Ad

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފި

އިސްލާމް ދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ހިންގާ އެއްވެސް ޢަމަލަކީ ބަލައި ގަނެވޭނެ ޢަމަލެއް ނޫންކަމަށް ވިދާޅުވެ، އެފަދަ ޢަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިންޑިއާގެ ސިޔާސީ ޕާޓީއެއްކަމަށްވާ ބީޖޭޕީގެ އޮފިޝަލަކު ދެއްކި ވާހަކަތައް ކުށްވެރިކުރައްވައި ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި، މާތް ރަސޫލާގެ ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ އެއްވެސް ޢަމަލެއް ދިވެހި ސަރުކާރުން ބަލައިނުގްނަނާނެކަމަށެވެ. އަދި އެފަދަ ކޮންމެ ޢަމަލެއްވެސް އެންމެ ހަރުކަށި ޢިބާރާތުން ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށެވެ.

ބީޖޭޕީގެ މިޢަމަލުގައި ޝާމިލުވި އޮފިޝަލަށް އެޕާޓީން ފިޔަވަޅު އަޅާފައިވާތީ ދިވެހި ސަރުކާރުން ވަނީ މަރުހަބާ ވިދާޅުވެފައެވެ. ސަރުކާރުން ވަނީ މީގެ ކުރިންވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި މާތް ރަސޫލާއާއި، އިސްލާމްދީނަށް ފުރައްސާރަކޮށް ހިންގާ އަމަލުތައް ކުށްވެރިކުރައްވާފައެވެ.

މީގެ އިތުން ސަރުކާރުން ދަނީ ފަލަސްތީނުގެ މުސްލިމު އަޚުންނާއި އިހުތުންނަށް އިސްރާއިލުގެ ހައްދު ފަހަނައަޅާފައިވާ ފަރާތްތަކުން ދެމުންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެކަންކަމުގެ ދިފާޢުގައިވެސް ކެނޑިނޭޅި ވަކާލާތު ކުރަމުންނެވެ.

ރާއްޖެއިން ދަނީ އިސްލާމްދީނާދެކޮޅަށް ހިންގޭ އެކި އަމަލުތައް ހުއްޓުވުމަށްޓަކައި، ސަރުކާރުގެ ލެވެލްގައާއި، ބައިނަލް އަގުވާމީ ލެވެލްގައިވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިސްލާމްދީނާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތައް ހުއްޓުވަން ރާބިޠަތުލްޢާލަމިލް އިސްލާމީއާއި ރާއްޖެއާ ދެމެދު ވަނީ ޚާއްސަ މަޝްވަރާތަކެއްވެސް ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *