Ad

މެސީ އަދި އާޖެންޓީނާގެ ފަރާތުން ފެނުނީ ފުޓުބޯޅައިގެ ރޫހާއި މުޅިން ޚިލާފު ހުތުރު ޢަމަލުތަކެއް! މައްސަލަ ފީފާއިން ބަލަނީ

ގަތަރުގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލްގައި އާޖެންޓީނާ އާއި ނެދަލޭންޑްސް ބައްދަލުކުރި މެޗަކީ މިހާތަނަށް އެންމެ ފޯރިގަދަ މެޗުކަމުގައި ބެލުންތެރިން ފާހަގަކުރި އެއް މެޗެވެ. އެމެޗު ފޯރިގަދަވުމުގެ އިތުރުން މެޗު ފެށުމުގެ ކުރީން ދަނޑު ބޭރުން ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ބަދަލުކުރެވުނު ބަހުގެ ހޫނު ޙަމަލާތަކުގެ ސަބަބުން މެޗު ފެށުނުއިރުވެސް ދެޓީމުގެ ކުޅުންތެރިން ތިބީ ހޫނުވެފައެވެ. މިމެޗްގައި 17 ކާޑު ފެނިގެންދިޔައިރު މިއީ ވޯލްޑްކަޕްގެ ތާރީހުގައި އެންމެ ގިނަ ކާޑު ފެނިގެންދިޔަ މެޗެވެ.

މެޗު ފެށިގެން އާޖެންޓީނާއިން ދެގޯލް ޖަހާފައިވަނިކޮށް ފަހަތުން އަރައި ނެދަލޭންޑްސް އިން 2 ގޯލް ޖަހައި އެއްވަރުކޮށް، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މުޅި މެޗަށް ބަލާއިރު އާޖެންޓީނާ ފެނުނީ ވަރުގަދަކޮށެވެ. އެހެން ނަމަވެސް، އެޓީމުގެ ކުޅުންތެރިންގެ ކިބައިން ޚާއްޞަކޮށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ކިބައިން ފެނުނީ ފުޓުބޯޅައިގެ ރޫޙާއި މުޅިން ޚިލާފު ޢަމަލުތަކެކެވެ. ޚާއްޞަކޮށް، ނެދަލޭންޑްސްގެ ކޯޗު ވެންގާލް މެޗުގެ ކުރިން ބޭއްވި ޕްރެސްގައި މެސީ އާއި އާޖެންޓީނާ އަށް މުޚާޠަބުކޮށް ވާހަކަ ދެއްކުމުން، އެކަމުގެ ރުޅިގަނޑު މެސީވަނީ އާޖެންޓީނާ ގޯލު ޖެހުމަށްފަހު ނެދަލޭންޑްސްގެ ބެންޗުގެ ކުރިމަތީގައި ހުރެ ދެކަންފަތުގައި ދެއަތް ވިއްދާލައިގެންހުރެ ޙަރަކާތުން ދައްކައިދީފައެވެ. އެމަންޒަރަކީ މެސީ ފަދަ ކުޅުންތެރިއެއްގެ ފަރާތުން ފެންނިގެންވާނެ މަންޒަރެއް ނޫން ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކާއި ކުރީގެ ކުޅުންތެރިން ދަނީ ބުނަމުންނެވެ.

މެސީގެ އަމަލުތަކުގެ ސަބަބުން ރެފްރީ މެސީއަށް ކާޑު ދައްކަނީ. މި މެޗްގައި 17 ކާޑު ފެނިގެންދިޔަ

ޙަޤީޤަތުގައި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރުތަކުގެ މެދުގައި ވާދަވެރިކަން އޮތަކަސް އުމުރުން ދުވަސްވީ ކޯޗަކާއި ދިމާލަށް ބަލާލަން ފަސޭހަނޫން ވައްތަރުތަކެއް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމުގައި އެންމެން ދެކެމުން އަންނަ މެސީ ފަދަ ކުޅުންތެރިއަކު ޖެއްސުން ބަލައެއް ނުގަނެވެއެވެ. އެހިސާބުން ނިމުނީކީ ނޫނެވެ. މެޗަށް ފަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދޭން މެސީ ހުރެފައި، ނެދަލޭންޑްސްގެ ނޫސްވެރިޔަކު ވީޑިއޯ ކުރާތީ، އެކަމާ އެރި ރުޅީގައިވެސް މެސީ ވަނީ ލައިވް ކެމެރާ ކުރިމަތީގައި "ކެމެރާ ނަގައިގެން ކޮން އެއްޗެއްހޭ ބަލަނީ، ކެމެރާ ތިކުރަނީ" މިގޮތަށް ނޫސްވެރިޔާއަށްވެސް މުޚާޠަބުކޮށްފައެވެ.

އަދި ނެދަލޭންޑްސް ނަތަން އަކޭ އަށް ކުރި ފައުލަކަށް ރެފްރީ ކުޅުން ހުއްޓާލާފައި އޮއްވައި، އާޖެންޓީނާގެ ޕަރެޑެސްވަނީ ނެދަލޭންޑްސް ކޯޗުގެ ގޮނޑިއާއި ދިމާލަށް ބޯޅަ ބާރަށް ޖަހާފައެވެ. އެއާއެކު ނެދަލޭންޑްސްގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި ދަނޑުމަތީގައި ތިބި ކުޅުންތެރިންވެސް ކެކި އަރައިގަނެ ބޮޑު ކޯޅުމެއްވެސް ހިނގިއެވެ.

މެޗް ތެރެއިން ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން

އެމެޗަށްފަހު އާޖެންޓީނާގެ ޝަކުވާ ރެފްރީގެ މައްޗަށް ފީފާއަށްވަނީ ހުށަހަޅާފައެވެ. ފީފާއިންވަނީ އެރެފްރީއަށްވެސް ފިޔަވަޅު އަޅާފައެވެ.

ލިއޮނެލް މެސީއަކީ އިދިކޮޅު ޓީމުތަކުން އެންމެ ޓާގެޓް ކުރާނެ ކުޅުންތެރިޔާކަން ޚުދު މެސީވެސް ދަންނާނެއެވެ. ޚާއްޞަކޮށް، ކުރިން ބާސެލޯނާ ރެއާލް މެޑްރިޑް ކުޅޭ ފޯރިގަދަ އަލްކްލެސިކޯ މެޗުތަކާއި އެތުލެޓިކޯ މެޑްރިޑް މެޗުތަކުގައިވެސް ހަމަނުޖެހުން ހިންގައެވެ. މެޗު ފެށުމުގެ ކުރީން ދެޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ބަހުގެ ހޫނު ހަމަލާތަށްވެސް ބަދަލުކުރެއެވެ. އެހެން ނަމަވެސް، އެއްވެސް މެޗެއްގައި މެސީގެ ފަރާތުން އެފަދަ ފެއަރޕްލޭ ރޫޙާއި ޚިލާފު ޢަމަލެއް ނުފެނެއެވެ. އެފަދަ ބަހެއްވެސް ނުވަތަ ރައްދެއްވެސް މެސީ ދީފަނުވެއެވެ.

މެޗުގެ ވާރމްއަޕް ގަޑީގައި ނެދަލޭންޑްސް ސްޓްރައިކަރ ވައުލް ވެގޯރސްޓް މެސީގެ ޖާޒީ ލިބޭނެތޯ އެހުމުން، މެސީގެ ޖަވާބަކަށް އައީ "ތިއީ މޮޔައެއް" ކަމުގައި ބުނެފައެވެ. އެމައްސަލަތައް ނެދަލޭންޑްސް އިން ވަނީ ފީފާއަށް ހުށަހަޅާފައެވެ. އާޖެންޓީނާގެ ކުރީގެ ކުޅުންތެރިޔާ އަގުއެރޯވަނީ ނެދަލޭންޑްސް ކުޅުންތެރިޔާއާއި ދިމާލަށް ހުތުރު ބަހުން އެއްޗެހި ކިޔާފައެވެ. އެމަންޒަރު ފެންނަ ވީޑިއޯވެސް ވަނީ ޢާންމުވެފައެވެ.

މެޗްގެ ތެރެއިން ނެދަލެންޑްސްގެ ކެޕްޓަން ވެންޑައިކް މެސީއަށް ހިޔާޔަތްދެނީ

ފީފާއިންވަނީ މައްސަލަ ބަލައި، މެޗުގެ ރެފްރީ އާމެދު ފިޔަވަޅު އަޅައި ރެފްރީ ރަށަށް ފޮނުވާލާފައެވެ. އެހެން ނަމަވެސް، މެސީ އާއި އާޖެންޓީނާއަށް ފިޔަވަޅެއް އެޅިކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އެމެޗްގައި އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އަމަލުތައް ބަލަމުންދާކަމަށް ފީފާއިން ވަނީ ބުނެފައެވެ. އާދީއްތަ ދުވަހުގެ މެޗުގެ ކުރީން ފީފާއިން މައްސަލަ ބަލައި ކޮންމެވެސް ފިޔަވަޅެއް އަޅާނެކަމުގައި ބެލެވެއެވެ.

ވޯލްޑްކަޕްގައި ވާދަކުރާ އުމުރުން ދޮށީގެ ކުޅުންތެރިންގެ އުމުރާއި ކުޅުންތެރިޔާގެ ހުނަރުވެރިކަމާއި ގުޅުވައި އިދިކޮޅު ޓީމުތަކުން ފާޑުކިޔުމަކީ ޢާންމުކަމެކެވެ. 2006 ވަނަ އަހަރު ސްޕެއިން އިން ފްރާންސްގެ ކެޕްޓަން ޒައިނުއްދީން ޒިދާނު އުމުރުން ދޮށީ މުސްކުޅި ކުޅުންތެރިއެއްކަމުގައި ބުނެ، ޕްރެސްގައި ފާޑުކިޔާފައިވާއިރު، އެކަމަށް ފްރާންސް އިން އަދި ޒިދާނުވެސް ރައްދުދީފައިނުވެއެވެ. އެހެން ނަމަވެސް، ފްރާންސާއި ޒިދާނު ރައްދުދިނީ ސްޕެއިން 1-3 ގެ ނަތީޖާއިން ބަލިކޮށްފައެވެ. ޒިދާނުގެ ޖަވާބުދިނީ "އެމީހުންގެ އަހަރެންގެ އުމުރުއި ގުޅުވައި ވާހަކަ ދެއްކީ. މިރޭ އަހަރެން އެމީހުންނަށް މިއަންގައިދިނީ އުމުރުން ދޮއްޓަކަސް މިފެންވަރުގައި ފުޓުބޯޅަ ކުޅެވޭނެކަން" މިހެންނެވެ.

ކޮންމެއަކަސް، މެސީގެ ފަހުގެ ވޯލްޑްކަޕްގައި ދެން އޮތީ ފަހު ފައިނަލް މެޗެވެ. ބައްދަލުކުރަންޖެހޭނީ އެންމެފަހުގެ ޗެމްޕިއަން ފްރާންސް އާއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *