަމަށް ޝަޒީމް ވިދާޅުވިއެވެ.

"ޕީއެސްއެމްގެ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުމަށާއި ވަޒީފާގެ ބަޔާނަށް ބަލާއިރު، އޮފް ކަނޑައެޅުމާއި، އިތުރު ގަޑި ކަނޑައެޅުމުގައި މާބޮޑެތި ތަފްޞީލުތަކެއް ނެތް. މުވައްޒަފުންނަށް އިތުރު ގަޑި ފައިސާ ކަނޑައެޅުމުގައިވެސް ހަރުދަނާކަމެއް ކުންފުނީގެ ޕޮލިސީގަވެސް ނެތް. ނަތީޖާއެއްގެ ގޮތުގައި މުވައްޒަފުންނަށް ޙައްޤުވާ ޗުއްޓީ އަދި އުޖޫރަ ނުލިބޭ. އޮފް ކަނޑައެޅުމާއި، ރަސްމީ ބަންދު ދުވަސްތައް ކަނޑައެޅުމާއި، އިތުރު ގަޑި ކަނޑައެޅުމުގައި މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑެތި ތަފާތުތަކެއް ގެންގުޅޭކަން ފާހަގަކުރެވޭ". ވަކީލު ޝަޒީމް ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގ

މި މައްސަލައިގައި ހުށައެޅުމުގައި އިސްކޮށް އުޅެނީ ޓީވީއެމްއާއި ޕީއެސްއެމް ނިއުސްގެ މުވައްޒަފުންނެވެ. މީގެއިތުރުން ދިވެހި އެފްއެމްގެ މުވައްޒަފުންވެސް ހިމެނެއެވެ.

ޕީއެސްއެމްގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ، ޕީއެސްއެމްގެ ބޯޑުން މުވައްފަޒުންނާ މެދު ކަންތައް ކުރަނީ ވަރަށް "އަނިޔާވެރި" ކޮށް ކަމަށެވެ.

"މީގެކުރިން ކުންފުނި ހިންގަން އައި ބޯޑުތަކުން މުވައްޒަފުންނަކީ މުވައްޒަފުންކަން ދަނޭ. އެކަމަކު މިހާރު ކުންފުނި ހިންގަވަން ހުންނެވި އެމްޑީ އަލީ ހާލިދަށް މުވައްޒަފުންގެ އަގު ވަޒަންކުރާކަން ނޭންގޭ. މީގެކުރިން މިތަނުގެ މުވައްޒަފުންނަކީ ޓީމް ވޯކް ވަރަށް ވަރުގަދަ ބައެއް. އޮފީހަށް އަންނަނީ އަންނަ ހިތުން. އެކަމަކު މިހާރު ހިންހަމަ ޖެހިގެން އޮފީހަށް އަންނަ މުވައްޒަފަކު ނެތް. ވަޒީފާވީމަ އަންނަނީ ދެން. ޓީމް ވޯކެއް ނެތް. ކުންފުނީގެ ރަނގަޅު އެތަށް މުވައްޒަފުންނެއް ކެނޑިގެން ހިނގައްޖެ" ޓީވީއެމްގެ މުވައްޒަފަކު ބުންޏެވެ.

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޚާލިދު/ ފޮޓޯ: ޕީއެސްއެމް ނިއުސް

މައްސަލަ ހުށައެޅުމުގައި އިސްކޮށް އުޅުނު މުވައްޒަފަކު ބުނީ ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރާ 90 ޕަސެންޓް މީހުން މި މައްސަލަ ހުށައެޅުމަށް ސޮއިކޮށްފައިވާ ކަމަށާއި ކުންފުނީގެ ސީނިއާ މުވައްޒަފުންވެސް މިކަމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ފާޅުގަ މި ނިކުންނަނީ ހައްޤު ހޯދަން. ޓްރައިބިއުނަލަށް މި މައްސަލަ ވައްދާފަ އަޅުގަނޑުމެންދާނަން މަޖިލީހަށްވެސް. ރައީސް އޮފީހަށްވެސް. މިހާރުގެ ބޯޑު އައުމުގެ ކުރިން ލިބެމުން އައި މުސާރައިގެ 50 ޕަސެންޓް މުސާރައިގެ ގޮތުގައި މި ލިބެނީ. މަސައްކަތަށް ބަދަލެއް ނާދޭ. އިތުރަށް ބުރަ ވީ. ލިބެމުން އައި އެއްޗެއް އުނިކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ކޮވިޑްގެ ހާލަތު އޯކޭ މުސާރަ ކަނޑަން. އެކަމަކު އެ ހާލަތުގައިވެސް މުވައްޒަފުންގެ މުސާރަ ކަނޑާފަ އެމްޑީއާ ޑީއެމްޑީ ލައްކައިން އެލަވަންސް ނަގައިގެން ބަސްޓްވީ. އެޗްއާރުން އެވާހަކަ ދެއްކި މުވައްޒަފު މިހާރު އިނީ "ގާރޑު" ރޫމަށް ބަދަލުކޮށްފަ." ޕީއެސްއެމްގެ މުވައްޒަފަކު ބުންޏެވެ.

ޕީއެސްއެމްގެ ސީނިއާ މުވައްޒަފަކު ބުނީ ކުންފުނީގެ ބޯޑާއި މުވައްޒަފުންނާ އެއްވެސް ގުޅުމެއް މިހާރު ނޯންނަ ކަމަށެވެ.

"މިތަނަކީ މީގެ ކުރިން ކޮންމެ އަހަރަކު ކުލަބް މޯލްޑިވްސް ކަޕް ފަދަ މުބާރާތްތަކުގައި އޮފީސް ތަމްސީލްކުރާ ތަނެއް. ނަމަވެސް މިފަހަރު ކުންފުނީގެ ބޯޑުން އެއްބާރުލުން ނުލިބިގެން ބައިވެެރި ނުބޭ. ކުރީގައި މިތާ ކެންޓީން ހިންގި. ކެންޓީން އޭރިއާގައި ސްކްރީން ބަހައްޓައިގެން ފުޓްބޯޅަ ކަހަލަ ބެލޭނެ އިންތިޒާމް ހުރި. އެކަމަކު މިހާރު އެކަހަލަ އެއްވެސް ކަމެއް ނެތް. އެންމެ މުޑަމިނުން މުވައްޒަފުންގެ ހިތްހަމަޖެހުމަށް ކުރެވޭނެ އެއްވެސް ކަމެއް މިތާންގައި ނެތް. މީހުން ބުނާނެ ޓީވީއެެމްއިން މިހާރު ގިނައިން ހުންނަނީ ދިވެހި ފިލްމު "ހިތްހަލާކު" އަޅުވާފައޭ. އެހެންދޯ ވާނީ. މުވައްޒަފުން ހިތްހަމަޖެހިގެން ދޯ ހަރުދަނާ އުދެއްދުމެއް އުފެއްދޭނީ. އައިޑިއާ އެބަހުރި. އެކަމަކު އެކަން ކުރެވޭނެ މާހައުލެއް މިތާ ނެތް." ޕީއެސްއެމްގެ ސީނިއާ މުވައްޒަފަކު ބުންޏެވެ.

މިސަރުކާރަށް ތާއީދު ކުރާ ޕީއެސްއެމްގެ މުވައްފަކު ބުނީ ސަރުކާރުން ކުރާ ކަންތައް ރައްޔިތުންނަށް ކިޔާދީ، ސަރުކާރު ޕްރަމޯޓް ކުރަން ޕީއެސްއެމް ނުކުޅެދިފަވާ ކަމަށެވެ.

"އެއިރެއްގަ އޮންނަ ސަރުކާރެއް ޕަރަމޯޓް ކުރުމަކީ ދައުލަތުގެ މީޑިއާގެ ޒިންމާއެއް. ސަރުކާރުން ކުރާ ރަނގަޅު ކަންކަން ރައްޔިތުންނަށް ކިޔާދެންޖެހޭ. ކޮވިޑްގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުނު އިރު ދިވެހިންނަށް ދަތިނުވެ ޤައުމު ހިންގޮތް ރައްޔިތުންނަށް ކިޔާދެންޖެހޭ. ހާދަ ޕްރޮޖެޓްތަކެއް ރަށްރަށުގައި އެބަ ހިނގައޭ. އެވާހަކަތައްވެސް އެބަ ދައްކަންޖެހޭ. އެކަމަކު ކުންފުނި ހިންގަން މިވަގުތު ހުރީ އެކަހަލަ އެއްވެސް އައިޑިއާއެއް ހުރި މީހެއް ނޫން. އޭނަގެ ކަމަކީ މުވައްޒަފުންނަށް ޖެއްސުން ކުރުން." ޕީއެސްއެމްގެ މުވައްޒަފަކު ބުންޏެވެ.

ޕީއެސްއެމް ގެ މުވައްޒަފުންގެ މިހާ ބޮޑު ޢަދަދެއްގެ މުވައްޒަފުން ފާޅުގައި ޙައްޤު ހޯދަން ނިކުތުމަކީ ކުންފުނީގެ ހާލަތު ގޯސްވެފައިވާ ކަމުގެ ހެތްކެކެވެ. ޕީއެސްއެމް އަކީ ޤާނޫނީ ބާރުވެރިކަމެއްގެ ތެރެއިން ޤާނޫނަކުން ވުޖޫދުވެފައިވާ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *