Ad

"ހޭންޑް ފޫޓް އެންޑް މައުތު ޑިޒީޒް" ސްރީލަންކާގައި ބާރަށް ފެތުރެން ފަށައިފި

ސްރީލަންކާގެ ކޮލަމްބޯ ހިމެނޭ ގޮތަށް ބައެއް ސަރަހައްދުތަކުގައި ކުޑަކުދިންގެ މެދުގައި ހޭންޑް، ފޫޓް އެންޑް މައުތު ޑިޒީޒް ފެތުރެމުން އަންނަ ކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެފި އެވެ. އަދި މިކަމަށް މުޅި ޤައުމު ސަމާލުވުމަށް ސިއްހީ މާހިރުން ގެންދަނީ އިންޒާރު ދެމުންނެވެ.

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ.ދީޕަލް ޕެރޭރާ ވިދާޅުވި ގޮތުގައި ހޭންޑް، ފޫޓް އެންޑް މައުތު ޑިޒީޒް (އެޗްއެފްއެމްޑީ) ޖެހިފައިވާ ކުދިންގެ ހަށިގަނޑުން ރަތްކުލައިގެ ފިތްތަކެއް ގޮތަށް އަލާމާތްތައް ފެންނަ ކަމަށެވެ. އޭނާ ވިދާޅުވީ ބަލި ފަސޭހައިން ފެތުރެމުން އަންނަ ކަމަށާއި އެއްފަހަރު ބަލި ޖެހިފައިވާ ކުދިންނަށް އަލުން ބަލި ޖެހުމުގެ ނުރައްކާ ވެސް ބޮޑު ކަމަށެވެ. އަދި މިބަލި ޖެހިފައިވާ ކުދިންނަށް ޕެރަސެޓަމޯލް ދިނުމާއި ގޭގައި އަރާމު ކުރުމަށް ވެސް ކުޑަކުދިންގެ ޑޮކްޓަރު ލަފާ ދެއްވައެވެ.

ޑޮކްޓަރު ވިދާޅުވީ މިއީ ފުރާނައަށް ނުރައްކާ ބައްޔެއް ނޫން ނަމަވެސް އުމުރުން 6 މަހާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޑރ.ދީޕަލް ޕެރޭރާ ވިދާޅުވީ ޑެންގޫ ފެތުރުމުގެ ނުރައްކާ ވެސް އިތުރުވެފައިވާ ކަމަށާއި ސްކޫލްތައް ފެށުމާއެކު އެތަންތަން ސާފުކޮށް ބެހެއްޓުމަށް ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ، އަދި ކޮންމެ ދުވަހަކުވެސް ދިވެހިން ދަތުރުކުރާ މަންޒިލެކެވެ. ނަމަވެސް ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ މިކަމާއި ބެހޭގޮތުން ދިވެހިންގެ ސަމާލުކަމަށް އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނެތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *