Ad

ފުޓްބޯޅައިގައި ފްރާންސްގެ ރަސްކަން އިޢާދަވަނީ! މުޅި ޓީމު ބިނާކުރަން ނެގީ ކުރު މުއްދަތެއް!

ދުނިޔޭގެ ބޮޑެތި ކްލަބުތަކުގައި މިހާރު އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިންނަކީ ފްރާންސްގެ ކުޅުންތެރިން

ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގައި ގަދަބާރެކެވެ. ފުޓުބޯޅައިގާ އެތަކެއް ލެޖެންޑުންނެއް ނިސްބަތްވާ ޤައުމެވެ. ރޭމަންޑ ކޯޕާ، މިޝެއިލް ޕްލެޓިނީ، ޒައިނުއްދީން ޒިދާން އަދި ތިއެރީ އޮންރީ އަދި ފްރޭންކް ރިބެރީ ފަދަ އެތަކެއް ކުޅުންތެރިންގެ ޤައުމެވެ. މިއަދުގެ ފުޓުބޯޅައިގެ ޙާލަތަށް ބަލާއިރު ފްރާންސަކީ ދުނިޔޭގެ ފުޓުބޯޅައިގެ ރަސްގެފާނެވެ. ފްރާންސްގެ ރަންޖީލުގެ ނިމުމާއެކު އެޤައުމުގެ ފުޓުބޯޅަ ވަޅު ޖެހުނަސް އޭރުވެސް މޮޅެތި އެތަކެއް ކުޅުންތެރިންނަށް ފްރާންސް ޓީމުގައި ތިއްބެވެ.

2006 ވަނަ އަހަރުގެ ވޯލްޑްކަޕަށްފަހު ޒިދާނު ބައިނަލް އަޤްވާމީ ފުޓުބޯޅައިން ރިޓަޔަރ ކުރި ހިސާބުން ފްރާންސްގެ ފުޓުބޯޅަ ވަޅުޖެހުނެވެ. ޓީމު ބިނާކުރާނެ ގޮތެއް ލީޑަރެއް ރަނގަޅު ކޯޗެއް ނެތީއެވެ. ޒިދާނަށްފަހު ފްރާންސް ލީޑުކުރަންހުރީ ރިބެރީއެވެ. އެހެން ނަމަވެސް، އެކަން ކޮށްދޭނެ ކޯޗެއް އޭރަކު ނެތެވެ. ފްރާންސްގެ އޭރުގެ ކުޅުންތެރިންގެ ތެރޭގައި މައްސަލަ ބޮޑެވެ. ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނާއި މައްސަލަޖެހި 2008ގެ ޔޫރޯ އަދި 2010 ގެ ވޯލްޑްކަޕް ހުސްއަތާ ނިންމާލީއެވެ. 2012 ވަނަ އަހަރުގެ ޔޫރޯގެ ނާކާމިޔާބަށްފަހު ޓީމު ހަވާލުކުރީ މިހާރުގެ ކޯޗު ޑިޑިއަރ ޑެޝޯމްޕްސް އާއެވެ. ޑިޝޭމްޕްސް އަކީ ފްރާންސްގެ ފުޓުބޯޅައިގެ ގޯލްޑަން ބޯއީއެވެ. ފްރާންސްގެ ކްލެއަރފޮންޓެއިންގެ ތަމްރީނު ލިބޭ އެތަށް ހާސް ކުޅުންތެރިންނެއް ތިއްބެވެ.

ޑެޝޯމްޕްސް ކޯޗުކަމާއި ހަވާލުވެ ޓީމަށް ބަދަލުތަކެއް ގެނައެވެ. ޓީމު ބިނާކުރީ ޒުވާން ކުޅުންތެރިންގެ މައްޗަށެވެ. ތަޖުރިބާކާރު ސާމިރު ނަސްރީ، ހާތިމް ބިން އާފާ، ޖެރެމީ މެނޭޒް، މެކްސެސް އަދި ގޯކޫފް ފަދަ ކުޅުންތެރިން ބާކީކޮށް ޒުވާން ޕައުލް ޕޮގްބާ އަދި އެންޓޮއިން ގްރީޒްމަން އަށް އިތުބާރުކޮށް އެދެމީހުންގެ މައްޗަށް މުޅި ޓީމު ބިނާކުރިއެވެ. ނަތީޖާއެއްގެ ގޮތުން މިއަދާއި ހައަމަށްވެސް މުޅި ފްރާންސް ޓީމުގެ މުގުލަކީ ޕޮގްބާ އަދި ގްރީޒްމަންއެވެ.

2012 ވަނަ އަހަރު ފްރާންސްގެ ކޯޗު ކަމާއި ޑެޝޯމްޕްސް ހަވާލުވުމަށްފަހު، މިވީ 10 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި މިއީ ފްރާންސް ވާދަކުރާނެ 4 ވަނަ ބައިނަލް އަޤްވާމީ ފައިނަލެވެ. 3 ވޯލްޑްކަޕް ތެރެއިން 2 ވޯލްޑްކަޕްގައި ފައިނަލްގައި ވާދަކުރުމުގެ ރެކޯޑެވެ. 2016 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ޔޫރޯގައި ފައިނަލާއި، 2021 ވަނަ އަހަރު ނޭޝަންސް ލީގު ފައިނަލުގައި ވާދަކުރިއެވެ. ފްރާންސަކީ ބައިނަލް އަޤްވާމީ ފުޓުބޯޅައިގެ ސީނިއަރ ފެންވަރުގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދި ފުރަތަމަ ޤައުމީ ޓީމެވެ. އެކަން އޮތީ ފުޓުބޯޅައިގެ ރަސްގެފާނު ޒައިނުއްދީން ޒިދާނުގެ ދުވަސްވަރު ހޯދައިދީފައެވެ. 1998 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންގެ ގޮތުގައި އޮވެ 2000 ވަނަ އަހަރުގެ ޔޫރޯ އާއި 2001 އަދި 2003 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ޗެމްޕިއަންކަން ފްރާންސުން ހޯދާފައިވަނީ ދުނިޔޭގެ ފުޓުބޯޅައިގެ ބޮޑެތި ޓީމުތަކަށް ގޮން ޖަހާފައެވެ.

ފްރާންސްގެ ފެޑެރޭޝަނުން އެޤައުމުގެ ފުޓުބޯޅައިގެ ޔޫތު ޕްރޮގްރާމްތަކަށާއި ލީގަށް ބޮޑެތި އިންވެސްޓްމެންޓްތައް އެބަކުރެއެވެ. ވަކިވަކިން ނަން ހާމަނުކުރިއަސް ފުދޭނެއެވެ. ދުނިޔޭގެ ބޮޑެތި ކްލަބުތަކުގައި މިހާރު އެންމެ ޑިމާންޑް ބޮޑު ކުޅުންތެރިންނަކީ ފްރާންސްގެ ކުޅުންތެރިންނެވެ. ފްރާންސްގެ ފުޓުބޯޅަ ލީގަކީ ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން އެންމެ ހޯދަން ބޭނުންވާ ކުޅުންތެރިން ކުޅޭ ލީގެވެ. މީގެ ކުރީގައިވެސް ނަން މަޝްހޫރު އެތަކެއް ލެޖެންޑުންގެ ލީގަކީ ފްރާންސް ލީގެވެ. ޑްރޮގްބާ، ޖުނީނިއޯ، ރޮނާލްޑީނިއޯ، އިބްރަހިމޮވިޗް، ހަޒާޑް، ޖޯޖު ވިއާ، މައިކަލް އެސިއެން ފަދަ ކުޅުންތެރިން އުފެއްދި ލީގެވެ. ބެލޮންޑޯގެ ދިގު ތާރީޚަށް ބަލާއިރުވެސް އެންމެ ގިނަ ބެލޮންޑޯ ހޯދި ކުޅުންތެރިން ނިސްބަތްވާ ލީގަކީ ފްރާންސް ލީގެވެ.

މިފަހަރުގެ ވޯލްޑްކަޕަށް ފްރާންސް ނިކުތީ ވަރުގަދަ ސްކޮޑަކާއެކު ނަމަވެސް އަނިޔާގެ މައްސަލަތަކާހުރެ ފްރާންސްގެ މުހިންމު އެތަށް ކުޅުންތެރިއަކަށް މުބާރާތުގެ ސްކޮޑުން ޖާގަ ނުލިބުނެވެ. ފްރާންސްގެ ފުލް 11 ގައި ކުޅޭ 5 ކުޅުންތެރިއަކު ނެތި ވޯލްޑްކަޕްގެ ފައިނަލަށް ޖެހިޖެހިގެން 2 ވަނަ ފަހަރަށް ދިފާޢީ ޗެމްޕިއަންގެ ގޮތުގައި ދަތުރުކުރުމަކީ އާދައިގެ ޓީމަކަށް ކުރެވޭނެކަމެއް ނޫނެވެ. މުބާރާތް ފެށިގެންވެސް ފްރާންސުން ދައްކުވައިދިނީ ރީތި ފުޓުބޯޅައެކެވެ. ފަހަތާއި، މެދުތެރެއާއި އެންމެ ކުރީގައި ފްރާންސްގެ ކުޅުންތެރިންގެ ހުނަރުވެރިކަން ފާހަގަވެއެވެ. އެމްބާޕޭ، ޖިރޫޑް، ގްރިޒްމަން އަދި ޑެމްބެލޭގެ ނުރައްކާ ނުޖެހޭ ޓީމެއްނެތެވެ. އަނެއްކޮޅުން އެމްބާޕޭ ހުރި ފޯމަށް ބަލާއިރު، ދުނިޔޭގައި އޭނާއަށް ފޫއަޅުވާނުލެވޭނެ ގޯލެއް މިވަގުތު ނުހުންނާނެއެވެ.


ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗަށް މޮރޮކޯ ނިކުތީ ސްޕޭނާއި ޕޯޗުގަލް ބަލިކޮށް އިތުބާރު ހޯދައިގެންނެވެ. މޮރޮކޯ އަކީ 5 ޑިފެންޑަރުން ލައިގެން ކުޅޭ ޓީމަކަށް ވުމުން އިދިކޮޅު އެއްވެސް ކުޅުންތެރިއަކަށް މޮރޮކޯގެ ގޯލް ފޫއަޅުވާލެވިފައިނުވެއެވެ. އެހެން ނަމަވެސް، ފްރާންސާއެކު މޮރޮކޯ ހިފަހައްޓާލެވުނީ އެންމެ 5 މިނެޓެވެ. މެޗު ފެށިގެން މަޑުނުވެ ފްރާންސްގެ ހަމަލާތަކުގެ ނުރައްކާތެރިކަން މޮރޮކޯ އަށް ކުރިމަތިވެ، 5 ވަނަ މިނެޓުގައި ފްރާންސްގެ ތިއޯ ހެނާންޑޭޒްވަނީ މޮރޮކޯގެ ގޯލަށް ބޯޅަ ވައްދާލާފައެވެ. މިއާއެކު މޮރޮކޯގެ ފޯމޭޝަނަށް ބަދަލުތަކެއް ގެނެސް ފްރާންސް ގޯލަށްވެސް ހަމަލާތަކެއް ދެމުން ދިޔައެވެ. އެހެން ނަމަވެސް، ސްކޯ ކުރެވޭ ގޮތެއް ނުވީއެވެ. މެޗުގެ ދެވަނަ ގޯލަކީ ފްރާންސްގެ އެމްބާޕޭގެ ހުނަރުވެރިކަން ފެނުނު ގޯލެކެވެ. މޮރޮކޯގެ ބިޔަ ޑިފެންޑަރުން ކައިރީގައި ހަދާނެ އެއްޗެއް ހެދުމަށްފަހު، ހުސްކޮށްފައި ބަދަލުކުޅުންތެރިޔާ ކޮލޮ މުއަނީ އަށް ޖައްސާލުމުން ބެލުމެއްނެތި މޮރޮކޯގެ ގޯލަށް ބޯޅަ ވައްދާލީއެވެ. ދުނިޔޭގެ ޗެމްޕިއަނުންގެ ފެންވަރު ސާބިތުކޮށްދީ، ފްރާންސުން އެމީހުންގެ ސްޓައިލްގައި ފައިނަލަށް ދަތުރުކުރީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *