Ad

"މަރުވެފައިވާ ހިތަކުން ސުވާލުކޮށްލީމެވެ."

އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ބުރެއްގެ މަތީގައި އަހަރެން އިށީނދެލައިގެން އިނީމެވެ. ޖުމްހޫރީ މައިދާނަށް ނަޒަރު ހުއްޓާލައިގެންނެވެ. ރަތާއި ފެއްސާއި ހުދުގެ ދިދަ އޭގެ ހައިބަތުގައި ސިފައިންގެ އަދި ފުލުހުންގެ މަރުކަޒުގެ ކުރިމަތީ ޖެހެމުންދިޔަ ރޯޅިއާއިއެކު ވިހުރިލަ ވިހުރިލާ ހުއްޓެވެ. "މިނިވަން ވަޔާކުޅެލާށެ ތާޒާ މީނިޝާނެ އުޖާލާ"އޭ ބުނަމުންނެވެ. ކުލަކުލައިގެ ކޮތަރުތައް ބައި ހަދާފައި މިނިވަންކަމާއިއެކު އުދުހެމުންދިއައެވެ. އެކި އުމުރު ފުރައިގެ ކުދިން އެކުދިންގެ އާއިލާތަކާއިއެކު ކޮތަރުތަކަށް ކާންދިނުމާއި އެމާލައުލުގެ މިނިވަން އުފާ ލިބިގަތުމުގައި ދުވެލަ ދުވެލާ ތިއްބެވެ. ރާއްޖޭގެ ރީތިކަން ބަލާލުމަށް ޒިޔާރަތް ކުރާ އެތަކެއް ފަތުރުވެރިންވެސް މާހައުލުގެ ހިތްގައިމި ކަމުގެ ފޮޓޯކުރަހާލުމުގައި ތިއްބެވެ. އަދި ދުވަހުގެ މަސައްކަތުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި އަށީނދެލައިގެން ތިބި ބިދޭސީންގެ އަދަދެއްވެސް މަދެއް ނޫނެވެ.

ހިތަށް އަރަނީ މީގެ ދެހަފްތާއެއް ކުރިން އަޅުގަނޑުމެން ފާހަގަކުރި އަޅުގަނޑުމެންގެ މިނިވަންދުވަހެވެ. އަހަރު ތަކަކަށް ފަހު ދިވެހި ސިފައިން ބޭއްވި އަސްކަރީ ޕެރޭޑް ބަލާލުމަށް މާލޭގެ މަގުތަކަށް ގިނައަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ޖަމާވެ އުފާފާޅުކުރިއެވެ. އެދުވަހު މީގެ އަހަރުތަކެއް ކުރިން ފޯރީގައި ދިވެހިން ބާއްވާ ފުޅަނދު ބުރުތަކާއި އެހެނިހެން ހަރަކާތްތަކުގެ ހަނދާންތައް އާވެގެންދިޔައެވެ. ހަމަ މިއާއިއެކު އަޅުގަނޑުގެ ހަނދާނަށް އައީ ނުވަދިހައިގެ އަހަރު ތަކުގައި އަތޮޅުތެރޭގެ ރަށްތަކުގައިވާ ތައްޔާރީ ތަކަށެވެ. ބޮޑެތި މަގުތަކުގައި ޖަހާލެވޭ ޝިޢާރުތަކުން ޖަރީކުރެވިފައިވާ ނަލަނަލަ ގިޑިގެ ތަކެވެ. އެއް ހޮޅިދަނޑިން އަނެއް ހޮޅިދަނޑިއަށް، އެއްރުކުން އަނެއްރުކަށް ދަމާލާ ދިދަ ފަތިތަކެވެ. ޖައްވުގައި ގުގުމާލައިފައި ހުންނަ "ޖޯޝޭގެނައިމީ ގައުމީ އުފާ' އައި މިމޫސުންދޭ ހިޔާލުގާ" ފަދަ ޖޯޝުން ފުރިގެންވާ ގައުމީ ލަވަތަކާއި ނިދާތަކުގެ އަޑެވެ. މިނިވަން ކަމާއިއެކު ރަށުތެރޭގައި އެއްވެސް ބިރެއްނެތި ދިދަތައް ވިހުރަމުންދުވެ އުޅޭ ކުޑަކުދިންގެ އުފާވެރި ހުނުމުގެ އަޑެވެ. ޓީވީ ތަކުންނާއި އަޑުފޮށި ތަކުން ގެނެސްދޭ ހިތާބުތަކާއި މުއްސަނދި ޕްރޮގްރާމްތަކެވެ.

އެހެނަސް ޒަމާން ބަދަލުވެއްޖެއެވެ. މިއަދު މިފަދަ ދުވަސްތައް ރަށު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ފާހަގަކުރާކުރުން ފަނޑުވެގެން ދިޔައީ އެކަންޏެއް ނޫނެވެ. ޖުލައި 26 އަކީ އަހަރުގައި އަންނަ އެހެނިހެން ބަންދު ދުވަސްތައް ފަދައިން ޗުއްޓީ ހަދާލާ ދުވަހަކަށް އެކަނިވީއެއްވެސް ނޫނެވެ. އެހެނެއްކަމަކު ހަގީގީ މިނިވަން ކަމަކީ ކޮބާކަންވެސް އަޅުގަނޑުމެންނަށް މިއަދަކު އިހްސާސެއް ނުކުރެވެއެވެ. އަޅުގަނޑުމެންގެ ޅަދަރިންނަށް މިނިވަން ދުވަހަކީ ކޮބާކަމާއި އަޅުގަނޑުމެން މިނިވަންވީ ކޮންބައެއްގެ ފަރާތުން ކިހިނެއްކަން ބުނެއެއް ނުދެވުނެވެ. މިމިނިވަންކަން ދެމެހެއްޓުމަކީ މިބިމަށް އުފަން ކޮންމެ ދަރިއެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމެއް ހަނދާނެއް ނުކުރެވުނެވެ. އެއްޖީލުން އަނެއް ޖީލަށް އެމިނިވަންކަން ވާސިލްކޮށް ދިނުމުގެ މުހިންމުކަމެއް ކިޔައެއްވެސް ނުދެވުނެވެ. ހަގީގީ މިނިވަންކަމަކީ ކޮބާކަމާއި އެމީހެއްގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކާގެ މިނިވަންކަން ނިމޭ ހިސާބު ނޫންކަންވެސް ވިސްނައެއް ނުދެވުނެވެ. ތިމާ ގަބޫލުކުރާ ތަފާތު ހިޔާލުތަކާއި އަމިއްލަ އެދުންތަކާއި ބޭނުންތަކުގެ މައްޗަށް އިސްކުރަންވީ މިގައުމުގެ މަސްލަހަތު ކަމެއް ދައްކައެއްވެސް ނުދެވުނެވެ. ދިވެހި ދިދައިގެ އެ ހުދު ހަނދުފަޅިން ރަމްޒުކޮށްދޭ ދީނީ އަގީދާގެ ވަރުގަދަކަމާއި މިނިވަންކަން ގުޅިލާމެހިފައިވާ މިންވަރު ހާމަކޮށެއް ނުދެވުނެވެ.

މިއަދުގެ ހާލަކީ ފަތިހު ތަންމަތިތަކުން ތެދުވެ ހަބަރުތައް ހުޅުވާލެވެނީ ފެނިދާނެ ހަބަރަކަށް ބިރުން ޝަހާދަތް ކިޔަކިޔާތިބުމެވެ. ވާނީވެސް އެހެންތާއެވެ. ހަފްތާ ފެށުނީ ޒުވާންކުއްޖެއްގެ އަތްފައި ކޮށާލައި ރަހުމެއްނެތި މަރާލެވުނު ހަބަރާއިއެކުގައެވެ. ވޭތުވެދިޔަ ހަތަރު ފަސްއަހަރެއްގައި އެފަދަގޮތަކަށް މަރާލެވިފައިވާ މީހުންނާއި ކުދިންގެ އާއިލާތަކުން އިންސާފަށް ކުރަމުންދާ އުއްމީދުގެ ހުޅުކޮޅު އެދަނީ ނިވެމުންނެވެ. މަސްފެށިގެން ދިޔައީ ސަރުކާރުގެ އެތަކެއްވެރިންނާއި "އިއްޒަތްތެރި" އެތައް ބޭފުޅުންނެއްގެ ހުތުރުކަން ބޮޑެތި އަމަލުތަކެއްގެ ހަބަރުތަކަކާއި އެކުގައެވެ. އަމިއްލަ އާއިލާގެ ފިރިހެނުންނާއި މެދުވެސް ސުވާލު އުފެދޭ މިންވަރަށެވެ. ވޭތުވެ ދިޔަ 3 މަސްދުވަހުގެ ތެރޭގައި 150 އަށްވުރެ ގިނަ ގެވެށި އަނިޔާގެ މައްސަލަ ހުށައެޅި މުޖުތަމަޢުގައި މިވަނީ އެކިޒާތުގެ ކުށުގެ އަދަދުތައް އަތްނުފޯރާ ފަށަށް ގޮސްފައެވެ. މަގުތަކަށް ނިކުމެ އުޅެންޖެހިލުންވާ މިންވަރަށެވެ. މިއަދު މިވަނީ ގައުމުގެ އިޖުތިމާއީ ފޭރާން ވީދި އަޙުލާގީ މިންގަނޑު ގެއްލިގެން ގޮސްފައެވެ. ކުދިދަރިން ގޮވައިގެން ދިމާލަކަށް ބަލާލަން ނުކެރޭމިންވަރަށެވެ. މިއީ ގައުމުގެ ދަރަނި އިތުރުވެ އިގްތިސާދީ މިނިވަންކަމާއިމެދުވެސް ސުވާލުއުފެދިފައިވާ ވަގުތުގައެވެ. މާދަމާވެސް އަޅުގަނޑުމެންގެ އަނގަޔާއި އަތާ ދިމާވާނެބާއޭ ހިތަށްއަރާ މިންވަރަށެވެ. އެބައެއްގެ ފަހަތުން އަޅުގަނޑުމެން ހިނގަން ތިބި ދީނީ އިލްމުވެރިންގެ ފަރާތުންވެސް ފެންނަނީ އެއްގަލަށް ނޭރުމާއި އިންސާފްވެރިކަމާއި ސުލްހަ މަސަލަސްކަމާއިއެކު މައްސަލަތައް ހައްލުކުރުމުގެ ނަމޫނާދެއްކުމަށް ނުކުޅެދިފައިވާ ތަނެވެ. އާންމު މީހާއަށްވެސް ދީނީ ކަންތައް އޮޅުންބޮޅުންވާ މިންވަރަށެވެ. ކޮރަޕްޝަންގެ އަމަލުތައް ގިނަވެ އެނޫންގޮތަކަށް ކަމެއްނުވާ ދަރަޖައަށް ކަންތައް މިވަނީ ގޮސްފައެވެ. މިއަދަކީ އަޑުގަދަމީހާގެ ރުއްގިނަވާ ފަދައިން ވަކިކުލައަކާ ގުޅުން ހުރި ފަރާތަކަށް ނޫނީ އެންމެ ކުދިކުދި ކަންތައްވެސް ނުކުރެވޭ ދުވަހެވެ.

އަބުރުވެރި ދިރިއުޅުމަކީ އެންމެ ފަހުގެ ފޯނާއި އެހެނިހެން ގެޒެޓުތައް ހިފައިގެން އަގުބޮޑެތި ކޮފީތަކުން ލިބޭ މުސާރައާއި ނުބައްދަލު ދަތުރުތައް ކުރަމުންދާ ދިރިއުޅުމެއްނޫނެވެ. ތާހިރު ދިރި އުޅުމަކީ އެންމެ އާދައިގެ މަސައްކަތްކުރާ މީހާއަށްވެސް އަނގައާއި އަތާދިމާވެ ސަލާމްޖަހަން ނުޖެހޭ ދިރިއުޅުމެއް އުޅެވުމެވެ. ތިމާއަށް ފައިދާވާ ނުވަތަ ތިމާއަށް ރީތިކުލަތަކުގެ ބޭފުޅުން ތިމާގެ ސިކުނޑިއާއި ކުޅުނަ ނުދީ އަމިއްލަ ސިކުނޑިން ވިސްނައިގެން ދިރިއުޅުމެވެ. އެފަދަ ތާހިރު ދިރިއުޅުމެއް އުޅެވޭނީ ގަސްތުގައި ޖަހައިގަނެވުނު ފުރާނަތަކުގެ ބަދަލު އެއާއިލާތަކަށް ހޯދައިދީ މޫނަށް، ކަނދުރާއަށް އަދި ކުލައަކަށް ބެލުމެއްނެތި ކުށްތަކަށް ހައްގު އަދަބު ދެވުނު ދުވަހަކުންނެވެ. މިނިވަންކަމަކީ ލިބޭއެއްޗަކުން ފުއްދައިގެން އުޅެން ދަސްކުރުމެވެ. ރިވެތި ދިރިއުޅުމެއް އުޅެވޭނީ ކިޔެވުމުގައި ހޯދާ ކާމިޔާބީއާއިއެކު އެލިބޭ ކަރުދާހަކީ އަހުލާގެއްނެތްނަމަ އޭގައި އަގެއްނެތް އެއްޗެއްކަން ދަސްވި ދުވަހަކުން ނެވެ. ދީނީ ބޭފުޅުންގެ ގުޅުންތައް ވަރުގަދަކޮށް ޒުވާން ޖީލުގެ ދީނީ އަގީދާ ވަރުގަދަ ވެގެންނެވެ. ގައުމުގެ ވެރިންނަކީ ހަމަހަމަކަމާއިއެކު ރައްޔިތުންނާއިމެދު ކަންތައް ކުރާ ދުވަހެއް ފެނުނު ދުވަހަކުންނެވެ. މިނިވަން ދިރިއުޅުމެއް އުޅެވޭނީ އެންމެ މަތީ ބޭފުޅާގެ އާއިލާއަށް ލިބޭ ފުރުސަތުތައް އެންމެ އާދައިގެ މީހާގެ އާއިލާއަށްވެސް ހޯދާދެވުނު ދުވަހަކުންނެވެ. އަޅުގަނޑުމެންގެ ލެޔާ ކުޅެވޭ ކުލަތަކަކީ ހަމަ އެކަނި ފެއްސާއި ރަތާއި ހުދުކަމުގައިވި ދުވަހަކުންނެވެ.

އެކަމަކު މަރުވެފައިވާ ހިތަކުން  މިއަދު ކުރެވޭ ސުވާލަކީ އެފަދަ އަބުރުވެރި، ރިވެތި، މިނިވަން ދިރިއުޅުމެއްދެން އަނބުރާ ހޯދިދާނެބާއެވެ؟ އަޅުގަނޑުމެންގެ ކުޑައިރުގައި އެދުށް އަމާން ގައުމުދެން ފެނިދާނެބާއެވެ؟ އެދުވަހު އެއިހްސާސްކުރި މިނިވަންކަމުގެ އިހުސާސް އަލުން ކުރެވިދާނެބާއެވެ؟ އެންމެން އެއްބަޔެއްގެ ގޮތުގައި ކުށް މަދު އަމާން ވެއްޓެއްގައި އުޅެވުމުގެ ފުރުސަތު އަދި ލިބިދާނެބާއެވެ؟ އަޅުގަނޑުމެންގެ ކުދިންގެ ހިތްތަކުގައި ގައުމީ ލޯތްބާއި ޖޯޝު އަށަގެންނެވިދާނެބާއެވެ؟ އިސްލާމީ ވަހުދަތުގައި ހިފަގެން ބޭނުންމިވާ މިނިވަންކަމާއި މިގައުމުގެ އިސްތިގްލާލް އަންނަން އޮތްޖީލުތަކަށް ފޯރު ކޮށްދެވިދާނެބާއެވެ؟ އެހެން އެއްވެސް ކުލައަކަށްވުރެ ފެއްސާއި ރަތާއި ހުދު ދެކެވާ ލޯބި އިތުރުވާނެ ދުވަހެއް އަންނާނެބާއެވެ؟ "ގައުމަށްއައި މިނިވަން ނޫރާނީ ދަޢުރުން މިހަނދާން އާކުރަނީ"އޭ ބުނަމުން އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި ހުރި ބުރުގެ މަތީގައި އިށީނދެލައިގެން އިދެ ޖުމްހޫރީ މައިދާނުން އެފެންނަ މަންޒަރުގެ ހަގީގީ އުފާ ދެން ދުވަހަކުވެސް ކުރެވިދާނެބާއެވެ؟

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *