Ad

މާޓިނޭޒްގެ ކުޅިވަރުގެ ރޫހާ ހިލާފު ހުތުރު އަމަލުތަކުގެ ސަބަބުން އެތައްބައެއްގެ ފާޑުކިޔުން މެސީއާއި އާޖެންޓީނާއަށް!

ދުނިޔޭގެ ތައްޓަށް ކުޅުނު ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި އާޖެންޓީނާ އަދި ފްރާންސް ބައްދަލުކުރި ފޯރިގަދަ ފައިނަލް މެޗުގައި ފުރިހަމަ ވަގުތު 3-3 ގެ ނަތީޖާއިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 2-4 ގެ ނަތީޖާއިން އާޖެންޓީނާ ކުރި ހޯދައި ދުނިޔޭގެ ޗެމްޕިއަންކަން ހޯދި މެޗުގެ، އުފާފާޅުކުރުމުގެ ތެރޭގައި އާޖެންޓީނާގެ ފަރާތުން ފެނުނީ ހުތުރު ޢަމަލުތަކެކެވެ.

އާޖެންޓީނާގެ ގޯލް ކީޕަރ މާޓިނޭޒްވަނީ ފްރާންސްގެ ފޯވާޑް އެމްބާޕޭއަށް ޖޯކުޖަހައި ނެޕީ ޖަހާފައިވާކަމަށް ފެންނަން އޮންނަ ބޭބީ ބުދެއްގައި އެމްބާޕޭގެ މޫނު ޖަހައިގެން އުފާފާޅުކޮށްފައެވެ. މިއީ ބައިނަލް އަޤްވާމީ ފުޓުބޯޅައި ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ކިބައިން ފެނިގެންނުވާ ފަދަ ޢަމަލެއްކަގައި ބުނެ ދުނިޔޭގެ އެތަކެއް މީޑިއާތަކުންނާއި ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކުން ފާޑުކިޔަމުންވެސް އެބަދެއެވެ. ހިތާމަކުރަންޖެހޭ އަނެއްކަމަކީ، މާޓިނޭޒް އެމްބާޕޭއަށް ޖޯކު ޖެހިއިރު، އެމްބާޕޭ އާއެކު ޕީއެސްޖީ އަށް ކުޅޭ ލިއޮނެލް މެސީ މާޓިނޭޒްގެ ގާތުގައި ހެވި ދިއްލިފައި ހުރުމުންނެވެ. ޙަޤީޤަތުގައި މެސީ އެކަން ހުއްޓުވަން އުޅުނުނަމަ، މާޓިނޭޒް އަށް އެފަދަ ކަމެއް ކުރާކަށް ނުކެރޭނެއެވެ.

ވޯލްޑްކަޕް ފައިނަލް ފެށުމުގެ ކުރިންވެސް މާޓިނޭޒްގެ ފަރާތުން އެމްބާޕޭއަށް ނިސްބަތްކޮށް ބަހުގެ ހަމަލާތަކެއްވަނީ ދީފައެވެ. އެގޮތުން، އެމްބާޕޭއަށް ފުޓުބޯޅަ ކުޅެން ނޭނގޭކަމުގައި ބުނެ، ފާޑުކިޔާފައިވެއެވެ. އެހެން ނަމަވެސް، އެމްބާޕޭ ވަނީ ފައިނަލްގައި މާޓިނޭޒް ބަލަހައްޓަމުންދިޔަ ގޯލަށް ބޯޅަ ވައްދާލައި ފަސޭހަ ހެޓްރިކެއްވެސް ހަދާފައެވެ. މާޓިނޭޒަކީ ޕެނެލްޓީ ހިފެހެއްޓުމުގައި މޮޅު ކީޕަރެއްނަމަވެސް، އެމްބާޕޭ މެޗު ތެރެއިން ޖެހި 2 ޕެނެލްޓީ އަދި ޕެނެލްޓީ ޝޫޓް އައުޓްގައި ޖެހި ޕެނެލްޓީވެސް ވަނީ މާޓިނޭޒްގެ ގޯލަށް ވައްދާލާފައެވެ. މާޓިނޭޒަށް އެމްބާޕޭ ދިން ރައްދު ކިތަންމެހާވެސް ފުރިހަމައެވެ.

މެސީއަކީ އަޚްލާޤު ރަނގަޅު ދަނޑުމަތީގައި ލީޑަރެއްގެ ގޮތުގައި ބެލެވުނަސް، މާޓިނޭޒްގެ ފަރާތުން ފެނުނު ޢަމަލު ހުއްޓުވަން މެސީ އެއްވެސް މަސައްކަތެއް ކޮށްފައިވާކަން އެނގެން ނެތުމުން، މެސީ އަށް ފްރާންސްގެ ޕެރިހުގައިވެސް އެމްބާޕޭގެ ސަޕޯޓަރުން ދިމާކުރާނެކަން މިހާރު ބެލެވެއެވެ. ހަމައެއާއެކު، މެސީ އަދި އެމްބާޕޭގެ ގުޅުންވެސް ޕީއެސްޖީގައި ހީނަރުވާނެކަމުގައި ބެލެވެއެވެ.

ފައިނަލް މެޗުގައި އެންމެ މޮޅު ގޯލްކީޕަރ ކަމުގެ މަޤާމު ގޯލްޑަން ގްލޯވްވެސް ފީފާއިން މާޓިނޭޒަށް ދިނެވެ. އެހެން ނަމަވެސް، އެވޯޑާއެކު މާޓިނޭޒުވަނީ ވަރަށް ހުތުރު އަދަބާ ޚިލާފު ވައްތަރުތަކެއް ޖައްސާފައެވެ. ހިތާމަކުރާކަމަކީ، ފީފާގެ ރައީސާއި ވެރިންނާއި ގަތަރުގެ އަމީރުންނާއި އިސްވެރިންނާއި ދެޤައުމުގެ ރައީސުންގެ ކުރިމަތީގައި ފުޓުބޯޅަ ކުޅުންތެރިއަކު އެފަދަ ހުތުރު ވައްތަރުތަކެއް ޖައްސާއިރު، އެކަމަކީ ފީފާއިން ބަލައި ފިޔަވަޅު އަޅަންޖެހޭނެ ކަމެކެވެ. ނުވަތަ، އެޤައުމުގެ ފެޑެރޭޝަނުން އެކުޅުންތެރިއެއްގެ ޢަމަލު ކުއްވެރިކޮށް ނަމަވެސް، ފިޔަވަޅު އަޅަންޖެހޭނެއެވެ.

މާޓިނޭޒްގެ ޢަމަލުތަކަށް ފާޑުކިޔާފައިވާ ފަރާތަކުން ބުނެފައިވާ ގޮތުން، ފުޓުބޯޅަ ބިނާވަނީ އިޙްތިރާމްކުރުމުގެ މައްޗަށްކަމާއި، މާޓިނޭޒްގެ ފަރާތުން ދަނޑުމަތީގައި އާއި ސެލެބްރޭޝަންގައި އެފެނުނު އަމަލުތަކަކީ ޤަބޫލުކުރެވޭނެ ޢަމަލެއްނޫންކަމަށެވެ. މެސީފަދަ ކުޅުންތެރިއަކު އެކަންތަށް ނުހުއްޓުވައި ގާތުގައި ހުރުމަކީވެސް ދެރަކަމެއްކަމުގައި ބުނެފައިވެއެވެ. 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *