މިއުޒިޝަން ސިދު މޫސް ވަލާ މަރާލުމާއި ގުޅިގެން ސަލްމާން ޚާންގެ ސެކިއުރިޓީ ވަރުގަދަ ކުރެވުނު ކަމުގެ ޚަބަރަތައް އޮތޯ ފެތުރިފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ލަވަކިޔުންތެރިޔާ މަރާލުމާ ގުޅިފައިވަނީ ލޯރެންސް ބިޝްނޯއީ ގޭންގާއި ކަމަށާއި އެކަމުގެ ސަބަބުން ސަލްމާނަށް ވެސް ނުރައްކާ ކުރިމަތިވެފައިވާ ކަމަށެވެ.
ފަހުގެ ޚަބަރުތައް ބުނާގޮތުން ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާނަށް ވަނީ ގޮތްނޭނގޭ މީހެއްގެ އިންޒާރު ލިބިފައެވެ. މި ހާދިސާއަށްފަހު، އާދީއްތަ ދުވަހު ވަނީ މި ގޮތްނޭނގޭ މީހާގެ މައްޗަށް ފުލުހުންނަށް މައްސަލަ ހުށަޅާފައެެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މުމްބާއީ ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގެއް މިހާރު ވެސް ފަށާފަ އެވެ. ރިޕޯޓްތަކުގައިވާ ފުލުހުންގެ ބަޔާނުގައިވާ ގޮތުން ސަލީމް ޚާން އާއދީއްތަ ދުވަހު އާންމު އުސޫލުން ޖޮގް ކުރަން ނުކުތްތަނުން އޭނާއަށް ވަނީ އިންޒާރުގެ ނޯޓެއް ލިބިފައިއެވެ. މިނޯޓް ލިބުނީ މުމްބާއީގައި ހުންނަ އޭނާގެ ގެ ކައިރީގައި އޮންނަ ކަސްރަތު އޭރިއާގައި ޖޮގް ކުރުމަށް ފަހު ބެންޗެއްގައި އިށީދެލައިގެން އިންދައެވެ.
މިނޯޓްގައި ސަލްމާން ޚާންގެ ނަން ލިޔެފައި އޮތް ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުލުހުން ބުނީ ސޮއި ނުކުރާ މިލިޔުމުގައި ސަލްމާން ޚާނާއި ސަލީމް ހާންއަށް ވެސް އިންޒާރު ދީފައިވާ ކަމަށެވެ. މިހާދިސާއަށްފަހު ޚާން އެ އާއިލާއިން ވަނީ މުމްބާއީގެ ފުލުހުންނާ ގުޅައިގެން އެ މައްސަލައިގައި ރަސްމީ އެފްއައިއާރު ހުށަހަޅާފައެވެ.