Ad

ނައިފަރު ކޯޓުގެ މެޖިސްޓްރޭޓް ޝެއިޚް މުޙައްމަދު މޫސާގެ މައްސަލަ ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް

ވަޒީފާގެ މުސާރައާއި ޢިނާޔަތް ނުދިނުމުގެ މައްސަލަތަކާއި މާލީ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަތަކާއި ހަވާލާދީ، މަސްތުވާތަކެތީގެ ޓްރެފިކިންގ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށްލުމަށް ޙުކުމްކުރުމުން، ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު މޫސާގެ ސުލޫކީ މައްސަލައެއް ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. އެމައްސަލަ ހުށަހަޅާފައިވަނީ ދައުވާލިބުނު ފަރާތުގެ ޢާއިލާއިންނެވެ.

މައްސަލާގެ ފަސްފަހަތް: ދަޢުވާލިބުނު ފަރާތަކީ ޅ. ކުރެންދޫ މީހެކެވެ. އޭނާގެ މައްޗަށް ދައުލަތުން ޑައިމޯފިންގ ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކުރީ، ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން ޅ. ކުރެންދޫއަށް އެތެރެކުރިކަމުގެ ތުހުމަތުގައެވެ. ދަޢުވާލިބުނު ފަރާތް ހިފާ ހައްޔަރުކޮށްގެން، ޅ. ނައިފަރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް، ރިސެޕްޝަންގެ ކުރިމަތީގައި ގޮނޑިބަރިއެއްގައި ދަޢުވާލިބޭ ފަރާތް ބައިންދައިފައި ހުއްޓެވެ. ޅ. ނައިފަރު ފުލުހުންނަށް ދަޢުވާލިބޭ ފަރާތުގެ ގޮނޑިކައިރީގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް އޮއްވާ ފެނުނެވެ. ދާދި އަވަހަކަށް ދަޢުވާލިބުނު ފަރާތް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނެގިއިރު، ހަށިގަނޑުގައިވެސް މަސްތުވާތަކެތި ރައްކާކޮށްފައިހުރިކަމުގައި ފުލުހުން ބުނިއެވެ. އެހެން ނަމަވެސް، ދަޢުވާލިބޭ ފަރާތުން އެކަމަށް އިންކާރުކުރިއެވެ.

ދަޢުވާ: ދައުލަތުންކުރީ ޑައިމޯފިންގ ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއެވެ. އެއީ، ހަށިގަނޑުގެ ތެރޭގައިހުރި ކަމުގައި ފުލުހުންބުނާ 2 ގްރާމާއި، ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ތަޅުންގަނޑުމަތީގައި އޮތްކަމުގައި ބުނާ ރަބަރު ޕެކެޓުގައިހުރި 2 ގްރާމު އެއްކޮށް، ދަޢުވާލިބޭ ފަރާތާއި ގުޅުވާލައިގެން، މުޅި ޖުމްލަ 4 ގްރާމް އެއްކޮށްލައިގެންނެވެ.

ހެކިބަސް ލިބުނީ ކިހިނެއް؟

ދައުލަތުން ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހެޅީ ފުލުހުންގެ ބޭކަލުންނެވެ. އެފަރާތްތަކުން ހެކިބަސްދިން ގޮތަކީ، ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ތަޅުންގަނޑު މައްޗަށް ދަޢުވާލިބޭ ފަރާތުން އެއްވެސް އެއްޗެއް އެއްލާލަނިކޮށް ނުވަތަ ވައްޓާލަނިކޮށް ނުދެކޭކަމަށެވެ. އަދި، މަސްތުވާތަކެތިކަމުގައި ބެލެވޭ އެއްވެސް ޕެކެޓެއް ދަޢުވާލިބޭ ފަރާތުން ގެންގުޅެނިކޮށް ނުދެކޭކަމަށެވެ.

ޅ. އަތޮޅު ހޮސްޕިޓަލަށް ދިޔަ ފުލުހުން ބުނެފަވަނީ، ދަޢުވާލިބޭ ފަރާތުގެ ހަށިގަނޑުން މަސްތުވާތަކެތި ފެނުނުކަށެވެ.

ކުށް ސާބިތުކުރުން:

ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބެލީ ޅ. ނައިފަރު ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު މޫސާއެވެ. ދައުލަތުން ޚުލާޞާކޮށް ދެއްކި ވާހަކަ ތަކުގައި ބުނެފަވަނީ، ދަޢުވާލިބޭ ފަރާތް ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުގައި ރިސެޕްޝަން ކުރިމަތީގައި ބަހައްޓާފައިވަނިކޮށް އެތަނަށް އިތުރު މީހަކު ނުވަންނާތީ، ބެލެވޭނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުގެ ތަޅުންގަނޑު މަތީން ފެނުނު މަސްތުވާތަކެތީގެ ކޮންޓްރޯލް ހިޔާޒަތު ދަޢުވާލިބޭ ފަރާތުގެ މައްޗަށް އޮތްކަމަށެވެ.

ދައުލަތުން ހަވާލާދިން ގަޒިއްޔާތައް:

ދައުލަތުންވަނީ ޚުލާޞާ ބަޔާން އިއްވި ޝަރީއަތުގެ މަޖިލީހުގައި ގިނަ ޢަދަދެއްގެ ހައިކޯޓުގެ ގަޒިއްޔާތަކެއްގެ ދަށުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަމަށް ބުނެފައެވެ. އެގަޒިއްޔާތަކަކީ،

  1. 2010/HC-A/07 ނަންބަރ ގަޒިއްޔާ (މާޖިދާ އާދަމް ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް): މިގަޒިއްޔާއަކީ މަސްތުވާތަކެތީގެ މައްސަލައެއް ނަމަވެސް، އެމައްސަލާގައި ފަނޑިޔާރުން ފާހަގަކޮށްފައިވަނީ މާޖިދާ އާދަމްގެ ތަޙްޤީޤު ބަޔާން ނެގިފައިވާ ގޮތުގެ އިޖުރާއާތުގެ އިތުރުން އެބަޔާނުގެ މައްޗަށާއި، މާޖިދާ އާދަމްގެ ނަފްސާނީ ޙާލަތުގެ މައްޗަށެވެ.
  2. 2010/HC-A/24 (ރީތި ރަށް ރިސޯޓް ވ. ޢަލީ މުޢާޒް) ގެ ގަޒިއްޔާއަކީ ވަޒީފާގެ ދާއިރާގެ މުސާރައާއި ޢިނާޔަތްތަކުގެ މައްސަލައެއް.
  3. ނަންބަރު 2016/HC-A/21 (ސެންޓަރ އެންޓަރ ޕްރައިސަސް ޕވޓ ލޓޑ ވ. އެންޓި ކޮރަޕްޝަން ކޮމިޝަން) ގަޒިއްޔާއަކީ މަދަނީ މައްސަލައެއްގައި ގެއްލުމުގެ ބަދަލު ހޯދަން ދަޢުވާކުރި މައްސަލައެއް.
  4. ނަންބަރ 2014/HC-A/106 (މޯލްޑިވްސް ޕޮލިސް ސަރވިސް ވ. ކ. ގުރައިދޫ ކައުންސިލް) ގަޒިއްޔާއަކީ ވަގުތީ އަމުރާއި ގުޅޭ ގަޒިއްޔާއެއް.
  5. 2008/HC-A/08 އަދި  2017/HC-A/10 އަދި  2012/HC-A/23 އަދި  2019/HC-A/109 އަދި 2020/HC-N-A/19 މިބުނެވުނު ގަޒިއްޔާތަކެއް ޖިނާޢީ މައްސަލައެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާކަމެއް އެނގޭކަށްވެސް ނެތެވެ. އަދި، އެފަދަ މައްސަލަ ނިންމައި ހައިކޯޓުގެ ވެބްސައިޓްގައި ޢާންމުކޮށްފައިވެސް ނެތެވެ.

މަތީގައި އެވާ ހައިކޯޓު ގަޒިއްޔާތަކަކީ، ޅ. ކުރެންދޫ ކޯޓުން ނިންމި މަސްތުވާތަކެތީގެ މައްސަލައަށް ތަޠުބީޤުކުރެވޭނެ މައްސަލަތަކެއްނޫނެވެ. އެމައްސަލަތަކުގެ ތެރޭގައި ހިމެނޭ ވަޒީފާގެ އިނާޔަތުގެ މައްސަލައާއި ވަގުތީ އަމުރާ ގުޅޭ މައްސަލައާއި މަދަނީ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލާގައި މަސްތުވާތަކެތީގެ ހަމައެއްވެސް ވާހަކައެއްވެސް ބަޔާންކޮށްފައިވެސް ނުވެއެވެ. އެހެން ނަމަވެސް، ނިޔާ ކަނޑައެޅި މެޖިސްޓްރޭޓް މުޙައްމަދު މޫސާ ވަނީ މަދަނީ އަދި ވަޒީފާގެ ޢިނާޔަތްތަކުގެ މައްސަލަތަކާއި ޙަވާލާދީ ދަޢުވާލިބުނު ފަރާތް މަސްތުވާތަކެތި ޓްރެފިކްކުމުގެ ކުށުން ކުށްވެރިވެއްޖެކަމުގައި ކަނޑައަޅައި އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.

ދަޢުވާލިބުނު ފަރާތުގެ ޢާއިލާގެ ފަރާތުން މިހާރު އެމައްސަލަ ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށްވަނީ ހުށަހަޅާފައެވެ. މައްސަލަ ނިންމެވުމުގައި މެޖިސްޓްރޭޓް މުޙައްމަދު މޫސާވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 1،3،4 ނަންބަރާއި އެޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) (ށ) (ޅ) (އ) އާއި އެޤާނޫނުގެ 31 ވަނަ މާއްދާގެ (ހ) (ށ) (ނ) އަށާއި، ހަމަ އެޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ 1 އަދި 2 ވަނަ ނަންބަރާއި، އެޤާނޫނުގެ 7 ވަނަ މާއްދާއާއި މުޅިން ޚިލާފަށް ޢަމަލުކޮށްފައިވާކަން އެޢާއިލާއިން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *