Ad

ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓް ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅަނީ

ހދ. ޖުޑީޝިއަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަލީ އާދަމްގެ ސުލޫކީ މައްސަލައެއް ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ހުށަހަޅަން ނިންމައިފިއެވެ. އެމައްސަލައަކީ، ދާދި ފަހަކުން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ފައިސާ ހޯދުމުގެ މައްސަލައަކާއި ގުޅިގެން ހުށަހަޅާ މައްސަލައެކެވެ.

ދަޢުވާކުރާ ފަރާތުގެ އަތުން ފަސްލައްކަ ރުފިޔާ ފަހުން ދޭގޮތަށް ދަޢުވާލިބޭ ފަރާތުން ނެގިއިރު، ދަޢުވާލިބޭ ފަރާތުން އެފައިސާ އަނބުރާ ދީފައިނުވާތީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް އެމައްސަލަ ހުށަހެޅުމުން، ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާ ލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ އަތުން ފައިސާ ނެގިކަމަށް އިޢުތިރާފުވުމުންވެސް، މެޖިސްޓްރޭޓް ޢަލީ އާދަމް ނިންމީ އެފައިސާއަކީ ދޭންޖެހޭ ފައިސާއެއް ނޫންކަމަށެވެ.

ސަބަބެއްކަމުގައި ޙުކުމްގައި ބުނަނީ، އެފައިސާއަކީ ދަޢުވާކުރާ ފަރާތުގެ އަތުން ދަޢުވާ ލިބޭ ފަރާތުން ފަހުން އަނބުރާ ދީ އަދާކުރާ ގޮތަށް އެއްބަސްވެގެން ނެގި ފައިސާއެއްކަން ޝަރީޢަތަށް މަދަނީ މިންގަނޑުން ސާބިތުވިޔަސް، ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެފައިނުވާތީ، އެފައިސާ ދޭން ނުޖެހެނީއެވެ.

ކޮންޓްރެކްޓާބެހޭ ޤާނޫނު ބުނާ ގޮތުން، އެއްބަސްވުމަކީ ލިޔެވިފައި އޮތުން ކޮންމެހެން ލާޒިމު އެއްޗެއްނޫނެވެ. ދެފަރާތުން ޢަމަލުކުރާ ގޮތަކުން ރުހި ޤަބޫލުވާ ގޮތަކުންވެސް އެއްބަސްވުމެއް އުފެދުނީއެވެ. އެހެން ނަމަވެސް، މެޖިސްޓްރޭޓް ޢަލީ އާދަމް ނިންމެވީ، ފައިސާ ދޭންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

ދަޢުވާކުރާ ފަރާތުން މިނޫހަށް މަޢުލޫމާތު ދިން ގޮތުގައި، ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާކުރާ ފަރާތުގެ ހެކިންގެ ހެކިބަސް ނެގުމަށްފަހު، މެޖިސްޓްރޭޓް ވަނީ ހެކިންނާއި މުޚާޠަބުކޮށް ތިޔައީ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ބުނެގެން ހެކިބަސް ދިން ހެއްކެކޭ ބުނެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި މުޅިން ޚިލާފަށް ޢަމަލުކޮށްފައެވެ. އެހިސާބުން، ފަނޑިޔާރު ބަދަލުކޮށްދިނުމަށްވެސް ދަޢުވާކުރާ ފަރާތުން ކޯޓުގައި އެދުމުންވެސް، މެޖިސްޓްރޭޓް ޢަލީ އާދަމް ނިންމީ ތަނާޒުލު ނުވުމަށެވެ.

އެމައްސަލައަކީ، 2019 ވަނަ އަހަރުގެ ކުރީކޮޅު ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެމައްސަލަ ނުހިންގައި ބާއްވައިގެން އެތަކެއް ދުވަހު މެޖިސްޓްރޭޓް ހުރުމަށްފަހު، 4 އަހަރު ފަހުން މައްސަލަ ނިންމެވީ، ދަޢުވާކުރާ ފަރާތުގެ އަތުން ދަޢުވާ ލިބޭ ފަރާތުން ފައިސާ ނެގިކަން މަދަނީ މިންގަނޑުން ސާބިތުވިޔަސް، އެފައިސާ ދޭކަށް ނުޖެހޭނެކަމަށެވެ.

މައްސަލާގެ ޙުކުމުގައި، މެޖިސްޓްރޭޓް ޢަލީ އާދަމް ފާހަގަކޮށްފައިވަނީ، އެމައްސަލާގައި ޖިނާޢީ ކުށެއް އޮތްތޯ ބަލަން ބޭނުންވެއްޖެނަމަ، އެމައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ދަޢުވާކުރާ ފަރާތަށް ކުރިޔަށް ގެންދެވިދާނެތީ، މިވަގުތު ދަޢުވާކުރެވިފައިވާ ފައިސާ ދަޢުވާކުރާ ފަރާތަށް ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ސަބަބެއްނެތެވެ.

މަދަނީ ޚުޞޫމަތުގެ މައްސަލަތަކަކީ، އޭގައި ޖިނާޢީ ކަމެއް ޢަމަލެއް އޮތްތޯ ބަލާކަށް ނުޖެހޭ މައްސަލަތަކެވެ. މަދަނީ މިންގަނޑުން ނުވަތަ ޢަމިއްލަ އިޢުތިރާފުން ކަމެއް ސާބިތުވެއްޖެނަމަ، މަދަނީ މައްސަލަތަކުގައި އޮންނަނީ ބަދަލު ނަގައިދިނުމެވެ. އެއީ، ފައިސާގެ ބަދަލެވެ.

ހދ. ޖުޑީޝިއަލް ދާއިރާގެ މެޖިސްޓްރޭޓް ޢަލީ އާދަމްގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެގެން ދާދި ފަހުންވެސް ޖުޑީޝިއަލް ސަރވިސް ކޮމިޝަނުންވަނީ ފިޔަވަޅު އަޅައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *