މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ޚިޔާނާތުގެ މޭސްތިރިއަކީ ކުރީގެ ރައީސް ޔާމީން ކަމަށް ބުނެ ރައީސް ޔާމީނާ ދެކޮޅަށް އެ މަނިކުފާނުގެ ކުރީގެ ގާތް އެކުވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ކޯޓުގައި ހެކިބަސް ދެއްވައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ހެއްކެއްގެ ގޮތުގައި ހުށަހެޅީ ދައުލަތުންނެވެ.
ހެކިބަސް ދެމުން ނާޒިމް ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެކި މީހުންގެ އަތުން ދަރަންޏަށް ރައީސް ޔާމީން ފައިސާ ނެންގެވި ކަމަށެވެ. އަދި އެ ފައިސާ ޔާމީނަށް ގެނެސްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ކަމަށާއި އެ ފައިސާ ލިބެނީ ރައީސް ޔާމީނަށް ކަމަށެވެ.
"އަޅުގަނޑު ހުރިތަނެއްގައި އަހުމަދު އަދީބު ކަޅު ދަބަހެއްގައި ގެނައި ފައިސާ ޔާމީނަށް ދިން. އެއީ ދޫވެހީގައި. އަދީބު ދެންނެވި އެއީ 15 މިލިއަން ރުފިޔާއޭ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެމްއެމްޕީއާރޫސީގެ ޚިޔާނާތް އެންމެ ފުރަތަމަ ފެށުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ވިޔަފާރިވެރިންގެ އަތުން ރައީސް ޔާމީން ނެގި ދަރަނި ދެއްކުމަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީން ހިންގި ފުރަތަމަ އެފަދަ މުއާމާލަތަކީ އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ހެދި އެއްބަސްވުމެއްގެ ދަށުން ޑޮލަރު ގަތުމަށް ކަމަށް ބުނެ ފަސް މިލިއަން ޑޮލަރަށްވާ ރުފިޔާ އެމްޕީއެލްއިން ނެގުމެވެ. އެ ފައިސާ އަހުމަދު އަދީބު ނެގިކަން އެނގުމުން 2014 ގައި ޔާމީނާ ބައްދަލުކޮށް، އެ ވާހަކަ ދަންނެވި ކަމަށެވެ. އިތުރު ތަފްސީލް ހޯދުމަށް ދައުލަތުން ސުވާލު ކުރެއްވުމުން ނާޒިމް ވިދާޅުވީ، އޭގެ ތެރެއިން 2.5 މިލިއަން ޑޮލަރު ޖަމާވީ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ފައިސާ އެހީ ދެއްވި ވިޔަފާރިއެއްގެ އެކައުންޓަށް ކަމަށެވެ. އެހެންވެ، އެމްޕީއެލްއިން ފައިސާ ނެގީ ޔާމީނަށް އިންތިޚާބުގައި ވިޔަފާރިވެރިން ދިން ފައިސާ އަނބުރާ ރައްދުކުރަން ކަމަށް އެނގުނު ކަމަށް ވިދާޅުވި އެވެ.
"ޔާމީން ވަރަށް ސާފުކޮށް ވިދާޅުވި އެ ހުރިހާ ފައިސާއެއްވެސް ތިމަންނައަށް ލިބެއޭ. އަދި ތިމަންނަ ފޮނުވައިގެންނޭ އަދީބު ލާރި ނަގަނީ. އެގޮތަށް ވިދާޅުވެފައި ވިދާޅުވި ހަތަރު ވިޔަފާރިވެރިއެއްގެ ވާހަކަ. ހަމަ ނަމުން ވިދާޅުވީ. ދެން އަޅުގަނޑު އެ ބޭފުޅުންގެ ނަމެއް ނުދަންނަވާނަން. އެއް ބޭފުޅަކު ވިދާޅުވެދާނެއޭ އެއްލައްކަ ޑޮލަރު ދެއްވާނަމޭ، އަނެއް ބޭފުޅަކު ވިދާޅުވާނެއޭ ދެ ލައްކަ ޑޮލަރު ދެއްވާނެއޭ. ދެން ތިމަންނައޭ އަދީބު ފޮނުވަނީ އެ ފައިސާ ބަލައި. އެ ފައިސާ ނަގައިގެން އައިސް ތިމަންނައަށް ދެއްވައޭ،" ރައީސް ޔާމީނާ ވަރަށް ގާތް ގުޅުމެއް އޮތް ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ގެންދަވަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. ނަމަވެސް މިޚިޔާނާތުގެ އިސް މޭސްތިރިޔާއާއި ޚިޔާނާތުގެ ފައިސާ ލިބުނު އެތަށް ބަޔަކު މިނިވަނުންގެ ގޮތުގައި ތިބުމުން ރައްޔިތުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.
4 Responses
ޔާމީން ރަނގަޅަށް ތި އޮތީ ބޮޑި ބޮވިފާ. ތިކަން ފަޅާ އަރުވާނެތީ ނާޒިމަށް ކުރިން ސާބިތު ނުވާ ކަމަށް ނިންމާފަ އޮއްކަމެއް ގައި ފަހުންގެސް ހުކުމްކޮށް އަނިޔާކުރީ ބަދަލު ހިފުން ހަފުސް ވޯޓް ހޯހޯ ވޯޓް ހޯހޯ 2023
ޔާމީނާކި މި ދިވެހި ފަސްގަޑު ނުދެކޭފަދަ ބޮޑު ވާވު އެއްކަން އެންމެންނަށަވެސް އެގެއެވެ. މިހާރު ފޫބުޑުން މިއެބުރަެ ގިނަ މީހުންނަކީވެސް މީނައަށް ވެރިކަން ލިބިއްޖެނަމަ، ތިމާމެންނަށްވެސް އެ ފަުރުސަތު ކުރީގައިހެން ފަހިވާނެކަން އެގޭތީ އުޅޭ މީހުންނެވެ. ﷲ އެފަދަ ފުރުސަތެއް ދެން މި ދިވެހިރާއްޖެއަށް ނުދެއްވާށިއެވެ. އާމީން
ތިޔަ ޝަރީއަތަށް ދުވަހަކު ސާބިތު ނުވިޔަސް އަހަރުމެން ޢެންމެންނަށްވެސް ޔާމީނަކީ މިދިވެހިރާއްޖެ ނުދެކޭވަރުގެ ބޮޑު މުލު ޢެއްކަން އެގެއެވެ. އަދި މިއަދު އޭނަގެ ފަހަތުގައި މިތިބީވެސް އޭގެ ކުދިކުދި އެއްޗެހިތަކެއް ކަންވެސް އެގެއެވެ. އެހެނަސް ގިނަ ދިވެހިންނަކީ މުއުމިނުންނެވެ. އިރާދަ ކުރެއްވިއްޔާ އެއްހަރަކުން ދެފަހަރު ކައްޓެއް ނުޖެހޭނެއެވެ.
ބޮޑުވަގު ބޮޑުވަގު ބޮޑުވަގު އަދިވެސް ވެރިކަމަށް އަންނަން އެބައުޅޭނު! ރާއްޖޭގައި ޢަދިވެސް ނުވިއްކާހުރި ފަޅަކަސް ރަށަކަސް މިފަހަރު ވިއްކާލާނެކަން ޔަގީނެވެ. މީނަކައިރީ މީނައަށް ވެރިކަން ހޯދަދޭންވެސް މިއުޅެނީ މީގެ ކުދި ވަގުންތަކެކެވެ.