ރައީސް ސޯލިހަކީ ދީނީ ކަންތަކަށް ފަރުވާތެރި ވަރަށް އަހުލާގު ރަނގަޅު ބޭފުޅެއްކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެވެ.
ސިޔާމް މިގޮތަށް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީއޭއިން އެހެން ޕާޓީއަކާއެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މިއަދު އެ ޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ސިޔާމް ވިދާޅުވީ، ފާއިތުވި 17 އަހަރު އެމްޑީއޭ އޮތީ އެމްޑީޕީއާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އޭރު އެމްޑީޕީގެ މޫނުމަތީގައި ހުރި މީހާގެ ސަބަބުން ކަމަށެވެ. ޝިޔާމް އެ އިޝާރާތް ކުރެއްވީ ރައީސް ނަޝީދަށެވެ. ޝިޔާމްގެ ވާހަކައިގައި ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއެވެ. މިގޮތުން ރައީސް ސޯލިހަކީ ރަނގަޅަށް ދަންނަ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ނަމާދު ކޮށް ރޯދަ ހިއްޕަވާ ވެސް ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު އެހެރީ އެމްޑީޕީގެ މޫނުމަތި މުޅިން ބަދަލުވެފައި. މިޙާރު އެހެރީ ދީނަށް ފުރައްސާރަ ނުކުރާ މީހެއް. އަޅުގަނޑު އެއްސެވިން ރައީސް އަރިހުގައި އިސްލާމް ދީނުގެ ސިޔާސަތު އޮތީ ކިހިނެއްތޯ. ވިދާޅުވީ ތިމަންނަ ހަމަ ދީނީ އިލްމުވެރިން ބުނާ ގޮތަށް ހަމަ އޭގެ ފުރިހަމައަށް ދީފައޭ އޮތީ. މިހާރުވެސް ސަރުކާރުގައި ދީނީ ހުރިހާކަމެއް ނިންމަނީ ދީނީ އިލްމުވެރިންނޭ" ސިޔާމް ވިދާޅުވި އެވެ.