Ad

ވޯލްޑް ކަޕުން ކެޓުމާއެކު، ބްރެޒިލްގެ ކޯޗު އިސްތިއުފާ ދީފި

ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗުކަމުން ޓީޓޭ އިސްތިއުފާ ދީފިއެވެ.

ޓީޓޭ މަގާމުން އިސްތިއުފާ ދިނީ ފީފާ ވޯލްޑް ކަޕް މުބާރާތުން ބްރެޒިލް ކެޓުމާ ގުޅިގެންނެވެ. މުބާރާތުން ބްރެޒިލް ކެޓީ ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާ އަތުން ބަލިވެގެންނެވެ. ޕެނަލްޓީގައި ކްރޮއޭޝިއާ އަތުން ބްރެޒިލް ބަލިވީ 4-2 އިންނެވެ.

މިފަހަރު ބްރެޒިލްގެ ވޯލްޑްކަޕް ސްކޮޑް ނެގިގޮތުން ޓީޓޭއަށް ވަރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ވިއެވެ. އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ އެންމެ ރަނގަޅު ފޯމުގައި ހުރި ލިވަޕޫލްގެ ރޮބާޓޯ ފިރުމީނޯއަށް ޖާގަ ނުދިނުމުގެ ސަބަބުންނެވެ. ފިރުމީނޯގެ ބަދަލުގައި ޓީމަށް ނެގީ އޭނާއާ އެއް ލީގެއްގައި ކުޅެމުންދިޔަ އާސެނަލްގެ ގަބްރިއަލް ޖީސަސްއާއި، ޔުނައިޑެޓްގެ އެންތަނީއާއި ޓެޓެމްހަމްގެ ރިޗާލިސަންއެވެ. ނަމަވެސް މި ކުޅުންތެރިންނަށްވުރެ މި ސީޒަންގައި ފިރުމީނޯގެ ރިކޯޑް ރަނގަޅެވެ. މުބާރާތުގައި ބްރެޒިލްއަށް ދިމާވި މައިގަނޑު މައްސަލަޔަކީ ގޯލް ނުޖެހުމުގެ މައްސަލަތަކެވެ.

އުމުރުން 61 އަހަރުގެ ޓީޓޭ ބްރެޒިލްގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ބްރެޒިލް ވަނީ 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. ބްރެޒިލާއެކު ޓީޓޭ ހޭދަކުރި ހަ އަހަރު ތެރޭގައި އެ ޤައުމުން ވަނީ ޖުމުލަ 81 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޤައުމު ވަނީ 60 މެޗުން މޮޅުވެ ހަ މެޗުން ބަލިވެފައެވެ. އެއްވަރުވެފައިވަނީ 15 މެޗެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *