Ad

ރައީސް ޔާމީނަށް ރިޝްވަތުދިންކަން ސާބިތުވެ ޔޫސުފް ނައީމް 3 އަހަރަށް ޖަލަށް

ވ. އާރަށް ކުއްޔަށް ހޯދުމުގައި ރައީސް ޔާމީނަށް ރިޝްވަތު ދިންކަން ސާބިތުވެ ޔޫސުން ނައީމް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ރިޝްވަތު ދިނުމުގެ ކުށަށް ޔޫސުފް ނައީމްގެ މައްޗަށް އިއްވީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ކުށް ސާބިތުވި ކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ރިޔާއަތް ކުރި ބައެއް ކަންކަން: 

  • އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރަން ޔާމީން މަސައްކަތް ކުރި ކަމަށާއި ޔޫސުފް ނައީމަށް އެ ރަށް ދޭން އުޅުނު ކަން އެނގެން އޮތުމުން
  • ރިޝްވަތުގެ ފައިސާ ހޯދުމަށް ޔާމީން އެކި ފަހަރު މަސައްކަތް ކޮށްފައިވާ ކަމާއި، އެދިވަޑައިގަތް އަދަދަށް އެމަނިކުފާނުގެ އެކައުނޓަށް ފައިސާ ޖަމާވިކަން ހެކިތަކުން ސާބިތުވުމުން
  • މަނީ ލޯންޑްރިންގެ ދައުވާގެ ދެ ރުކުން ކަމުގައިވާ ކުށް ކޮށްގެން ހޯދައިގެންވާ ފައިސާއެއް ކަމާއި، ކުށްކޮށްގެން ހޯދި ފައިސާއެއް ކަން އެނގިހުރެ ބޭނުން ކުރި ކަން ދައުލަތަށް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައި ވުމުން.

މައްސަލަ ސާބިތުވާކަން ކަނޑައަޅެމުން ޔޫސުފް ނައީމްގެ ދިފާޢީ ވަކީލު ވަނީ އަދަބު ލުއިކޮށް ޖޫރިމަރާ އަކަށް ބަދަލުކުރުމަށް އެދިފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ، މިމައްސަލައިގެ ބާވަތުން އަދަބު ލުއިކުރެވެން ނެތް ކަމަށެވެ.

އަދަބު ލުއިކުރުމަށް ނައީމްގެ ހުށަހެޅުންތައް 

  • 14 ވަނަ މާއްދާގެ ދަށުން ޔޫސުފް ނައީމް ކުށުގެ ރިކޯޑެއް މި މައްސަލައިގެ ކުރިން ނެތް ކަމަށް ބުނެ،
  • 15 ވަަނަ މާއްދާގެ ދަށުން އޭނާއަކީ 2004 ވަނަ އަހަރު، މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން އަދާކޮށްފައިވާ ބޭފުޅަކަށް ވެފައި، 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ރައްޔިތުން މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައި ވުމުން އޭނާއަކީ ގަދަރުވެރި ޝަހްސިއްޔަތަކަށް ވާކަމަށް ބުނެ، އަދި ޓޫރިޒަމް ސިނާޔަތުގައި 1993 ވަނަ އަހަރުން ފެށިގެން އަމިއްލަ ވިޔަފާރީކޮށް އާންމުދަނީ ހޯދަމުން ދާކަމަށް ބުނެ،
  • 21 ވަނަ މާއްދާގެ ދަށުން އޭނާއަކީ ހިތަށް ހޮޅިކޮޅެއް ލެއްވުމަށް ސާޖަރީއެއް ކޮށްފައިވާ މީހަކަށް ވެފައި، ހާސްކަމާއި ދުރުގައި އުޅުމަށް ޑޮކްޓަރު އިރުޝާދު ދީފައި ވާތީ ހާއްސަ އަޅާލުމަށް ބޭނުންވާ މީހެއް ކަމަށް ބުނެ،

ދައުލަތުގެ ވަކީލް ވިދާޅުވީ ޖަލު ބަންދުން، ގޭ ބަންދަށް ބަދަލުކޮށްދެނީ ކުދި ކުށްތަކުގައި ކަމަށެވެ. އަދި ޔޫސުފް ނައީމްއަކީ ރައްޔިތުން މަޖިލީހުގެ މެމްބަރުކަމާއި ހާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، އޭނާގެ މައްޗަށް ސާބިތުވި ކުށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެ ފަދަ ކުށްތަކާއި ދުރުވުމަށް ހާއްސާ ސަމާލުކަމެއް ދޭން ޖެހޭނެ މީހެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އެކަމަށް އިޝާރާތްކޮށް، ދައުލަތުން ދެކުނީ، އޭނާ ކުށް ކުރީ ކުށުގެ ދަރަޖަ އެނގި ހުރެ ކަމަށެވެ. އެެހެންވެ އަދަބު ލުއި ކޮށްދިނުމަށް ދައުލަތުން އިންކާރު ކުރި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *