އެމެރިކާގައި ހުންނަ "ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީ" ގައި ހިންގުމަށް ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ދިވެހިންނަށް ހުޅުވާލައިފިއެވެ.
އަންނަ 2023 ވަނަ އަހަރުގެ ޖޫން މަހުގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އޭ ލެވެލް ހަދާފައިވާ ނުވަތަ އޭ ލެވެލްއާ އެއް ފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ސަނަދެއް ލިބިފައިވާ މީހެއްކަމުގައި ވުމާއި، ޒަވާޖީ ހަޔާތެއް ފަށާފައި ނުވާ، 2023 ޖުލައި 01 ވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ މީހެއް ކަމުގައިވުން ހިމެނެއެވެ. އަދި، ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓް (SAT) ނުވަތަ އެމެރިކަން ކޮލެޖް ޓެސްޓިންގ (ACT) ހަދާފައިވާ ފަރާތެއްކަމުގައިވުމާއި، ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL) ހަދާފައިވާ ފަރާތެއް ކަމުގައިވުމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި ހަށިހެޔޮކަމުގެ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. މި ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 6 ޖާގައަށެވެ. މި ޓެސްޓްތަކަކީ (SAT,ACT,TOEFL)، ކޯހަށް އެޕްލައިކުރުމަށްފަހު ވެސް ފުރިހަމަ ކުރެވިދާނެ ޓެސްޓްތަކެކެވެ.
މި ކޯހުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ ތެރޭގައި އެރޮނޮޓިކަލް އިންޖިނިއަރިންގ، އެސްޓްރޮނޮޓިކަލް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް، މެކޭނިކަލް އިންޖިނިއަރިންގ، ސައިބަރ ސައިންސް، ބަޔޮލޮޖީ، ލީގަލް ސްޓަޑީޒް، މެތަމެޓިކްސް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ފިލޯސަފީ، ސިސްޓަމް އިންޖިނިއަރިންގ އަދި މީޓިއޮރޮލޮޖީ ހިމެނެއެވެ.
މި ކޯހަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، 2022 ނޮވެންބަރު 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ދުރުވެ، އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ އެމްއެންޑީއެފް ޓްރެއިނިންގް ޑިޕާޓްމަންޓްގެ މެއިލް: ([email protected]) އަށް މެއިލް ކޮށްދެއްވުމަށް އެދެމެވެ. ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް (www.mndf.gov.mv) އިން ޑައުންލޯޑު ކުރެވޭނެއެވެ. ކޯހާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގްގެ ނަންބަރު 3322607 އަށް ނުވަތަ މޯބައިލް 9871235 / 2156 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން ބުނެއެވެ.