Ad

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިއްޖެ! ރައީސް ވިދާޅުވަނީ މިއީ ކާމިޔާބެއް ކަމަށް!

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް މޮރިޝަސްއިން ހުށަހެޅި މައްސައިގައި ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ލިބުނުކަމަށްބުނެ ސަރުކާރުން އުފާ ފާޅުކޮށްފިއެވެ. މުޅިން އަލަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި މުޅި ކެބިނެޓު އެކުގައި ނޫސްވެރިންނާ ބައްދަލުކޮށްފިއެވެ. މިއީ ބޮޑު ކާމިޔާބީއެއްކަމަށާ، ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ބައެއް އިތުރުވީކަމަށް ދައްކަވައި އެތައް ވާހަކައެއް ދައްކަވައިފިއެވެ.

އެހެންނަމަވެސް އެއީ ހަޤީޤަތް ހެއްޔެވެ؟ މިވީ ކިހިނެއް ހެއްޔެވެ؟ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ޖެހުނީ ކޮން މައްސަލައެއް ހެއްޔެވެ. އެމައްސަލާގައި ރާއްޖެއަށް ލިބުނީ ކޮން ނަތީޖާއެއް ހެއްޔެވެ؟

މިއީ ސިޔާސީ ގޮތުން ވަކި މީހެއްގެ މަސްލަޙަތުގައި ވާހަކަދެއްކުމަށްވުރެ ބޮޑުކަމެކެވެ. ދިވެހި ރާއްޖޭގެ އިސްތިޤުލާލާ ގުޅުންހުރިކަމެކެވެ. ދިވެހި މަސްވެރިންނާ ގުޅުންހުރިކަމެކެވެ. ރާއްޖޭގެ އިޤްތިޞާދާ ގުޅުންހުރިކަމެކެވެ. ދިވެހިންނާ ގުޅުންހުރިކަމެކެވެ.

ހަޤީޤަތުގެ މައްޗަށް އެންމެ ޖުމަލައެއް ލިޔެލާނަމަ ލިޔަންޖެހޭނީ "ރާއްޖޭގެ އީއީޒެޑް ނުވަތަ އިޤްތިޞާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް މިމައްސަލަ ނިމިއްޖެ."އޭ އެވެ.

އުފެދުނު މައްސަލައަކީ ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވައްސާއި، ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލައެވެ މިމައްސަލާގައި މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އަށް ހުށަހެޅި މައްސަލާގައި އެތަކުން އިއްވި ޙުކުމާއެކު ރާއްޖޭގެ އީޒެޓް ސަރަހައްދުން ބޮޑު ބައެއް ގެއްލުނީއެވެ.

އިޓްލޮސްއިން ނިންމީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަމަށް ބުނާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބަހާށެވެ. މިހެން ނިންމިއިރު މިއީ އެތައް ޒަމާނެއްވަންދެން ދިވެހި މަސްވެރިން މަސްވެރިކަންކުރަމުންއައި ސަރަޙައްދެކެވެ. އެ ކަނޑުގެ ސަރަހައްދުން 44000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ބައެއް މިދިޔައީ ގެއްލިގެންނެވެ.

މިމައްސަލާގައި ރާއްޖެއިން އެއްބަސްވެފައިވަނީވެސް އަދި މިހާރުގެ ސަރުކާރުން ކުރިމަކީވެސް ފުށުއަރާކަމަށް ބުނާ ސަރަހައްދު ހަމަހަމައަށް ބައިކޮށް ބަހައިލުމެވެ.

ރާއްޖެއަށް ކާމިޔާބުވީއޭ ކިޔައިގެން ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ ކީއްވެ؟

ރާއްޖެއިން މޮރިޝަސްއާ ޚިލާފުވީ ނުވަތަ ދެކޮޅު ހެދީ ފުށުއަރާކަމަށް ބުނާ ކަނޑުގެ ސަރަހައްދު ބައިކުރުމުގައި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ފެށޭ ޕޮއިންޓުކަމަށް މޮރިޝަސްއިން ބުނާ ބުނުމާމެދުއެވެ. މޮރިޝަސްއިން ބުނެފައިވަނީ ޗާގޯސްގެ ބްލެންހައި ފަރުން ފެށިގެން އިން ވަކިކުރުމަށެވެ. މި ސަރުކަރުން ވަކާލާތުކުރިގޮތާ އެއްކޮޅަށް ނިންމީ މި ޕޮއިންޓުގެ މައްސަލައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ޤާނޫނުގައި ބުނެފައިވާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއަށް މިއޮތީ ގެއްލިފައެވެ. އެއިމެއް ދެން ނުލިބޭނެއެވެ. ގެއްލިގެން އެދިޔައީ ދިވެހި މަސްވެރިން މަހަކު 60 އަށްވުރެ ގިނަ ފަހަރު މަހަށް ދާ ސަރަހައްދެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި އެވަނީ މިދެންނެވި ސަރަޙައްދު އެތައް ޒަމާނެއްވަންދެން ބޭނުންކުރަމުން އައި މަސްވެރިން ބުނާ ގޮތަށެވެ. އިޓްލޮސްގެ ނިންމުމާއެކު ގާތްގަނޑަކަށް 94،000 އަކަމީޓަރުގެ ސަރަހައްދެއް ރާއްޖޭގެ ސަރަޙައްދުން ގެއްލިފައިވާކަމަށް މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެއެވެ. ދިވެހިންނަށް ދެން އޮތް އެންމެ މޮޅު ގޮތަކީ އިޓްލޮސްގެ މިނިންމުން ޤަބޫލުނުކުރުންކަމަށްވެސް ނަޝީދު ދެކެވަޑައިގަންނަވައެވެ.

މިވީ ކިހިނެއް ހެއްޔެވެ؟

ދިވެހި ރާއްޖޭގެ ފަރާތުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހޯދާކަށެއް މިއަދުގެ ސަރުކާރު، އިޓްލޮސްގައި ވަކާލާތެއް ނުވެސް ކުރެއެވެ. މައްސަލަ އެތަނަށް ދިޔައިރުވެސް މިހަރުގެ ރައީސްގެ ސިޓީފުޅަކުން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލަވައި އެކަން މޮރިޝަސްއަށް އަންގަވާފައިވާކަމަށް ވަނީ އަޑުފެތުރިފައެވެ. އެސިޓީއަކީ ސިއްރެކެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކަށްވެސް އިސިޓީއެއް ނުފެނެއެވެ. ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން އިޓްލަސްގައި އެސިޓީ ބޭނުންކުރިއެވެ.

އެހެންކަމުން މައްސަލަ ނިމުނީ ސަރުކާރުން ކުރިންވެސް އެއްބަސްވެފައި އޮތްގޮތަށެވެ. އެއީ ސަރުކާރަށް ކާމިޔާބަކަށްވެގެން އެކަމުގެ އުފާ ފާޅުވެސް ކޮށްފިއެވެ. އެހެންނަމަވެސް ރާއްޖޭގެ ކަނޑުން ބައެއް ގެއްލިއްޖެއެވެ. މަސްވެރިންނަށް އިޢާދަނުކުރެވޭވަރުގެ ގެއްލުމަކާ ކުރިމަތިވެއްޖެއެވެ. މިއީ ދިވެހިންނަށް މިފަހުގެ ތާރިޚުގައި ކުރިމަތިވި އަނދިރި ދުވަހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *