މިއީ އުރުގުއާއިގެ ކުރީގެ ރައީސްގެ އާދަޔާ ޚިލާފު ދިރިއުޅުއްވުމުގެ ވާހަކައެވެ. އެމަނިކުފާނުގެ ނަން އެކި ގޮތަށް ބޭނުންކުރެއެވެ. ބައެއް މީހުން ކިޔަނީ ޕެޕެ އެވެ. ސިޔާސީ މައިދާނުގައި ވިދަނީ މުހީކާއެވެ. ރައީސްކަމުގެ ހުވާކުރެއްވި ލިއުމުގައި އޮތީ ހުސައިން މުހީކާއެވެ. މިވަގުތަށް ނަމުގެ ވާހަކަ އެއްފަރާތްކޮށްފައި ބާއްވަމާ ހިނގާށެވެ. އެއަށްވުރެ މާމުހިއްމު އަދި އާދަޔާޚިލާފު ވާހަކަތައް އެބަހުއްޓެވެ.
މުހީކާގެ ދިރިއުޅުއްވަމުން ގެންދެވި އާދައިގެ ގޮތުން ބީބީސީން އޭނާ ސިފަކޮށްފައިވަނީ ދުނިޔޭގެ "އެންމެ ފަގީރު ރައީސް"ގެ ގޮތުގައެވެ. އޭނާގެ ރަސްމީ ވެރިކަމުގެ ގަނޑުވަރެއް ނުހުރެއެވެ. ދިރިއުޅުއްވީ ދުރުހިސާބުގައި އެކަހެރިކޮށް ހުންނަ އެއްކޮޓަރީގެ ކުޑަކުޑަ، މުސްކުޅި ފާމް ހައުސްއެއްގައެވެ. އޭގެ ފާއިތުވި 30 އަހަރު އޭނާ ދިރިއުޅުއްވިތަނެވެ. ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވުމުން ވެސް ރިޔާސީ ގަނޑުވަރަށް ދިރިއުޅުއްވުން ބަދަލެއް ނުކުރެއްވިއެވެ. ގޭގައި ބޮޑީ ގާޑުންނެއް، ނޯކަރުންނެއް ނުތިބެއެވެ. ގޭތެރޭގެ ހުރިހާ ކަމެއްވެސް ކުރައްވަނީ މަހީކާގެ ދެމަފިރިންނެވެ. ރައީސްކަމުގައި ދުއްވެވީ ވީޑަބްލިޔޫބީޓޫ މަރުކާގެ މުސްކުޅި ކާރެކެވެ. އަރިހުގައި މަސައްކަތްކުރެއްވި ސިޔާސީ ބޭފުޅުން އަގުބޮޑު ކާރުތަކުގެ ފްލީޓުތައް ގެންގުޅުއްވާއިރުވެސްމެއެވެ.
"އަހަރެން ވެރިކަމަށް ކުރިމަތިލީ ފަގީރުކަމާއި އަނިޔާވެރިކަމާއި އިޖުތިމާއީ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކޮށް ރައްޔިތުންނަށް އުފާވެރިކަން ހޯދައިދިނުމަށް. ފަގީރުންގެ މަތިން ހަނދާން ހުންނާނީ ފަގީރުން އުޅޭ ގޮތަށް އުޅެގެން. އިޖުތިމާއީ މައްސަލަތައް ހައްލުކުރެވޭނީ އެމައްސަލަތައް އަމިއްލައަށް ތަޖުރިބާކުރެވޭ ފަދަ ދިރިއުޅުމެއް އުޅެގެން. އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ޖަލުގައި ހޭދަކުރި 13 އަހަރު ނުހައްގުން ލިބުނު އަނިޔާތައް ފުދޭ،" މުސްކުޅި އެއްކޮޓަރީގެ ގެއެއްގައި ދިރިއުޅުއްވާ ސަބަބާ ބެހޭ ގޮތުން އަލްޖަޒީރާއިން ސުވާލުކުރުމުން ވިދާޅުވިއެވެ.
އޭނާގެ އަނބިކަނބަލުންނަކީ ގައުމުގެ ސެނެޓް މެންބަރެކެވެ. އެހެންކަމުން އޭރު ދެމަފިރިންގެ މުސާރައިގެ ގޮތުގައި އެކަށީގެންވާ އާމްދަނީއެއް ލިބިވަޑަގަނެއެވެ. އެހެންކަމުން މުހީކާ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން އޭނާގެ މުސާރައިގެ 90 އިންސައްތަ އެހީއަށް ބޭނުންވެފައިވާ މީހުންނަށް ބައްސެވިއެވެ.
"އަނބިމީހާއަށް ލިބޭ މުސާރައިން ދެމީހުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސާފަ ކޮންމެވެސް މިންވަރެއް ބޭންކަށް ވެސް ލެވޭ ފަހަށް ރައްކާކުރަން. އެހެންވެ އަހަރެންގެ މުސާރައިގެ ބޮޑުބައި ފަގީރުންނަށް ހަދިޔާކުރަނީ،" އޮސްޓްރޭލިއާގެ ޓީވީއަކުން ކުރި ސުވާލެއްގެ ޖަވާބުގައި ވިދާޅުވިއެވެ. "އަހަރެންނަށް ފުދޭ ވަރަށް ލިބޭތީ، ނުލިބޭ މީހުންނަށް ބޮޑުބައި މިދެނީ. މިގޮތް މާހިތްހަމަޖެހޭ،"
ނަވާރަސަތޭކަ ފަސް ދޮޅަހުގެ އަހަރުތަކުގައި މުހީކާގެ ދިރިއުޅުއްވުން ފާހަގަވެފައިވަނީ އިސްލާހީ ހަރަކާތުގައި ފަސްޖެހިވަޑައިނުގަންވާ ބޭފުޅެއްގެ ގޮތުގައެވެ. އޭރުވެސް އެހީއަށް ބޭނުންވާ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް އިސްކަން ދެއްވިއެވެ. ދަތިހާލުގައި އުޅުއްވަމުންނެވެ.
"އަހަރެންގެ ދިރިއުޅުމުގެ ސަފުހާތަކުގައި ހިތްދަތި ވާހަކަތައް ވަރަށް ގިނަ. އެހެންނަމަވެސް ހިތްވަރު ދޫނުކޮށް ކުރި މަސައްކަތުން މިއަދު މިހުރީ ގައުމުގެ އެންމެ އިސް މަގާމުގައި،" ރައީސްކަމުގައި ހުންނެވިއިރު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ދިރިއުޅުއްވުން ސިފަކުރައްވަމުން ވިދާޅުވިއެވެ. "ހަގީގަތުގައި ދިރިއުޅުމުގައި 100 ފަހަރުވެސް ވެއްޓިދާނެ. އެކަމަކު އަލުން ކޮޅަށް ތެދުވުމުގެ ހިނގައިގަތުމުގެ ހިތްވަރާއި އަޒުމް ހުންނަން ވާނެ. އޭރުން ކާމިޔާބު ލިބޭނީ."
މުހީކާ މާގިނައިން ވާހަކަ ދައްކަވާތީ، ޕޮލިޓިކަލް ސައިންސްގެ ދާއިރާގެ ބައެއް ތަޖުރިބާކާރުން ސިފަކުރައްވަނީ މުއާމަލާތްކުރެއްވުމަށް އަރާހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. އެހެންނަމަވެސް އިދާރީ ހިންގުވުމުގައި އެހާ ފުރިހަމަ ނޫންކަން އެބޭފުޅުން ފާހަގަކުރައްވައެވެ. އެއްބޭފުޅަކު ވިދާޅުވިއެވެ؛ "އޭނައަކީ ތެދުވެރި ސިޔާސީ ލީޑަރެއް. ވަރަށް ގިނަ ގޮތްގޮތުން ނަމޫނާއެއް. އޮފީސް ހިންގެވުމުގައި ކޮށި ގޮތެއް ހުރި ނަމަވެސް ވާހަކަތަކުން ރައްޔިތުންނަށް ހިތްވަރު ދެއްވި ލީޑަރެއް."
ގުއަންޓަނާމޯބޭ ޖަލުގައި އެމެރިކާއިން ގައިދުކޮށްފައި ތިބި މުސްލިމުންގެ ތެރޭގައި ހިމެނޭ ސީރިއާގެ ދެމީހުންނާއި ފަލަސްތީނުގެ މީހަކާއި ޓިއުނީޝިއާގެ ދެމީހުން އުރުގުއާއި އަށް ގެންދެވުމަށް، އެމެރިކާގެ އޭރުގެ ރައީސް ބަރަކު އޮބާމާއާއެކު އެއްބަސްވުމަކަށް ވަޑައިގެންނެވިއެވެ. މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން ގަބޫލުކުރަން ދެކޮޅު ހަދާފައި އޮތް ކަމެކެވެ. އުރުގުއާއިގެ އިދިކޮޅު ސިޔާސީ ލީޑަރުވެސް އޭރު އެކަން ސިފަކުރެއްވީ ގައުމަށް ކުރިމަތިވާ ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ.
މިކަމާ ބެހޭ ގޮތުން މީޑިޔާއިން ސުވާލުކުރުމުން ވިދާޅުވިއެވެ؛
"އަހަރެންނަކީ އަބަދުވެސް ހައްގުގެ ވާހަކަދައްކާ، ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ މީހެއް. ގުއަންޓަނާމޯބޭ ޖަލުގައި ތިބި މީހުންނަކީ ކިޑްނެޕްކޮށްފަ ތިބި ބައެއް. ޝަރީއަތެއް ނުހިންގާ. ތަހުގީގެއް ނުހިންގާ. ހުރިހާ ހައްގުތަކަކުން މަހުރޫމުކޮށް އަނިޔާއިންތިހާއަށް ލިބެމުންދިޔަ ބައެއް. އެހެންވީމަ އެމީހުން ގެނެސް، އެހީވުމަކީ އިންސާނިއްޔަތަށްޓަކައި ކުރަން ޖެހޭ ކަމެއް. އެހެންވެ އޮބާމާގެ އެ ހުށައެޅުން ގަބޫލުކުރީ. މިއީ އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނޫން. ފަހުންވެސް ނުރައްކާވާނެ ކަމެއް ނޫން."