ދުނިޔޭގެ ފުޓްބޯޅައިގެ އީދު "ވޯލްޑް ކަޕް" ފުޓްބޯޅަ މުބާރާތް ފެށެން ގާތްވަމުން އަންނައިރު މި މުބާރާތާ ބެހޭގޮތުން ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ. މިފަހަރު މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ގަތަރުން މުބާރާތަށްވާ ތައްޔާރީތަކާއި، މުބާރާތަށް ކޮލިފައިވި ޤައުމުތަކާއި، ވޯލްޑްކަޕަށް ޤައުމުތަކުން ނެގި ކުޅުންތެރިންގެ ވާހަކައިންއިން މުޅި މީޑިއާ ދަނީ ފަޅުފިލުވަމުންނެވެ. އަދި މުބާރާތުގެ ތާރީހުގެ ވާހަކައަކީވެސް އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައެވެ. ވޯލްޑްކަޕްގެ ތާރީހުގައި ތަފާތު މޮޅު ކުޅުންތެރިން ވަނީ ފެނިގެން ގޮސްފައެވެ. މީގެތެރެއިން މި ރިޕޯޓުގައި މި ބަލާލަނީ ވޯލްޑްކަޕްގެ ތާރީހުގައި ހަނދާނުން ފޮހެނުލެވޭނެ 3 ކުޅުންތެރިންނަށެވެ.
- ޒައިނުއްދީން ޒިދާން (ފްރާންސް)
ފްރާންސްގެ ޒައިނުއްދީން ޒިދާނަކީ ފުޓުބޯޅައިގެ ހުރިހާ ކާމިޔާބީއަކާއި ޝަރަފެއް ލިބުނު ހަމައެކަނި 3 ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ފުޓުބޯޅަ ކުޅުންތެރިއެއްގެ ހައިސިއްޔަތުންނާއި ފުޓުބޯޅަ ކޯޗެއްގެ ގޮތުގައި ޒިދާނު ހޯދާފައިވާ ކާމިޔާބު ހޯދުނު އެހެން މީހެއް ފުޓުބޯޅައިގާ މިހާތަނަށް ފެނިފައިނުވޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފްރާންސްގައި ޒިދާނަކީ ފުޓުބޯޅައިގެ ރަސްގެފާނެވެ. 1986 ވަނަ އަހަރު ފްރާންސްގެ އޭރުގެ ލެޖެންޑް އަދި ޔޫއެފާގެ ކުރީގެ ރައީސް މިޝެއިލް ޕްލެޓިނީގެ ދުވަސްވަރަށްފަހު، ފްރާންސުންވަނީ ދުނިޔެ ނުދެކޭފަދަ ފުޓުބޯޅައިގެ ރަންޖީލެއް އުފައްދާފައެވެ. ޒިދާނަކީ ފްރާންސް މިހާތަނަށް ދުއް އެންމެ މޮޅު ފުޓުބޯޅަ ޖީލު ލީޑްކޮށްދީ އަމިއްލަ ޤައުމުގައި ވޯލްޑްކަޕް ތަށި ފްރާންސަށް ހޯދައިދިން މޭސް ތިރިއެވެ.
1994 ވަނަ އަހަރު އެރިކް ކޮންޓެނާ 2 އަހަރު ދުވަހަށް ސަސްޕެންޑް ކުރުމާއެކު، ފްރާންސްގެ މެދުތެރެއަށް މިޑްފިލްޑަރެއް ހޯދުމަށް ކުރި މަސައްކަތުން އޭރުގެ އުމުރުން އެންމެ 24 އަހަރުގެ ޒިދާނަށް އެމަޤާމު ދިނީ އޭރު ފްރާންސްގެ ބޯޑޯގައި ދެއްކި ހުނަރުވެރި ކުޅުމަށެވެ. އޭގެ ފަހުން، 1998 ވަނަ އަހަރު ބްރެޒިލް ބޮޑު ތަފާތަކުން ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ފްރާންސް ހޯދިއިރު، ފައިނަލްގައި ބްރެޒިލްކޮޅަށް 2 ގޯލުވަނީ ޖަހާފައެވެ. 2006 ވަނަ އަހަރުގެ ވޯލްޑްކަޕަކީވެސް ޒިދާނުގެ ފަހަރެކެވެ. އެހެން ނަމަވެސް، އެމުބާރާތަށް ޒިދާނު ދިޔައިރު އުމުރުން 34 އަހަރުވުމާއެކު، ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ޙަޤީޤަތުގައި އެމުބާރާތުގައި ނޮކައުޓް ބުރުގައި ޒިދާނުގެ ހިތްވަރާއި އެދެއްކި ހުނަރުވެރި ކުޅުމަކީ މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ދެއްކުނު ހުނަރުވެރިކަމެއް ނޫނެވެ. ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ، ޒިދާނު ދަނޑުމަތީގައި ހުރެ ފްރާންސަށް ކުޅެދިން އެއްވެސް މެޗެއްގައި ދުނިޔޭގެ ގަދަ އެއްވެސް ބާރަކަށް ފްރާންސް ބަލިކުރެވިފައިނުވެއެވެ. އެއީ، އަދިވެސް ދުނިޔޭގެ ރެކޯޑެވެ. ވޯލްޑްކަޕްގައި ޒިދާނުވަނީ 5 ގޯލް ޖަހާފައެވެ. އެގޯލުތަކުގެ ތެރެއިން 3 ގޯލަކީ ވޯލްޑްކަޕް ފައިނަލުގައި ޖަހާދިން 3 ގޯލެވެ. އަނެއް ދެގޯލަކީ ސެމީ ފައިނަލާއި ގަދަ 16 ގައި ޖެހި ގޯލެކެވެ. ވޯލްޑްކަޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު 2006 ގައި ޒިދާނު ހޯދިއެވެ. ޒިދާނު ވޯލްޑްކަޕްގައި ޖެހި ގޯލުތަށް ޖަހާފައިވަނީވެސް ދުނިޔޭގެ ގަދަ ބާރެއްގެ ގޯލަށެވެ.
- ޕެލޭ (ބްރެޒިލް)
އެއްވެސް ދެބަސްވުމެއްނެތް ގޮތެއްގައި ޕެލޭއަކީ ބްރެޒިލްގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. ޕެލޭގެ ދުވަސްވަރަކީ ބްރެޒިލްގެ ފުޓުބޯޅައިގެ ފެންވަރު އެންމެ މަތީ ފަންތީގައި ހުރި ދުވަސްވަރެވެ. އޭރުގެ ބްރެޒިލް ދެއްކި ހުނަރުވެރިކަމާއި ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ޓީމުތަކުގައި ޕެލޭއަކީ އެންމެ މޮޅު ކުޅުންތެރިޔާއެވެ. 1958 ވަނަ އަހަރު އުމުރުން އެންމެ 17 އަހަރުގައި ޕެލޭ ދެއްކި ހުނަރުވެރިކަން ދެއްކުނު އިތުރު އެއްވެސް ކުޅުންތެރިއަކު އަދިވެސް ފެނިފައިނުވެއެވެ. ދުނިޔޭގެ ޗެމްޕިއަންކަން ބްރެޒިލް ހޯދި ދެފަހަރަކު ޕެލޭ ހިމެނިފައިވެއެވެ. 1958 ގެ ވޯލްޑްކަޕް ފައިނަލްގައި ސްވިޑްން ކޮޅަށް ޕެލޭ ފަހަތަށް އެނބުރިލާފައި ޖެހި ގޯލަކީ ވްލްޑްކަޕް ފައިނަލެއްގައި މިހާތަނަށް ފެނުނު އެންމެ މޮޅު ގޯލްކަމުގައި ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. އެގޯލުގެ ވާހަކަ ވޯލްޑްކަޕް ޑޮކިއުމެންޓްރީ ތަކުގައި އަދިވެސް ދައްކައެވެ. ބްރެޒިލަށް 77 ގޯލް ޕެލޭ ކާމިޔާބު ކޮށްދިނެވެ. ޕެލޭއަކީ މިހާތަނަށް ބްރެޒިލަށް އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއާއެވެ. ޕެލޭއަކީ ބްރެޒިލަށް ގޯލެއް ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާވެސް މެއެވެ. އޭނާވަނީ 1957 ވަނަ އަހަރު އާޖެންޓީނާ ކޮޅަށް 16 އަހަރުގައި ގޯލްޖަހާފައެވެ. ޕެލޭ އާއެކު އެޖީލުގައި ދެން ހިމެނެނީ ބްރެޒިލްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންކަމުގައި ގަރިންޗާ، ވާވާ އަދި އަމަރިލްޑޯ ފަދަ ކުޅުންތެރިންނެވެ. ފަހަރުގައި އެކުޅުންތެރިންނަކީ ކޮން ބައެއްކަން މިހާރުގެ ބްރެޒިލް ސަޕޯޓަރުންނަށް ނޭނގިދާނެއެވެ. އެހެން ނަމަވެސް، ބްރެޒިލްގައި އުފެދުނު އެންމެ މޮޅު ޖީލަކީ ޕެލޭ އާއެކު 1950 އިން ފެށިގެން 1980 އާދެމެދު އުފެދުނު ޖީލެވެ. ޕެލޭވަނީ ބްރެޒިލާއެކު 4 ވޯލްޑްކަޕެއް ކުޅެދީފައެވެ.
- ޑިއޭގޯ މަރަޑޯނާ (އާޖެންޓީނާ)
އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ މަޝްހޫރުވެފައިވަނީ ޑޮން ޑިއޭގޯ ގެ ނަމުންނެވެ. އުމުރުން ޅައިރުގެ ދުވަސްތަށް މަރަޑޯނާ ހޭދަކުރީ ފަޤީރުކަމުގައެވެ. އޭރުވެސް މަރަޑޯނާގެ ފަރާތުން އާދަޔާ ޚިލާފު ފުޓުބޯޅައިގެ ހުނަރުވެރިކަމެއް ފެނުނެވެ. ބޮކަ ޖޫނިއާސް އަކީ މަރަޑޯނާގެ ކުލަބެވެ. އޭނާގެ ބޯޅަ ޑްރިބްލް ކުރުމާއި ކޮއްޓުމާއި ނެއްޓުމަކީ ހަނދާނުން ފޮހެލަންދަތި މަންޒަރުތަކެވެ. ބްރެޒިލްގެ ޕެލޭ އާއި މަރަޑޯނާ އަޅުވައި ކިރާތީ މަރަޑޯނާއަށް ހިތްހަމަނުޖެހުންތަކެއް ކުރިމަތިވެއެވެ. ސަބަބަކީ، ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ ވާދަވެރިކަމުގައި ބްރެޒިލާއި އާޖެންޓީނާ އެންމެ ބޮޑަށް ހަތުރުންނަށް ވެފައިވަނީ މަރަޑޯނާގެ ރަން ދުވަސްވަރުކަމުގައިވާތީއެވެ. މަރަޑޯނާގެ ފުޓުބޯޅަ ކެރިއަރ ފެށުނުއިރު ބްރެޒިލް ޕެލޭގެ ބައިނަލް އަޤްވާމީ ކެރިއަރު ނިމިއްޖެއެވެ. ދަނޑުމަތީގައި މަރަޑޯނާ އާއި ވާދަކުރަން އޭރު ހުރީ ފްރާންސްގެ މިޝެއިލް ޕްލެޓިނީއެވެ. 1986 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދިއިރު، އެތަށި އާޖެންޓީނާއަށް ގެނެސްދިނީ 100 ޕަސެންޓް މަރަޑޯނާއެވެ. އެކަމާއި އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ. އޭރު އޭނާގެ އުމުރުން 26 އަހަރެވެ. ބައިނަލް އަޤްވާމީ ފުޓުބޯޅައިގާ ހަގު ނޫނަސް، އެފެންވަރުގައި ހިފަހައްޓާލެވޭނީ އާދަޔާ ޚިލާފު ހުނަރުވެރިއަކަށެވެ. 1986 ވަނަ އަހަރު މަރަޑޯނާ ވޯލްޑްޕްގައި އިނގިރޭސީން ކޮޅަށް ޖެހި 2 ގޯލުގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭނެ ހެއްޔެވެ! 6 ކުޅުންތެރިންގެ ކައިރިން ކަޓުވާލައި އިނގިރޭސިން ކޮޅަސް ޖެހި ގޯލަކީ ވޯލްޑްކަޕްގައި ފެނުނު އެންމެ ހިތް ގައިމު ގޯލެވެ. އަމިއްލަ ހާފުގެ މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން ދުވެފައި ދެމިގަނެގެން ދިޔަ ގޮތުން އިނގިރޭސި އެއްވެސް ޑިފެންޑަރަކަށް ޓެކްލްކޮށް ވައްޓާލާކަށްވެސް ފުރުސަތެއް އޭނަ ނުދެއެވެ. ދެން އޮތީ، އިސްކޮޅުން ދިގު ޕީޓާ ޝިލްޓަންގެ ބޯމަތިން ފުންމައިގެން އަރައި އަތުން ބޯޅައިގާ ޖަހައި އިނގިރޭސި ގޯލަށް ވައްދާލި މޮޅު ގޯލުގެ ވާހަކައެވެ. މަރަޑޯނާގެ އިސްކޮޅަކީ ގާތްގަނޑަކަށް 5 ފޫޓު 6 ނޫނީ 7 އިންޗެވެ. އެހެން ނަމަވެސް، މަތިން އައި ބޯޅައެއްގައި ޕީޓާ ޝިލްޓަންއާ އެއްވަރަށް ފުންމައިގެން އަރައި އެކުޑަ ވަގުތު ކޮޅުގައި ގޯލެއް ޖެހުމަކީ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫނެވެ. ޕެލޭ އާއި އެއްފަދައިން މަރަޑޯނާވެސް ވަނީ 4 ވޯލްޑްކަޕެއްގައި އާޖެންޓީނާއަށް ކުޅެފައެވެ.