Ad

ވިނަރެސް ފްލެޓްތަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭނެ ޝަރުތުތައް ހާމަކޮށްފި

ވިނަރެސް ފްލެޓްތަކަށް ކުރިމަތިލާ މީހުންގެ ހުންނަންޖެހޭނެ ޝަރުތުތައް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، (އެޗް.ޑީ.ސީ) އިން ހާމަކުރައްވައިފއެވެ. ވިނަރެސް ހައުސިން މަޝްރޫޢުން ފްލެޓް ބޭނުންވާ މީހުންނަށް، މިމަހުގެ ތެރޭގައި އެ ފުރުޞަތު ހުޅުވާލާނެކަމަށް އެޗް.ޑީ.ސީ އިން ވަނީ ބުނެފައެވެ.

ވިނަރެސް ހައުސިން މަޝްރޫޢަކީ މެދުފަންތީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެކެވެ. 10 ޓަވަރު ހިމެނޭހެން ތަރައްޤީކޮށްފައިވާ ވިނަރެސް މަޝްރޫޢުގައި 1344 ފްލެޓު ހިމެނެއެވެ. މިއީ 3 ކޮޓަރީގެ ފްލެޓްތަކެކެވެ. މި ފެލްޓްތައް ތަރައްޤީކޮށްފައިވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހިތިގަސްމަގުގައެވެ. އެޗް.ޑީ.ސީން މިހާރު ތައްޔާރުވަމުންދަނީ ފްލެޓްތައް ވިއްކުމުގެ މަސައްކަތަށެވެ. މިމަހުގެ ތެރޭގައި މި ފްލެޓްތަކަށް ކުރިމަތިލުމަށް ހުޅުވާލާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

ވިނަރެސް މަޝްރޫޢަކީ ހަމައެކަނި މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެހިންނަށް ޚާއްސަކޮށްފައިވާ މަޝްރޫޢެއް ނަމަވެސް، މީގެ ތެރެއިން 100 ފްލެޓެއް މާލޭގައި ރަޖިސްޓްރީވެފައިނުވާ އެހެންނަމަވެސް މާލޭގައި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތްތަކަށާއި، މާލޭގައި ރަޖިސްޓްރީވެފައިވާތާ 15 އަހަރު ވެފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅެމުންގެންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަފާއެވެ.

ވިނަރެސް ފްލެޓްތައް ދޫކުރުމުގައި ބަލާނެ އާއްމު އުޞޫލުތަކާއި ޝަރުތުތަކުގެ ތެރޭގައި މާލޭގައި ރަޖިސްޓްރީވެފައިވާ ރަށްވެއްސަކަށްވުމާއި، މާލޭ ސިޓީން ޕްރައިވެޓް (ރިއަލް-އެސްޓޭޓް) މާކެޓުން 600 އަކަފޫޓަށްވުރެ ބޮޑު ހައުސިންގ ޔުނިޓެއް ނުވަތަ ބިމެއް ގަނެ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާދައްކަން ފަށާފައި އޮވެގެން ނުވާނެއެވެ. އަދި އެފަދަ އެއްބަސްވުމެއްގެ ސޮއިކޮށް ފައިސާ ދައްކަން ފަށާނަމަ، މި މަޝްރޫޢުގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަން ދަޢުލަތަށް އަނބުރާ ނެގޭނެއެވެ.

ހަމައެހެންމެ މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މާލޭ ސިޓީގައި ދިރިއުޅުމަށް ހޯދާފައިވާ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު އެއްވެސް ތަނެއް ވިއްކާފައި އޮވެގެންނުވާނެއެވެ. އަދި ވިނަރެސް ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގައި މައި އެޕްލިކަންޓް އަދި ކޯ-އެޕްލިކެންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

މަހަކަށް ޖުމްލަ އާމްދަނީ 61،000 ރުފިޔާއަށް އަށްވުރެ އިތުރަށް ލިބޭ ފަރާތްތަކަށް ވިނަރެސް ހައުސިންގ މަޝްރޫޢުގެ ދަށުން ފްލެޓަކަށް ކުރިމަތިނުލެވޭނެއެވެ. އަދި މައި އެޕްލިކެންޓަކީ މާލޭ ސިޓީން ފުރަތަމަ ފަހަރަށް އެޕާޓްމަންޓެއް ގަންނަ ފަރާތަކަށް ވާންޖެހޭނެކަމަށާއި، ފުރަތަމަ ފަހަރަށް އެޕާޓްމަންޓް ގަންނަ ފަރާތަކީ ފްލެޓެއް، އެޕާޓްމަންޓެއް ނުވަތަ މާލޭ ސިޓީގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނެތް ފަރާތްތަކަށް ވާންޖެހޭނެކަމަށްވެސް އެޗް.ޑީ.ސީން ވިދާޅުވެއެވެ.

މި މަޝްރޫޢާ ގުޅޭ މަޢުލޫމާތާއި ފްލެޓުތަކަށް ފައިސާ ދެއްކޭނެ ގޮތްތަކާގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ފްލެޓްތައް ތަރައްޤީކޮށްފައިވާ ގޮތް އާއްމުންނަށް ދައްކާލުމަށް، ވިނަރެސްއަށް ޒިޔާރަތްކުރުމުގެ ހަރަކާތެއްވެސް ބޭއްވުމަށް ވަނީ ހުޅުވާލާފައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންއާއި، އެޕަރޓްމަންޓްތައް ބަލާލަން ބޭނުންވާ މީހުން އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ނަން ނޯޓް ކުރުމަށްވަނީ ހުޅުވާލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *