Ad

ރާއްޖޭގެ ޕަބްލިކް ލިސްޓަޑް ކުންފުނި ތަކުން ހިއްސާދާރުންނަށް ހިއްސާއަކަށް ދެނީ ހައްގު މިންވަރުބާ؟ މިކަން ކަށަވަރުކުރަނީ ކޮންބައެއް؟

ރާއްޖޭގައި ރައްޔިތުންނަށް ހިއްސާ ވިއްކައިގެން ލިސްޓު ކުރެވިފައިވަނީ 9 ކުންފުންޔެކެވެ. އެތައްމިލިއަންރުފިޔާ އެއްގެ ހިއްސާ ވިއްކާފައިވާއިރު 42,783 ދިވެހި ރައްޔިތުން ވަނީ ހިއްސާ ގަނެފައެވެ. މިހިއްސާތައް ރައްޔިތުން ގަނެފައިވަނީ ވަރަށް އުންމީދާއި އެކީގައެވެ. ނަމަވެސް ހިއްސާއަކަށް އަހަރު ނިންމާފައި ބަހާ ފައިސާ އަންނަނީ އަހަރަކުން އަހަރަކަށް މަދުވަމުންނެވެ.

2021 ވަނަ އަހަރު ކުންފުނިތަކުގެ ފައިދާގޮތުގައި ހިއްސާއަކަށް ވާވަރު ބަހަން ނިންމި ކުންފުނި ތަކުގެ ތެރޭގައި ރާއްޖޭގެ ވަރުގަދަ 4 ކުންފުނި ހިމެނެއެވެ. އެގޮތުން އެސްޓީއޯއިން ހިއްސާއަކަށް 65 ރުފިޔާ ، ބީއެމްއެލް އިން 48 ރުފިޔާ ، ދިރާގުން 6.2 ރުފިޔާ ހިއްސާއަކަށް ބަހާފައިވާއިރު އުރީދޫ އިން ދިނީ ހިއްސާއަކަށް 2.7 ރުފިޔާއެވެ. ހިއްސާ ނުބަހާ ކުންފުނިތަކުންވެސް އަދި ހިއްސާބެހި ކުންފުނިތަކުންވެސް އެތައް ލައްކަ ބޭކާރު ހަރަދުތަކެއް ދަނީ ކުރަމުންނެވެ. އެކިފާޑުގެ ސްޕޮންސަރތަކާ ބޭކާރު އެތައްކަމެއް ކުރާއިރު މިކަން ބަލަނީ ކޮންބައެއްތޯ ސުވާލު އުފެދެއެވެ. ރައްޔިތުންގެ އެތައް ފައިސާއެއްމިކުންފުނިތަކުގައި ހުރިއިރު ލިސްޓްކޮށްފައިހުންނަ ކުންފުނިތައް ފުރިހަމައަށް ޒިންމާދާރު ކުރެވޭތޯ ސުވާލު އުފެދެއެވެ.

މީގެ ފުރިހަމަ މިސާލެއްގެ ގޮތުން އިރުވަރުން ދިރާސާކޮށް އުރީދޫގެ ހިއްސާދާރުންނާއި އަދި ފައިދާ އަށް ބަލާލީމެވެ.

އުރީދޫއިން ރައްޔިތުންނަށް ވިއްކި 9.5 އިންސައްތަ ހިއްސާގެ 60 އިންސައްތަ ގަނެފައިވަނީ ޕެންޝަން ފަންޑުން

އުރީދޫގެ ހިއްސާގެ 40 އިންސައްތަ ރައްޔިތުންނަށް ހިއްސާއެއްގެ އަގަކަށް 30 ރުފިޔާގެ މަގުން ވިއްކަން އިއުލާނު ކޮށްގެން ވިކުނީ 9.5 އިންސައްތައެވެ. ޖުމްލަ 9.5 އިންސައްތައަށްވާ 14 މިލިއަން ހިއްސާގެ ތެރެއިން 8.3 މިލިއަން ހިއްސާ 249.9 މިލިއަން ރުފިޔާއަށް ގަނެފައިވަނީ ޕެންޝަންފަންޑުންނެވެ. މިޔަދު ޕެންޝަން ފަންޑަކީ 1 ލައްކަ 13 ހާސް ރައްޔިތުން ބައިވެރިވެފައިވާ ސްކީމްއެކެވެ.

މިހާތަނަށް ޕެންޝަންފަންޑުން އިންވެސްޓްކުރި 249 މިލިއަން ގެ ތެރެއިން ފާއިތުވީ 7 އަހަރުތެރޭގައި ބެހި ޑިވިޑެންޑް އިން ޖުމްލަކޮށް ލިބުނީ އަދި 120 މިލިއަން ވަރަކަށް ރުފިޔާއެވެ. އިންޓަރނަލް ރޭޓް އޮފް ރިޓާން 11 އިންސައްތައިން މައްޗަށް ނުދާއިރު ރާއްޖޭގެ ލެންޑިންގް އިންޓްރަސްޓް ރޭޓް ވެސް އުޅެނީ 12 އިންސައްތައިން މަތީގައެވެ. އެހެންވެ މިއީ އެންމެ ހައްގުމިންވަރުތޯ ސުވާލު އުފެދެއެވެ. ޕެންޝަންފަންޑަށް ޑިވިޑެންޑް ގޮތުގައި އަހަރަކު 25 ހަކަށް މިލިއަން ރުފިޔާ އުރީދޫއިން ދޭއިރު އުރީދޫގެ މާކެޓިންގް ބަޖެޓްވެސް އުޅެނީ 20 މިލިއަން ރުފިޔާއަށް ވުރެ މަތީގައެވެ. ވޯލްޑްކަޕަށް ޕްރޮޖެޗްޓަރުބަހާ ސްޕޮންސަރކޮށް ޓީވީބަހާ އެތައް އިސްރާފެއް ކުރާއިރު ހިއްސާދާރުންގެ ހައްގުތައް ރައްކާކުރަން ތިބީ ކޮންބައެއްތޯ ބަލާލަމާހެވެ.

ރާއްޖޭގެ ލިސްޓަޑް ކުންފުނިތަކާއި ހިއްސާގެ ބާޒާރުގެ ރެގިއުލޭޓަރަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ސީ.އެމ.ްޑީއޭ އެވެ. މިހާރު ސީ.އެމް.ޑީ.އޭ ގެ ސީއީއޯގެ މަގާމުގައި ހުންނެވީ ކުރިން ޕެންޝަން އޮފީހުން އުރީދޫއަށް އިންވެސްޓް ކުރިއިރު  ޕެންޝަން އޮފީހުގެ ސީއީއޯ އަށް ހުނެވި މުހައްމަދު ހުސެން މަނިކުއެވެ. އާދެ އެސްޓީއޯ މަނިކުއެވެ.

އޯއީސީޑީ ގައުމުތަކާ އެއްވަރަށް ގާނޫނާ ގަވައިދު ހަދައިގެން ސީއެމްޑީއޭ އުފައްދާފައިމިވަނީ ރާއްޖޭގައި ތަރައްގީ ނުވެއޮތް ކެޕިޓަލް މާކެޓް ފުޅާކުރާށެވެ. ނަމަވެސް އަދިވެސް ހިއްސާ ގަނެ ވިއްކުމަކީ އެތައް އުދަގޫ ކަމަކަށް ވެފައި ރައްޔިތުން ހޭލުން ތެރިނުވާއިރު ރާއްޖޭގެ އެންމެ ކާމިޔާބު ޓުއަރިޒަމް ވިޔަފާރީގެ އެއްވެސް ޕްރައިވެޓް އެއްވެސް ކުންފުންޔެއް ލިސްޓް ނުކުރެއެވެ. ރާއްޖޭގައި އެންމެ ބޮޑަށް އޯވަރރެގިއުލޭޓް ކުރެވިފައި ވަނީ ފައިނޭންޝަލް އަދި ކެޕިޓަލް މާކެޓެވެ. މީގެ ސަބަބުން މާކެޓް ފުޅާނުވެ ހިއްސާގަނެވިއްކުން ނުވަތަ ރާއްޖެއިން ލޯނު ލިބުމަކީ ދަތި އުނދަގޫކަމެކެވެ. އެއްޗެއް ނެތްތާކު މަތިމަތިން ގާނޫނު ހެދިޔަސް އަދި ބޭރުން އަންނަ 200 ޑޮލަރުވެސް ހިފައޓާއިރު މުޅިދައުލަތުގައި ހުރ އެންމެ 194 މިލިއަން ޑޮލަރުގެ ރިޒާވްއެކެވެ. ބިލިއަން ޑޮލަރުންް ކޮންމެ ދުވަހަކު ވަންނަ ގައުމުތަކުގައި ހަދާ ގާނޫނައި ގަވައިދު ހަދައިގެން ބޮޑެތި އޮފީސްހަދާ ޓައިއަޅައިގެން ތިބުމަކީ ވަރަށް ބޮޑު ޖޯކެކެވެ.

ލިސްޓް ކޮއްފާ ހުންނަ ކުންފުނިތަކުގެ އިތުރު ދިރާސާތައް އިރުވަރުން ކުރިއަށް އޮތްތާންގައި ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *