Ad

އުދައިގެ އަސަރު 11 އަތޮޅެއްގެ 34 ރަށަކަށް، ގިނަ އާއިލާތައް ވަގުތީ ހިޔާގައި

ރާއްޖޭގެ ގިނަ ރަށްތަކަށް އުދައެރުމުގެސަބަބުން ގިނަ އަދަދެއްގެ އާއިލާ ވަގުތީ ހިޔާތަކަށް ބަދަލުކުރަންޖެހޭ ކަމަށް ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންވިދާޅުވެއްޖެއެވެ.

އެންޑީއެމ،ްއޭއިން ވިދާޅުވީ ގދ. މަޑަވެލީގައި 98 އިންސައްތަ ފެންބޮޑުވެ، ގިނަ އަދަދެއްގެ އާއިލާ އެހެން ގެތަކަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެރަށުގެ ހަތަރު ގެއެއް މީހުންނަށް ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އުދަ އެރުމުގެ ސަބަބުން ތ. ތިމަރަފުށީގެ 30 ވަރަކަށް އާއިލާ އެހެން ގެތަކަށް ބަދަލުވެފައިވާއިރު އެރަށުގެ އެއް އާއިލާ ކައުންސިލްގެ ބެލުމުގެ ދަށުގައި ތިބި ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެ އަތޮޅު ކިނބިދޫގައި ވެސް 90 އިންސައްތަ ގެތަކުގައި ފެންބޮޑުވެ އެރަށުގެ ގިނަ ބަޔަކު އެހެން ގެތަކަށް ބަދަލުވެފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

އުދަ އަރައި ލިބުނު ގެއްލުންތަކާއި ގުޅިގެން އާއިލާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ރަށްތަކުގެ ތެރޭގައި އައްޑޫ މަރަދޫ، މަޑަވެލި، ތިމަރަފުށި، ފެންފުށި ހިމެނެއެވެ.

މީގެ އިތުރުން އުދައިގެ ސަބަބުން ތ.މަޑިފުށީގެ ނަރުދަމާ ހޮޅި ފަޅައިގެން ގޮސްފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ކުރިޔަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އެމްއެންޑީއެފާއި ކައުންސިލްތަކާ ގުޅިގެން އެކި ރަށްރަށަށް ވެލި ބަސްތާ ފޯރުކޮށްދީ ފެން ހިނދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މަޢުލޫމާތު ދެއްވައެވެ.

ރާއްޖޭގެ ހަތް އަތޮޅަކަށް އުދައިގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެންމެ ބޮޑަށް އުދައިގެ އަަސަރުކޮއްފައިވަނީ ތ. އަތޮޅަށެވެ. އެއަތޮޅުގެ 9 ރަށަކަށް ވަނީ އުދައަރައިގެން އެކިވަރުގެ ގެއްލުންތައް ވެފައެވެ. އުދައިގެ އަސަރު ކޮށްފައިވާ އެހެން ރަށްރަށުގެ ތެރޭގައި އދ. ފެންފުށި، ޅ. ކުރެންދޫ، ލ. މާވަށް، ގއ. ކޮލަމާފުށީ، ގދ. ގެ ހަތަރު ރަށެއް އަދި އައްޑު އަތޮޅުހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *