Ad

ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ގުޅޭ މައްސަލަތަކުގައި މިދިޔައަހަރު 32 މީހުން ހައްޔަރުކުރި: ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތައް ހުއްޓުވުމަށް ފާއިތުވި އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން، ހަށިވިއްކުމާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާއިތުވި އަހަރު 25 އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އޭގެ ތެރެއިން 14 އޮޕަރޭޝަނަކީ އިންޓެލިޖެންސް މައުލޫމާތަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ. އަނެއް 11 އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކެކެވެ.

ފުލުހުންގެ ތަފާސް ހިސާބުދައްކާ ގޮތުން އެ އޮޕަރޭޝަންތަކުގައި އަންހެނުންނާއި ފިރިހެނުން ހިމެނޭހެން ޖުމްލަ 32 މީހުން ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ ދިވެހިންނާއި 26 ބިދޭސީންނެވެ. ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރީގެ މައްސަލަތަކުގައި ފާއިތުވި އަހަރު 28 ބިދޭސީން ޑީޕޯޓުކޮށްފައިވެއެވެ. މި މީހުންގެ ތެރޭގައި 2022 ވަނަ އަހަރުގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންވެސް ހިމެނެއެވެ.

ހަށިވިއްކުމުގެ މައްސަލަތަކާއި އިންސާނީ ވަގުފާރި ކުރުމުގެ 11 މައްސަލައެއް ކޭސްކޮށްގެން ފާއިތުވި އަހަރު ތަހުގީގުކޮށްފައިވެއެވެ. އޭގެ ތެރެއިން ހަ މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރިއަށްދާއިރު ދެ މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު ތިން މައްސަލައެއް ވަނީ ފައިލްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *