ލިވާތުކުރި މައްސަލާގައި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރީގެ މައްޗަށް ކުރިމިނަލް ކޯޓަށް ދައުލަތުން ދަޢުވާކޮށް ހުށަހެޅި ހުރިހާ ދަޢުވާތަކެއްވެސް ހުށަހަޅާފަވަނީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ނޫންކަން ހާމަވެއްޖެއެވެ. އެނގިފައިވާ ގޮތުން އެމްޑީ އަލަމްގިރީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ހުރިހާ ދަޢުވާތަކެއްވެސް ކޮށްފައިވަނީ ޤާނޫނުލް ޢުޤޫބާތުގެ ދަށުންނެވެ.
ޤާނޫނުލް ޢުޤޫބާތަކީ ކުށާއި އަދަބު ހިމެނޭ ޢާންމު ޤާނޫނެވެ. އެހެން ނަމަވެސް، ވަކި ބާވަތެއްގެ ކުށްތަކަށް ޚާއްޞަ ޤާނޫނުތަކެއް އެބަހުއްޓެވެ. ޖިންސީ ކުށުގެ ޤާނޫނަކީ، ހުރިހާ ޖިންސީ ކުށްތަކެއް ހިމެނޭ ޖިންސީ ކުށްތަކުގެ ޚާއްޞަ ޤާނޫނެވެ. ޤާނޫނުލް ޢުޤޫބާތާއި ޖިންސީ ކުށުގެ ޤާނޫނަށް ބަލާއިރު، އަދަބު ލުއިވެގެންދަނީ ޤާނޫނުލް ޢުޤޫބާތުގައެވެ.
ދައުލަތުން އަލަމްގިރީގެ މައްޗަށް ކުރި ހުރިހާ ދަޢުވާއަކަށް ޝަރީޢަތުގައި އިޢުތިރާފުވުމާއެކު، މައްސަލަ ބެއްލެވި ގާޒީވަނީ 7 މަސްދުވަހުގެ މުއްދަތަށް އޭނާ ޖަލަށްލުމަށް ޙުކުމްކޮށްފައެވެ. އެޙުކުމާއެކު، އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން މިހާރު އެބަދެއެވެ. ބައެއް ފަރާތްތަކުން ޙުކުމްކުރި ގާޒީއަށްވެސް ފާޑު އެބަކިޔައެވެ.
ޖިނާޢީ ދަޢުވާކުރުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ބާރެކެވެ. ފަނޑިޔާރުންގެ ދައުރަކީ ދަޢުވާކުރެވިފައިވާ ކުށް ތަޖުރީމުކުރާ ޤާނޫނުގައިވާ ކުށް ސާބިތުވެއްޖެނަމަ، އެޤާނޫނުގައިވާ އަދަބު ކަނޑައެޅުމެވެ. އަލަމްގިރީގެ މައްޗަށް ދައުލަތުން ދަޢުވާކުރީ ޤާނޫނުލް ޢުޤޫބާތުގެ ދަށުންނެވެ. އެހެންކަމުން، އަދަބު ވީއެންމެ ލުއިވެގެންދިޔައީއެވެ. އެހެން ނަމަވެސް، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން އަލަމްގިރީގެ މައްޗަށް ދަޢުވާކުރިނަމަ، މަދުވެގެން 5 އަހަރު ނުވަތަ 7 އަހަރު ދުވަހުގެ ޙުކުމެއް އަލަމްގިރީގެ މައްޗަށް ކަނޑައަޅާނެއެވެ.
ޕީޖީން ޢަމަލުކުރީ ޒިންމާދާރުކަން ކުޑަގޮތަކަށް:
ލިވާޠުކުރުމަކީ އިސްލާމްދީނުގައި ލަޢުނަތްލެއްވިގެންވާ ނުބައި ފާޙިޝް ޢަމަލެކެވެ. އެފަދަ ޢަމަލެއްކުރާ މީހަކު މާތް ރަސްކަލާނގެ ރަޙްމަތުން އަބަދަށްވަނީ ބޭރުކުރެވިފައެވެ. އެފަދަ މީހެއްގެ ޙުކުމަކީ ރަޖަމްކުރުމެވެ. މެރުމެވެ. މިރާއްޖޭގައި ޖިނާޢީ ދަޢުވާކުރުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޢަމަލުކުރާގޮތުން ހަމަހަމަކަން ގެއްލި އިންޞާފުނުލިބޭ ހިސާބަށް ދެއެވެ.
މިސާލަކަށް ބަލާނަމަ، މަސްތުވާތަކެތީގެ މައްސަލަތަކުގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މިންގަނޑަށް ނުފެތޭ މައްސަލަތަކުގައި، ޕްރޮސެކިއުޓަރ ޖެނެރަލް ގިނަ ފަހަރުތަކުގައި މަސްތުވާތަކެތީގެ މުޢާމަލާތްކުރުމުގެ ކުށުގެ ދަޢުވާކުރެއެވެ. އެކުށުގެ އަދަބަކީ 15 އަހަރަށް ޖަލަށްލުމެވެ. ސަބަބެއްގެ ގޮތުގައި ބުނަނީ، މަސްތުވާތަކެއްޗަކީ ކުށުގެ ބާވަތުން ނުރައްކާތެރިކަން ބޮޑު ކުށެކެވެ.
ލިވާޠުކުރުން ނުވަތަ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށަކީ މަސްތުވާތަކެތީގެ މައްސަލަތަކަށްވުރެ ނުބައި ހުތުރުވެގެންވާ ޢަމަލެކެވެ. އިސްލާމީ ޝަރުޢުގައިވެސް އެކަން އޮތީ އެހެންނެވެ. ލޫޠުގެފާނު ރަސޫލުކަމާއިގެން ފޮނުއްވި ޞަދޫމްކިޔުނު ޤައުމު ބަންޑުން ޖައްސަވައި ހިލަވާރޭ ވެއްސެވީ އެސަބަބާހެދިއެވެ. އެހެން ނަމަވެސް، މިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްއަށް އެކުށުގެ ނުރައްކާތެރިކަން ފެނުނީ އާދައިގެ ކުށެއްގެ ގޮތުގައެވެ. ކިތަންމެހާވެސް ހިތާމަވެރިއެވެ.
އަލަމްގިރީގެ ވާހަކަތަކާއި ލީކުވި ތަޙްޤީޤު ބަޔާނަށް އެކަނި ބަލާއިރުވެސް، ފިތްކަނޑައިގެންދާވަރުގެ ނުރައްކާތެރި ވާހަކަ ތަކެއް ދައްކާފައި ހުރިކަން އެނގެއެވެ. އުމުރުން ވަރަށް ޅައިރުގައިވެސް އެކިއެކި އެތަކެއް މީހުންނާއެކު ލިވާޠުކުރިކަމަށް އެއްބަސްވެފައިވެއެވެ. މިރާއްޖޭގައި އެކަނިވެސް އެތަށް ބަޔަކާއެކު ލިވާޠުކުރިކަން ވަނީ ފަޅާއަރާފައެވެ. އޭގެ ސަބަބުން ބަލިމަޑުކަމެއްވެސް ފެތުރިދާނެކަމީ ގާތްކަމެކެވެ. ވީމާ، ލިވާޠުކުރުމުގެ ނުރައްކާތެރިކަމާއި ނުބައިކަން އެހާބޮޑުކަން އެނގޭއިރު، އެކުށް ކޮށްފައިވާ ޙާލަތާއި، އެކުށް ކުރުމުގައި ދެމިހުރި މުއްދަތާއި، އެކުށްކުރި ގޮތާއި، އެކުށްކުރި މީހުންގެ ޢަދަދަށް ބަލާއިރުވެސް، އަދަބު 7 މަސްދުވަހުގެ ޙުކުމަކުން ނިންމާލެވެން އޮތް ޤާނޫނެއްގެ ދަށުން އަލަމްގިރީގެ މައްޗަށް ދައުލަތުން ޕްރޮސެކިއުޓަރ ޖެނެރަލް ދަޢުވާކުރުމަކީ ކަން ބޮޑުވާކަމެކެވެ. އެފަރާތަށް އޭގެ ނުރައްކާތެރިކަން ސީރިޔަސްކަން މާބޮޑު މައްސަލައަކަށް ނުވިއެވެ.
މިއަދު ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅިފައިވާ ޖިނާޢީ ދަޢުވާތަކަށް ބަލާއިރު، މީގެ އެތަކެއް އަހަރެއްކުރިން ކޮށްފައިވާ ދަޢުވާތަކެއް މިހާރުވެސް ކޯޓުތަކުގައި ކުރިޔަށް އެބަދެއެވެ. އާޚިރުގައި އެފަދަ ދަޢުވާތަށް ސާބިތުވެ މީހާ ޖަލަށްދާން ޖެހެނީ ދިރިއުޅުމެއް ފެށި އިޞްލާޙުވެ ދަރިން ލިބި ދިރިއުޅުން ކޮޅަށް ޖެހޭ ހިސާބުންނެވެ. މިފަދަ މައްސަލަތަކުގައި އެދަޢުވާތަށް އަނބުރާ ގެންނަން ޕީޖީން މިހާރުވެސް ދެކޮޅު ހަދާއިރު، ޖިނާޢީ ދަޢުވާތަށް އުފުލުމުގައި ޕީޖީ ޢަމަލުކުރަމުން އަންނަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގެ މަތީންކަން އެނގެއެވެ.
މިއަދު މިރާއްޖޭގެ މީސް މީޑިއާގައި މައްސަލަ ނިންމެވި ގާޒީއަށް ފާޑުކިޔައި ބަދުބަސް ބުނެ ހަދާއިރު، ޙަޤީޤަތުގައި ގާޒީއަށް އަދަބު ބޮޑުކޮށް އަދަބު ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތެވެ. ސަބަބަކީ، ޕީޖީން ދަޢުވާކުރީ އަދަބު އެންމެ ލުއިކޮށް ނިންމާލެވެން އޮތް ޤާނޫނުގެ ދަށުންނެވެ. އަލަމްގިރީގެ މައްޗަށް ސާބިތުވި ޙުކުމާއެކު ޕީޖީ އޮތީ ހިމޭނުންނެވެ.
2 Responses
Shameem vidhaalhuvihen insaafu libeynee mahsharu dhuvahuga.
ޔޯގާހައްޔަރީންނަށް ކީވެބާލުއިއަދަބަށްނުބެލީ ޔަހޫދީކަންތައްތަެް ރާޖޭގައަށަގަންނުވަށްވެގެންތަ