Ad

ހުއްޓުމެއް ނެތި މޭޔަރ މުއިއްޒު ދޮރުން ދޮރަށް!

މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ ކެމްޕޭން ވަޢުދާ އެއްގޮތަށް ގޭގެއަށް ޒިޔާރަތް ކުރެއްވުން ރަމަޟާންމަހަށް މެދުކަނޑާލެއްވުމަށް ފަހު އަނެއްކާވެސް ފައްޓަވައިފިއެވެ.

ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ހަމައެކަނި ކެމްޕޭނަށް ކުރައްވާ ކަމަކަށް ނުހައްދަވައި މަޤާމަށް ވަޑައިގަތުމަށްފަހު ވެސް އެކަން ކުރިއަށް ގެންދެވުމަކީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭ ރައްޔިތުންނަށް ވެވަޑައިގެންނެވި އެއް ވަޢުދެވެ. މާލޭ ރައްޔިތުންގެ ތަނަވަސް އަޣްލަބިއްޔަތަކުން އެމަނިކުފާނު މާލޭގެ މޭޔަރުކަމަށް ހޮއްވެވުމާއެކު އެމަނިކުފާނު ވަނީ މި ވަޢުދު ފުއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.

ކޮވިޑް-19ގެ ސަބަބުން ދިމާވެފައި ހުރި ހުރަސްތަކާއެކު ގޭގެއަށް ޒިޔާރަތް ކުރެއްވުން ފެއްޓެވުން ފަސްވި ނަމަވެސް ޙާލަތު ބަދަލުވުމާއެކު ރައްޔިތުން ގާތަށް ޒިޔާރަތް ކުރެއްވުމަށް މޭޔަރު ފެއްޓެވީ 2021 ވަނަ އަހަރުގެ ނޮވެމްބަރު ފުރަތަމަ ދުވަހުއެވެ. އެގޮތުން ޚާއްޞަ ތާވަލެއް ހައްދަވައި އެކި ދާއިރާތަކުގެ ކައުންސިލަރުންނާއެކު ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ޙާލަތު ބައްލަވަން ފެއްޓެވިއެވެ.

 

ނިމިގެންދިޔަ ރަމަޟާންމަހަށް މިކަން މެދުކަނޑާލެއްވުމަށްފަހު އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރެއްވުން މޭޔަރު މިހާރު ވަނީ ފައްޓަވާފައެވެ. އެގޮތުން މިހާތަނަށް ވަނީ މައްޗަންގޮޅި ދެކުނު ދާއިރާއާއި، މައްޗަންގޮޅީ މެދު ދާއިރާއާއި، މައްޗަންގޮޅީ ހުޅަނދު ދާއިރާއާއި، ގަލޮޅު މެދު ދާއިރާގެ ގޭގެއަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި ސިޓީ ކައުންސިލުގައި އެ ދާއިރާތައް ތަމްޞީލުކުރައްވާ ކައުންސިލަރުންނާއި ކައުންސިލުގެ ފަރާތުން އިތުރު ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތްތަކުގައި މޭޔަރު ވަނީ ރައްޔިތުންގެ ޙާލު ބައްލަވައި ކަންކަމުގައި ޚިޔާލު ހޯއްދަވާފައެވެ. މި ޒިޔާރަތްތަކުގައި ރައްޔިތުންގެ ފަރާތުން އެދޭ ކަންކަން ރަސްމީކޮށް ނޯޓުކުރެވި ޙައްލު ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަަމަށް ކުރިން ވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އެގޮތުން މިފަހަރުގެ ޒިޔާރަތުގެ ތެރެއިން ރައްޔިތުން އެދޭ ކަންކަން ވެސް ވީއެންމެ އަވަހަކަށް ގެންދަވަނީ ހަމަޖައްސަވައިދެއްވަމުންނެވެ.

މޭޔަރު މުޢިއްޒުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މައްޗަންގޮޅީ މެދު ދާއިރާގެ ރައްޔިތުން ގާތަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މއ.ސީނާރވިއު ގޯޅިތެރޭ ބައްތި ހަރުކޮށް އަލިކުރެވޭނެ ގޮތެއް ހޯދައިދިނުމަށް ބައެއް ރައްޔިތުން އެދިފައިވާތީ ސިޓީ ކައުންސިލުން މިހާރު ވަނީ އެގޯޅިޔަށް ކައުންސިލް ޓީމެއް ފޮނުވައި އެ ގޯޅީގައި ލައިޓްހަރުކޮށްދީފައި ކަމަށެވެ. މިނޫނަސް މަގުމައްޗާ ގުޅޭ ބައެއް ކަންކަން އެހެން ބައެއް ދާއިރާތަކުގެ ރައްޔިތުންގެ ފަރާތުން ފާހަގަކުރުމުން އެކަންކަން ވެސް ވަނީ ޙައްލުކޮށްދެއްވާފައެވެ.

ރައްޔިތުންގެ ޙާލު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރާނެ ގޮތުގެ ތާވަލެއް ހަދައި ކޮންމެ ހަފުތާއަކުވެސް ދެދުވަހުން އެއްދުވަހު ގޭގެއަށް ޒިޔާރަތްކުރުމަށް މާލޭ ސިޓީ ކައުންސިލުގެ ހިނގަމުންދާ ދައުރުގައި ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ވަނީ ހިމަނާފައެވެ. މި އެކްޝަން ޕްލޭން ފާސްކޮށްފައިވަނީ ކައުންސިލްގެ ފުރަތަމަ ޖަލްސާގައެވެ.

ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރައްވަން މާލޭގެ މޭޔަރު ފައްޓަވާފައިވާއިރު، އެމަނިކުފާނު ގެންދަވަނީ އެހެން ގޮތްގޮތުން ވެސް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަންތައްތަކުގައި ހޯއްދަވަމުންނެވެ. މިގޮތުން މާލޭގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން އަވަށްތައް ވަކިވަކިންނާއި އަދި މުޅި މާލެއަށް އަމާޒުކޮށް ވެސް ބައްދަލުވުންތައް ބާއްވަވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *