Ad

ރައީސް ޔާމީންގެ ވެރިކަމުގެ ތަރައްޤީގެ ބާނީއަކީ އަހުމަދު އަދީބު!

ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީގެ އެންމެ ބިޔަ މަޝްރޫޢުތަކުގެ ބޭސްތިރިޔަކީ އެމަނިކުފާނުގެ ވެރިކަމުގައި ނައިބްރައީސްކަން ކުރެއްވި އަހުމަދު އަދީބުކަމަށް އެމްޑީޓީން ބުނެފިއެވެ.

އެމްޓީޑީން މިކަން ހާމަކޮށް ނެރުފައިވަނީ ބަޔާނުގައި ރައީސް ވަހީދުގެ ވެރިކަމުން ފެށިގެން އަހުމަދު އަދީބު އިސްވެ ހުންނަވާ ހިންގެވި މަޝްރޫޢުތަކުގެ ބައެެއް މައުލޫމާތުތައް ވަނީ ހާމަކޮށްފައެވެ. މި ބަޔާން އެމްޓީޑީން ނެރުނީ ޕީޕީއެމުން ދިވެހިރާއްޖޭގެ ތާރީހު އޮޅުވާލަމުންދާތީ އެކަން ސާފުކޮށްދިނުމަށް ކަމަށް ބުނެއެވެ.

"ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބާއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގެ ކޯޑްއެފް ރަންވޭ ހުޅުވުމާއި ގުޅޭގޮތުން ޕީޕީއެމް ގެ ރައީސް ޔާމީނާއި ކަމުގެ މަޢުލޫމާތު ނެތް އެހެން ބައެއް ފަރާތްތަކުން، ދިވެހި ތާރީޚަށް ޚިޔާނާތްތެރިވެ، ދިވެހިންގެ ކައިރި މާޒީގެ ތާރީޚާއި ކުރެވިފައިވާ މަސައްކަތްތަކުގެ ޙަޤީޤަތް އޮޅުވާލުމަށް ކުރަމުން ގެންދާ އެންމެހައި މުޑުދާރު އަމަލުތައް ކުށްވެރިކުރަމެވެ. އަދި އެކަންކަމުގެ ޙަޤީޤަތް ދެނެތިބީންގެ ހައިސިއްޔަތުން ކަމުގެ ޙަޤީޤަތްތައް ހާމަ ކުރަމެވެ." އެމްޓީޑީގެ ބަޔާނުގައި ވެއެވެ.

މިބަޔާނުގައި އެއަރޕޯޓް ތަރައްޤީގެ ޕްލޭން އެކުލަވާލިގޮތުގެ ތަފްސީލް ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ.

"ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނުވަތަ "ދިވެހީންގެ އެއަރޕޯޓް" އަނބުރާ ހޯދީ 2012 ގައި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައެވެ. އެދުވަސްވަރު، އެމްޓީޑީގެ ރައީސް އަދި ދިވެހި ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައި، އެމްއޭސީއެލްގެ އިސްވެރިންނާއެކު މަޝްވަރާކުރައްވަވައި ވާދަވެރި ޒަމާނާއެއްހަމައެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޕްލޭން އެކުލަވާލައި، ސްކޮޓްވިލްސަން މާސްޓަރ ޕްލޭނެއްގެ ދަށުން ދެވަނަ ރަންވޭ އެޅުމަށް ނިންމީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ސީދާ އަޙްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުންނެވެ." އެމްޓީޑީގެ ބަޔާނުގައިވެއެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ބޭއްވި ވާރލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާގައި ގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: ރައީސް އޮފީސް

"2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ސްކޮޓްވިލްސަން މާސްޓަރޕްލޭން އަށް އިންފްރާޓާ ގެ ކޮންސަލްޓަންސީގެ ދަށުން ބަދަލުތައް ގެނެސް އިތުރު ފުރިހަމަކަން ގެނައުމަށާއި ކޮންސަލްޓަންސީ ހޯދުމުގެ ގޮތުން އަޙްމަދު  އަދީބުގެ މޭސްތިރިކަމުގެ ދަށުގައި ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ރާއްޖެއަށް އައުމަށް ދަޢުވަތު ދެވުނެވެ. އަދި މި ދަޢުވަތާ އެއްގޮތަށް ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ރާއްޖެއައިސް އެމްއޭސީއެލް އާއި އެކީގައި މަސައްކަތްކޮށް މާސްޓަރޕްލޭން ވަނީ ފުރިހަމަކުރެވިފައެވެ." އެމްޓީޑީގެ ބަޔާނުގައިވެއެވެ.

އަހުމަދު އަދީބު ނައިބްރައީސަކަށް ހުންނެވިއިރު އެއަރޕޯޓަށް ކުރެއްވި ޒުޔާރަތުގެ ތެރެއިން: ފޮޓޯ: ރައީސް އޮފީސް

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤައުމުގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގެވިއިރު ރައީސް ޔާމީން ގިނަގިނައިން އުޅުއްވީ ސިންގައްޕޫރުގައި އެސްޓީޑީ އަށް ފަރުވާ ކުރުމަށާ އާރަށުގައި ތާސްކުޅުއްވުމުގައާއި، ކަރުތާފެނަށް މޫދަށްއެރި އެކި ކުޅިވަރުކުޅުއްވުމަށް ކަމަށެވެ.

"ޗައިނާގެ ބީޔޫސީޖީއަށް ދަޢުވަތު ދީގެން ރާއްޖެ ގެނައުމާއި، އެއަރޕޯޓްގެ ދެވަނަ ރަންވޭއާއި، ފިއުލްފާރމާއި، އެއަރކާގޯ ޓާރމިނަލް އާއި ސީޕްލޭން ޓާރމިނަލްވެސް ފަހުން އެފަރާތާ ހަވާލުކޮށް ޗައިނާގެ އެގްޒިމްބޭންކް އިން ފެސިލިޓީ ހޯދައި، ދިވެހި ގައުމުގެ މުސްތަޤުބަލުގެ ޙައްޤުގައި ކުރެއްވި ޤައުމީ ބަޠަލަކީ އަދި އާރުކާޓީއަކީ އެމްޓީޑީގެ ރައީސް އަޙްމަދު އަދީބެވެ. އެދުވަސްވަރު ރައީސް ޔާމީން ގިނަގިނައިން އުޅުއްވީ ސިންގައްޕޫރުގައި އެސްޓީޑީ އަށް ފަރުވާ ކުރުމަށާ އާރަށުގައި ތާސްކުޅުއްވުމުގައާއި، ކަރުތާފެނަށް މޫދަށްއެރި އެކި ކުޅިވަރުކުޅުއްވާށެވެ." މި ބަޔާނުގައި ވެއެވެ.


"އެމްޓީޑީގެ ރައީސް އަދި ދިވެހި ރާއްޖޭގެ ކުރީގެ އަޙްމަދު އަދީބު 2012 ވަނަ އަހަރު ޓޫރިޒަމް މިނިސްޓަރ ކަމާއި ހަވާލުވި އިރު ދިވެހި ފަތުރުވެރިކަމުގެ މަރުކާގެ ގޮތުގައި ބޭނުންކުރަމުންއައި ދިވެހި ފަތުރުވެރިކަމުގެ ބިލިއަން ޑޮލަރުގެ ބްރޭންޑް "ސަނީ ސައިޑް އޮފް ލައިފް" އޮތީ ކުނިވަށިގަނޑާށް ލާފައެވެ. ކުނިވަށިގަޑުން ނަގައި، އަލުން މި ބްރޭންޑް އިޔާދަކުރުމަކީ ޓޫރިޒަމް އިންޑަސްޓްރީ އާއި މަޝްވަރާކޮށްގެން އަޙްމަދު އަދީބު ނިންމެވި ހިތްވަރުގަދަ ނިންމެވުމެކެވެ. އަދި 1 މިލިއަން ފަތުރުވެރިންގެ އަމާޒު ހިފާ 2013 ނިޔަލަށް 1 މިލިއަން ފަތުރުވެރިން އެއަހަރުތެރޭ ރާއްޖެއަށް ޒިޔާރަތްކޮށް، އެމަނިކުފާނު ގައުމަށްޓަކައި ކަނޑަ އެޅި ޓާރގެޓް އޭރުގެ ސިޔާސީ ހަލަބޮލި ކަމާއި އިންތިހާބުގެ ބުރަ އުފުލުމުގެ ތެރެއިންވެސް ޓާގެޓްކުރި ފެހި ރޮގުވަނީ ހުރަސްކޮށްފައެވެ." އެމްޓީޑީން ބުނެފައިވެއެވެ.


ބީބީސީއާއި ދުނިޔޭގެ އެހެން ޗެނަލްތަކުގައި ރާއްޖެ އިސްތިހާރުކުރުމުގެ އިތުރުން، ޑެސްޓިނޭޝަން ޕްރޮޟޮޝަން ސޯޝަލް މީޑިއާގައި ފެށީ އަހުމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުން ކަމަށާއި ދުނޭގެ މަޝްހޫރު ސެލެބްރިޓީންނާއި ފަންނާނުންނާއި އަދި ސޯޝަލް މީޑިއާގައި ނުފޫޒުގަދަ ފަރާތްތައް ކަނަށްވާ ސޯޝަލް މީޑިއާ އިންފުލުއެންޒަރސް މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓް ކުރަން ފެށީވެސް އަހުމަދު އަދީބުގެ ދުރުވިސްނުމާއި އިސްނެގެވުމުގެ މަތީން ކަމަށް މިބަޔާނުގައި ވެއެވެ.

"ހަތަރުވަނަ ވަނަ ޓުއަރިޒަމް މާސްޓަރޕްލޭން 2013 ގައި އެކުލަވާލާ ތަންފީޒުކުރުމުގެ މަސައްކަތަކީ ދިވެހި ޤައުމުގެ މުސްތަޤުބަލުގެ ޙައްޤުގައި އެމްޓީޑީގެ ރައީސް އަޙްމަދު އަދީބު ކުރެއްވި އައްސަރިބަހާއި ސާބަސް ޙައްޤު މަސައްކަތެކެވެ. މިއަދުވެސް ތަންފީޒުކުރަމުންދަނީ އަޙްމަދު އަދީބު ފަރުމާކުރެއްވި ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭންއެވެ." އެމްޑީޓީން ބުނެއެވެ.


"2008 އިން ފެށިގެން އިންވެސްޓްކުރުން ލޮޑުވެ، މަޑުޖެހިފައި އޮތް ޓޫރިޒަމް އިންޑަސްޓްރީގައި އިންވެސްޓް ކުރާނެ އިންވެސްޓަރުން ހޯއްދެވުމުގެ މަސައްކަތް ފައްޓަވައި، ޕަރސަނަލީ ކޮންވިންސް ކުރައްވައިގެން ރިކޯޑް އަދަދަކަށް އިންވެސްޓަރުން ހޯއްދަވައި، ކުރީން އެންމެ ރިސޯޓެއް ތަރައްޤީކޮށްފައިވާ މާލޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު ފަދަ އަތޮޅުތަކުގައި، ރިސޯޓްތައް ތަރައްޤީކޮށް، އޮޕަރޭޓިންގ ރިސޯޓްތަކުން ރާއްޖޭގެ ސަރަޙައްދުތަކަށް ފަތުރުވެރިކަމުގެ ނަފާ ހަމަހަމަކަމާއެކު ލިބޭނެ ވަސީލަތްތަކާއި ދޮރުތައް ހުޅުވާލަދެއްވީ އަޙްމަދު އަދީބެވެ. ދިވެހި ތާރީޚް ހެކިވާފަދައިން މިއަދުވެސް ހުޅުވަމުންދާ ރިސޯޓްތަކަކީ އަހަމަދު އަދީބު ސޮއިކުރައްވާފައިވާ ރިސޯޓްތަކެވެ." އެމްޓީޑީގެ ބަޔާނުގައި ވެއެވެ.

 

"2012 ވަނަ އަހަރު ރިސޯޓްތަކުގެ ބިލްޓްއަޕްއޭރިއާ %20 އިން %30 އަށް ބޮޑުކުރައްވައި، ފަތުރުވެރިކަމާ ގުޅުންހުރި ހުރިހާ މަސައްކަތެއް އެއްފުރާޅެއްގެ ދަށުން ކުރެވޭނެ އިންތިޒާމު ޓޫރިޒަމް މިނިސްޓްރީގައި ހަމަޖައްސަވައި، އަލަށް ތަރައްޤީކުރާ ރިސޯޓް ތަކުގެ ޑިއުޓީ މަޢާފުކޮށް، މުޅި ރާއްޖޭގައި ރިސޯޓް ކޮންސްޓްރަކްޝަން ބޫމެއްގެނެސްދެއްވީ އެމްޓީޑީގެ ރައީސް  އަޙްމަދު އަދީބެވެ. އަދި މިއާއެކު ދުނިޔޭގެ އެންމެ ލަގްޒަރީ ބްރޭންޑްތަކާއި ހޮޓެލް ޗެއިންތަކުން ރައްތަކާއި ފަޅުތައް ހިއްކައި، ތަރައްޤީކުރި ރިސޯޓުތަކުގެ ސަބަބުން މިއަދު ދިވެހިރާއްޖެ ވެފައިވަނީ ދުނިޔޭގެ އެންމެ ލަގްޒަރީ އައިލެންޑް ޑެސްޓިނޭޝަނަށެވެ." އެމްޓީގެ ބަޔާނުގައި ވެއެވެ.

2012 ވަނައަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 40 އަހަރު ފުރުނުއިރު، މި 40 އަހަރުތެރޭގައި ތަރައްޤީކުރެވި، ރަޖިސްޓރީކުރެވިފައި ހުރީ ގާތްގަޑަކަށް ފަންސަވީހަކަށް ހާސް އެނދުކަމަށާއި ނަމަވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް އާދިރުމެއް، އާޒަމާނެއް ގެންނެވުމަށްޓަކައި އަހުމަދު އަދީބު އެކަށައެޅުއްވި ހަރުދަނާ ސިޔާސަތުތަކާއި އެތައް ބައެއްގެ މިންނަތް މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރޭއިރު ރަޖިސްޓްރީ ކުރެވިފައިވާ 57 ހާސް އެނދު ހުރުމަކީ ކުރުމުއްދަތެއްގެ ތެރޭގައި މުޅިރާއްޖޭގެ ޖީޑީޕީ ޑަބަލްވުމުގެ މައިގަނޑު ސަބަބުކަމަށް މި ބަޔާނުގައި ވެއެވެ.

"ދިވެހި ތާރީޚަށް ތެދުވެރިވެ، އިޚްލާޞްތެރިކަމާއެކު ދަންނަވަމެވެ. ބްރިޖުގެ މަސައްކަތާއި ހުޅުމާލެ ފޭސް 2 ގެ މަސައްކަތަކީ ސީދާ އަހުމަދު އަދީބުގެ އިސްނެންގެވުމާއި ބެއްލެވުމުގެ ދަށުން ޕްލޭންކޮށް، ފަންޑް ހޯދާ އެގްރީމަންޓް ކުރެވިފައިވާ ބިޔަބޮޑެތި މަޝްރޫޢު ތަކެވެ. ހަނދާނަށް ގެންނަވާށެވެ. 2013 ގައި ޕީޕީއެމްގެ އިކޮނޮމިކް މެސިފެސްޓޯ އެކުލަވާލާ ހުށަހަޅާއިދީ ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރި އާރުކާޓީއަކީ އެމްޓީޑީގެ ރައީސް އަދި ކުރީގެ ނައިބު ރައީސް ލޮބުވެތި ރައީސް ކުރީގެ އަހުމަދު އަދީބެވެ." އެމްޓީޑީގެ ބަޔާނުގައި ވެއެވެ.

ސިނަމާލެ ބްެރިޖްގެ ޑިޒައިން އިފްތިތާހުކޮށްދެއްވުމަށްފަހު އޭރުގެ ނާއިބް ރައީސް އަހުމަދު އަދީބު ވާހަކަ ދައްކަވަނީ: ފޮޓޯ ރައީސް އޮފީސް

"ފެލިދެ އަތޮޅު (ފ) އަތޮޅުގެ މެގަ ޕްރޮޖެކްޓާއި އައިހެވަންއަކީ 2012 އިންފެށިގެން އަހުމަދު އަދީބު ނެގޯޝިއޭޓްކޮށް ޕްލޭން ކުރަމުން އައި ބޮޑު ދެ މަޝްރޫއެވެ. އަދި އަހުމަދު އަދީބުގެ މާސްޓަރސް ގެ ރިސަރޗްގައި ހިމެނި  އެކި ގައުމުތަކުގަ ކާމިޔާބު ކަމާއެކު ހިންގުން އެސްއީޒެޑް ކޮންސެޕްޓަކީ އެމަނިކުފާނު މެނިފެސްޓޯގައި ހިމަނާ ކަމާގުޅުންހުރި ޤަނޫނުތައް ވުޖޫދަށް ގެނެސް އަދި ހަމައެއާއެކު އެސްއީޒެޑް އޮފީސް ގާއިމްކޮށް އެސްއީޒެޑްތައް ގާއިމުކުރައްވަން އަހުމަދު އަދީބް ފެއްޓެވިތަނާ، ރައީސް ޔާމީނުގެ އަމުރަށް ފްރޭމްކޮށް އަޙްމަދު އަދީބު ޖަލަށްލީ، އަދީބު ހުންނަވައިފިނަމަ ރައީސް ޔާމީނަށް ތަރައްގީގެ އެއްވެސް ކްރެޑިޓެއް، ތަޢުރީފެއް، ސަނާއެއް ނުލިބޭނެތީއެވެ. ނަމަވެސް އެކަމުގެ ސަބަބުން ރައީސް ޔާމީނަށް އައިހެވަން، ފ. އަތޮޅުގެ ބިޔަ ޕްރޮޖެކްޓާއި އެސްއީޒެޑްގެ އެންމެ ޕްރޮޖެޓެއް ކާމިޔާބެއް ނުކުރެވުނެވެ. އަދި ކިއެއްތަ؟ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް އަޙްމަދު އަދީބު ނުލާ ކާމިޔާބެއް ނުކުރެއްވުނެވެ. މަޖިލިސް މެމްބަރުންނާއި އަޣުލަބިއްޔަތު ގެއްލި، ކޯޓްތައް ދެކޮޅުވެދިޔަ ހިނދުވެސް ރައީސް ޔާމީން އުޅުއްވީ އަޙްމަދު އަދީބު ޖަލައްލާފަ ޑިފެންސައް ކުޅޭށެވެ." މި ބަޔާނުގައި ވެއެވެ.

ކަމެއް ގޯސްކޮށް ދިޔުމަކީ އެމީހާބޮލަށް ހުރިހާ ގޯހެއް ބޮލަށްފައްތައި، އެމީހަކު ކުޅަ ގައުމީ  ހިދުމަތްތައް ތާރީޚުން ފޮހެލެވޭނެކަމެއްނޫން ކަމަށާއި އަދި އަޙްމަދު އަދީބުގެ ޤައުމީ ޚިދުމަތް ފަނޑުކޮށް، ފުހެލުމަށް ރައީސް ޔާމީން ކިތައްމެ މަސައްކަތެއްކުރެއްވިނަމަވެސް އަޙްމަދު އަދީބުގެ ޤައުމީ ޚިދުމަތްތަކަކީ ދިވެހި އުނޑުދަށުން ފިލާދާނެ ޚިދުމަތްތަކެއްވެސް ނޫންކަމަށްވެސް މި ބަޔާނުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *