Ad

އެންމެ ރަގަޅު ގޮތަކީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ވާދަ ނުކުރެއްވުން: ރައީސް ނަޝީދު

އެމްޑީޕީގެ އެންމެ ރަގަޅު ގޮތަކީ އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ވާދަ ނުކުރުންކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ "އާސްކް ސްޕީކާ"ގެ 5 ވަނަ ޕްރޮގުރާމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އަދި ރާއްޖޭގެ ކަންކަން ކުރިއަށްދާ މިސްރާބަށް ބަލާއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވުމަކީ ޕާޓީއަށް އެންމެ ފައިދާވާނެ ގޮތްކަމަށެވެ. އަދި ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިރޭ ވަނީ އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން އެންމެ ޤާބިލް ކެންޑިޑޭޓަކީ ފޮރިން މިނިސްޓަރު ޝާހިދުކަމަށް ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން. ރައީސް، 2018 ވަނަ އަހަރުގައި ކުރިމަތިލެއްވި އިރުގައި އޭގެ ކުރީގައި އަޅުގަނޑާއި ބައްދަލު ކުރެއްވި އަބްދުﷲ ޝާހިދު. އެ 2018 ވަނަ އަހަރުގެ އިންތިހާބުގައި ޝާހިދު އެދިވަޑައިގެންނެވި ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނެވުމަށް. އެހެން ނަމަވެސް އަޅުގަނޑު ދެންނެވިން ޝާހިދުގެ އަރިހުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި 2018 ވަނަ އަހަރުގެ އިންތިހާބުގައި ނިކުތުމަށް އެންމެ ރަނގަޅު ބޭފުޅަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއޭ. 2018 ވަނަ އަހަރު އަޅުގަނޑު އަބްދުﷲ ޝާހިދު އަރިހުގައި އެ ފަހަރު މަޑުކުރައްވަން ދެންނެވިއިރުގައި އަޅުގަނޑަށްވެސް ވަރަށް ބޮޑަށް ސާފު ޝާހިދަކީ ރާއްޖޭގެ ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ބޭފުޅެއްކަން." ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ އެންމެ މުހިއްމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށާއި އަދި އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާ ހުރި ގޮތްކަމަށެވެ. އަދި އެކަނި އެއްވެސް ޕާޓީއަކަށް އިންތިޙާބު ކާމިޔާބު ނުކުރެވޭނެކަމަށާއި އެކަން ކުރަންޖެހޭނީ ގިނަ ޕާޓީތަކެއް އެެކުވެގެންކަމަށް ރައީސް ވިދާޅުވީއެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *