Ad

ފަރުތަކާއި ކަނޑުގެ ދިރުންތަކާއި ގޮނޑުދޮށްތަކަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ޕްލާސްޓިކް ކުނީގެ މައްސަލަތައް: މިނިސްޓަރ ޝައުނާ

ފަރުތަކާއި ކަނޑުގެ ދިރުންތަކާއި ގޮނޑުދޮށްތަކަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ޕްލާސްޓިކް ކުނީގެ މައްސަލަތައް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިކަމަށް ހައްލު ހޯދުމަށް 2020އިން 2023އަށް ކުރިއަށް ގެންދާ "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" މިހާރު ތަންފީޒްކުރަން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިމަސައްކަތް ކުރިއަށް ގެންދަވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންކަމަށާ، އެގޮތުން 2023ގެ ނިޔަލަށް 13 ބާވަތެއްގެ ޕްލާސްޓިކް ބޭނުންކުރުން މުޅިން ހުއްޓާލާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ބަދަލާއެކީ އަޅުގަނޑުމެންގެ ރާއްޖޭގެ ގޮނޑުދޮށްތަކުންނާއި މޫދުގެ އެކިއެކި ސަރަހައްދުތަކުން ފެންނަ ޕްލާސްޓިކް ކުނީގެ ބާވަތްތައް އެތައް ގުނައަކުން މަދުވެގެން އަންނާނެ. އަދި އެކަމުގެ ހެޔޮ އަސަރު އަޅުގަނޑުމެންގެ އިޤްތިޞާދަށާއި ދިވެހިންގެ ދިރިއުޅުމަށާއި ޚާއްޞަކޮށް އަޅުގަނޑުމެންގެ ސިއްޙަތަށްވެސް ކުރާނެކަން އަޅުގަނޑު ފާހަގަކޮށްލަން." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ކުންޏަކީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލަކަން ފާހަގަކުރައްވައި މިނިސްޓަރ ޝައުނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށްވެސް ސަރުކާރުން އެކިއެކި މަރުހަލާތަކަށް ބަހައިގެން މަސައްކަތްކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ރާއްޖޭގެ 3 ސަރަހައްދެއްގައި ރީޖަނަލް ވޭސްޓް މެނޭޖުމަންޓް ސެންޓަރު ޤާއިމްކުރުމާއި ކޮންމެ ރަށެއްގައިވެސް ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް ޤާއިމްކުރުން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރަށުފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކުނި މެނޭޖުކުރުމުގެ ޤަވާއިދުތަކަށް ގެންނަޖެހޭ ބަދަލުތައް ގެންނަމުންދާކަމަށާ، އެގޮތުން މާލެ ސަރަހައްދުގައި ކުނި ބައިބަޔަށް ވަކިކުރަން ފަށާފައިވާކަން މިނިސްޓަރ ފާާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަތޮޅުތަކުގައި އެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާ، ކުނި މެނޭޖުކުރުން ފެށެންޖެހޭނީ ގޭބީސީއާ ހިސާބުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކުނީގެ ތެރޭގައި ހިމެނޭ ގެއްލުންދޭ ކެމިކަލްތައް ނައްތާލުމުގެ މަސައްކަތްތައްވެސް އިސްކަންދީގެން އަޅުގަނޑުމެން މި އަންނަނީ ކުރަމުން. އެގޮތުން ރާއްޖޭގެ ޚާއްޞަކޮށް ހެޒެޓަސް ކެމިކަލް ވޭސްޓާ ގުޅޭ ބިލެއް ފަރުމާކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން. އަދި މިފަދަ ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ފަންނީ ލަފާ ލިބި އެމަސައްކަތްތައް ރޭވުމުގެ ކަންކަން އެބަ ކުރިއަށް ގެންދޭ." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *