Ad

ރާއްޖޭގެ ރިޒާވް ހުސްވެދާނެކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް: ފިނޭންސް މިނިސްޓަރ އަމީރު

ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަތަކާއި ގުޅިގެން މިނިސްޓަރ އަމީރު ވިދާޅުވީ އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ޕްރީ-ކޯވިޑް ލެވެލްގައި ދެމެހެއްޓޭނެކަމަށެވެ. ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތްކަމަށާއި، ދަރަނި ދެއްކުމުގެ ޤާބިލުކަން އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ދަނީ ގާތުން ބަލަމުންކަމަށާއި، ދިމާވާ ގޮން ޖެހުންތަކަށް ފިޔަވަޅު އަޅަމުންދާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ މިއީ އެއްވެސް ހަޤީޤަތެއް ނެތް ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށެވެ. މިފަދަ ވާހަކަތަކަށް ރައްޔިތުންނާއި ބޭރުގެ އިންވެސްޓަރުންނަށް ހަޤީޤަތް އޮޅޭގޮތައް ދެއްކުމުން, ދުނިޔެ އޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ ކަމަށެވެ. އަދި މިއީ އިޤްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، މާކެޓަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިސާދު ދަނީ ހަލުވިކަމާއެކު ކުރިއަރަމުންކަމަށާއި، މި އަހަރު ނިމޭއިރު ކޯވިޑް-19ގެ ކުރީގެ އިޤްތިސާދުގެ ސައިޒަށް ރުޖޫޢަވެވޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ ފިސްކަލް ހާލަތަށް ބަލައި ކޯވިޑް-19ގެ ސިއްޙީ އަދި އިޤްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *