Ad

އެމްއެންޑީއެފް ޑޮކްޓަރަކު ކުލިނިކެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލަ ދޮގުކޮށްފި!

އެމް.އެން.ޑީ.އެފްގެ ޑޮކްޓަރަކު ކުލިނިކެއްގެ ތެރޭގައި އެތަނުގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމަށްބުނެ ދައްކަނީ އަޞްލެއްނެތް ވާހަކަތަކެއްކަމުގައި ޑޮކްޓަރުގެ ވަކީލު ވިދާޅުވެއްޖެއެވެ.

ޑޮކްޓަރުގެ ވަކީލު ވިދާޅުވީ، އެތުހުމަތަކީ ކަނޑައެޅިގެން ޙަޤީޤަތާއި ޚިލާފު ތުހުމަތެއްކަމަށާއި އެފަދަ އެއްވެސް ޖިންސީ ޢަމަލެއް އެއްވެސް ތާކު އެމުވައްޒަފާމެދު ކޮށްފައިނުވާކަމަށެވެ.

ވަކީލު ވިދާޅުވީ، އެ އަންހެން މުވައްޒަފު ލޮލުގެ މައްސަލައެއް ދިމާވެގެންކަމުގައި ބުނެ، އެކި ދުވަސް މަތިން ތަކުރާރުކޮށް ޑޮކްޓަރުގެ ޑިއުޓީ ގަޑީގައި ކޮންސަލްޓޭޝަން ރޫމަށް ވަންނާތީ، ސުވާލުކުރުމުން، ލޮލުގައި ރިއްސާތީ އަންނަނީކަމުގައި ބުނެފައިވާ ކަމަށެވެ. އެހެން ކަމުން، ލޯ ކޮންސަލްޓްކޮށް، ފަރުވާދީފައިވާނެކަމަށާއި، އަންހެން މުވައްޒަފުގެ ފަރާތުން ޑޮކްޓަރާއި ގަޔާވެ ލޯބީގެ ގޮތުން ގުޅިގެން އުޅެން ބޭނުންވާ ވާހަކަ ބުނެ ކައިރިވާން ހެދުމުން، އެކަމާހެދި އުނދަގޫވެގެން ބުނުމުން އަންހެން މުވައްޒަފު ކުލިނިކުގައި ކޮމްޕްލެއިން ކުރީކަމަށް ބެލެވޭ ކަމަށް ޑޮކްޓަރާ ހަވާލާދީ ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެމައްސަލާގައި މިހާރު މަޢުލޫމާތު ސާފުކޮށް ކުލިކުން ބަޔާން ނަގާފައިވާއިރު، ޑޮކްޓަރުގެ މައްޗަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަވާން ނެތްކަމުގައި ޑޮކްޓަރުގެ ޤާނޫނީ ވަކީލު ޝަޒީމު ވަޙީދުވަނީ ވިދާޅުވެފައެވެ. ވަކީލު ވިދާޅުވީ، މައްސަލާގެ ވާހަކަ މީޑިއާ އަންހެން މީހާ މައުލޫމާތުދީގެން މީޑިއާގެ ޕްލެޓްފޯމުތަކުގައި ޝާއިޢުކޮށްފައިވާކަމަށާއި، ނަމަވެސް އެއީ ޙަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށެވެ. އެމައްސަލަ އަންހެން މުވައްޒަފުގެ ފަރާތުން ފުލުހުންގެ ޚިދުމަތަށްވެސް ހުށަހަޅާފައިވާ ކަމުގައި ބެލެވޭއިރު، އެމައްސަލާގައި ކުށުގެ ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރެދާނެކަމުގައިވެސް ނުބެލެވޭކަމުގައި ވަކީލު ޝަޒީމު ވަނީ ވިދާޅުވެފައެވެ.

މައްސަލާގައި މަދަނީ ދަޢުވާކުރުމަށްވެސް ޑޮކްޓަރގެ ފަރާތުން މިހާރު ތައްޔާރުވަމުން ދާ ކަމުގައި ވަކީލު ވިދާޅުވިއެވެ. އަދި، މިކަމުގައި ޝާމިލުވާ އެންމެންގެ މައްޗަށް ވަކިވަކިން ދަޢުވާކުރާނެކަމަށްވެސް ވަކީލު ވިދާޅުވިއެވެ. ޖިންސީ ކުށުގެ މައްސަލަތަކަކީ މީހުން ފްރޭމްކުރުމުގެ ގޮތުގައި ބޭނުންކުރެވޭ ހަތިޔާރެއްކަމުގައި ގިނަ ޢަދަދެއްގެ ވަކީލުންދަނީ ފާހަގަކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *