މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އެއްބުރުން ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ނ. ވެލިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކޮށް އެވެރިކަން ދަމަހައްޓާނެ އެ ފަސް އަހަރު ދަމަހައްޓާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމާ ފިކުރާ ހުރިހާ ހަރަކާތެއް އަމާޒުކުރަންވާނީ އެ އިންތިޚާބު އަނެއްކާ ވެސް އެމްޑީޕީއަށް ކާމިޔާބުކޮށް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ ސަރުކާރެއް އެކުލަވާލުމަށް. އަޅުގަނޑު ނިކުމެ މިހުރީ އެކަން ތިބޭފުޅުންނަށް ކޮށްދޭން," ރައީސް ޞާލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، މިފަސް އަހަރު މިދަވަނީ ވަރަށް އަމާން އޮމާންކޮށް ކަމަށާއި އޭގެ ކުރިން ދެކެފައިވަނީ ބިރުވެރި ހަމަނުޖެހުން ބޮޑު ދުވަސްތަކެއް ކަމަށެވެ. އެހެންކަމުން މިހާރު އޮތް ގޮތަށް ސުލްހަވެރި އަމާންކަމުގައި ކުރިއަށްދާނީތޯ ނުވަތަ އެ ބިރުވެރި ހަމަނުޖެހުން ބޮޑު ދުވަސްތަކާ ކުރިމަތިލާނީތޯ ވިސްނެވުމަށް ރައީސް ގޮވާލެއްވިއެެވެ.
"އެކަން ކުރެވެން އޮތީ ތަފާތު ފިކުރުތައް އެއްކޮށް އުފެއްދޭ ސަރުކާރެއް އުފެއްދުމުގެ ވިސްނުމާއި ފިކުރު ހުރި މީހަކަށް އަދި އެފަދަ ތާއީދެއް ވެސް އޮތް މީހަކަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ޕާޓީގައި އެކަން ކުރެވޭނެ މީހަކަށް ހުރީ އަޅުގަނޑު," ރައީސް ޞާލިހް ވިދާޅުވިއެވެ.
ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރަނީ ވަކި މީހަކު ބާކީކޮށް ވަކި މީހަކާ އިދިކޮޅަށް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ޕްރައިމަރީ ނިމުމުން އެމްޑީޕީ ކުރިއަށްދާނީ އެކީގައި ކަމަށެވެ.